އަލްފާ މޯލްޑިވްސްގެ އޮފީސް ފަޅާލައި އެތަނުން ލެޕްޓޮޕެއް ވަގަށްނެގި މީހަކު ދެ އަހަރާއި ހަމަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ. ޖަލަށް ލުމަށް މިއަދު ހުކުމްކޮށްފައި ވަނީ ހ. ހީލިއަމް، ޖަވްޝަން އަހުމަދުގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނަނީ ހ. ލޮނުގަލުގޭގައި ހުންނަ އަލްފާ މޯލްޑިވްސްގެ އޮފީސް ފަޅާލި ކަމަށް ބުނާ ގަޑީގައި ޖަވްޝަން އެ ސަރަހައްދުގައި މަޑުކޮށްފައިވާ ކަމާއި އަދި އެތަނުން ގެއްލިފައިވާ ލެޕްޓޮޕް އޭނާގެ ކޮޓަރިން ފެނިފައިވާ ކަމަށް ހެކީންގެ ހެކިބަހުން އެނގޭ ކަމަށެވެ.

އެ ހުކުމްގައި ބުނަނީ އެ ލެޕްޓޮޕަކީ އައިބޭއިން ގަނެފައިވާ ލެޕްޓޮޕެއް ކަމަށް ޖައުޝަން ބުނި ނަމަވެސް އެ ލެޕްޓޮޕް އޭނާ އައިބޭއިން ގަނެފައިވާ ގޮތް ޝަރީއަތަށް ސާފުކޮށްދީފައިނުވާތީ ހެކީންގެ ހެކިބަހާއި ގުޅިފައިވާ ގަރީނާތަކުގެ މައްޗަށް ބަލާއިރު އެ ލެޕްޓޮޕް ވަގަށް ނަގާފައި ވަނީ އޭނާކަމަށް ޝަރީއަތަށް ސާބިތުވާ ކަމަށެވެ.

މިއީ ވައްކަމުގެ ކުށެއް އޭނާގެ މައްޗަށް ސާބިތުވި ފުރަތަމަ ފަހަރު ކަމަށްވާތީ ހަމަސް ދުވަހަށް އަދި އޭނާ ވައްކަން ކޮށްފައި ވަނީ 10،000ރ. އަށް ވުރެ މަތީ އަދަދަކުން ކަމަށްވާތީ 12 މަސް އަދި އޭނާ ވައްކަންކޮށްފައި ވަނީ ތަނެއް ހަލާކުކޮށްލައިގެން ކަމަށްވާތީ އެއް އަހަރަށް އެކު ޖުމްލަ ދެ އަހަރާއި ހަމަސް ދުވަހަށް އޭނާ ޖަލަށް ލުމަށް ހުކުމް ކުރީ ކަމަށް ހުކުމުގައި ވެއެވެ.