30 Jul 2012, 16:17
ވެރިކަން ފުރޮޅުނު ގޮތް ތަހުގީގު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ އިންކުއަރީ ކޮމިޝަންގެ ރިޕޯޓް ތައްޔާރުކުރުމަށް އެ ކޮމިޝަނަށް ދީފައިވާ މުއްދަތު އަންނަ އޮގަސްޓް 30 ވަނަ ދުވަހަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހަންމަދު ވަހީދު އިތުރުކޮށްދެއްވައިފި އެވެ.
ރިޕޯޓް ތައްޔާރުކޮށް ރައީސް އަށް ހުށަހަޅަން މީގެ ކުރިން ކޮމިޝަނަށް ދީފައި އޮތް މުއްދަތަކީ މި މަހުގެ ނިޔަލަށެވެ. ނަމަވެސް ފަހުން ކޮމިޝަނަށް ގެނެވުނު ބަދަލުތަކާ އެކު ކޮމިޝަނުން ވަނީ ރިޕޯޓް ތައްޔާރުކުރުމަށް ދިން މުއްދަތު އިތުރުކުރަން އެދިފަ އެވެ.
ރައީސް އޮފީހުން މިއަދު ބުނީ އިންކުއަރީ ކޮމިޝަންގެ މަސައްކަތްތައް ނިންމައި ރައީސް އަށާއި ރައްޔިތުންގެ މަޖިލީހުގެ ރައީސަށާއި، ޕްރޮސެކިއުޓަރ ޖެނެރަލަށާއި، އެޓާނީ ޖެނެރަލަށް ރިޕޯޓް ހުށަހަޅަން މިހާރު ދީފައިވާ ތާރީހަކީ ، 2012 އޯގަސްޓް 30ވާ ބުރާސްފަތި ދުވަހު ކަމަށެވެ. އަދި އެކަމުގެ ގަރާރު ރައީސް މިއަދު ނެރުއްވާފައިވާ ކަމަށްވެސް އެ އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނީ ކޮމިޝަނަށް އިތުރު މުހުލަތު ދޭން ނިންމެވީ އިންކުއަރީ ކޮމިޝަންގެ ރިޕޯޓް ނިންމުމަށް މީގެ ކުރިން ދީފައިވާ ތާރީޚު ކަމަށްވާ 31 ޖުލައި 2012 އަށް އެ މަސައްކަތްތައް ނިންމޭނެ ކަމަށް، އެ ކޮމިޝަނަށް ފެނިވަޑައިނުގަންނަވާތީ، އެ ކޮމިޝަނުން ހުށަހެޅުއްވި ސަބަބުތަކަށް ރިޢާޔަތް ކުރައްވުމަށް ފަހުގައި ކަމަށެވެ.
ކޮމިޝަންގެ ކޯޗެއާ ސިންގަޕޫރުގެ ފަޑިޔާރު ޑީޖީ ސެލްވަމް މީގެ ކުރިން ވިދާޅުވެފައި ވަނީ ކޮމިޝަންގެ ރިޕޯޓް ނެރުން ލަސްވީ ކޮމިޝަންގެ މަސައްކަތް ފެށުމުގައި ލަސްވުމާއި އަދި ކޮމިޝަނަށް މައުލޫމާތު ދިނުމަށް ނަންނޯޓުކޮށްފައި ތިބި މީހުން ގިނަ ކަމުން އެ އެންމެންގެ މައުލޫމާތު އެއްކުރަން ޖެހޭތީ ކަމަށެވެ.