30 Jul 2012, 15:32
ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގައި ނަން އިއްވަވާފައިވާ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ރައީސް އަލީ ވަހީދު މަޖިލީހުގެ ތަޅުން ދޫކުރައްވައި ވަޑައިނުގެންނެވުމުން މަޖިލީހުގެ ޖަލްސާ ކުރިއަށް ނުގެންދެވިގެން ނިންމާލައިފި އެވެ.
މިއަދު ހެނދުނު 10:30 ގައި މަޖިލީހުގެ ޖަލްސާ ފެށުމާއެކު ނިޒާމީ މައްސަލަތަކެއްގައި ވާހަކަފުޅު ދައްކަވައި އަޑުގަދަ ކުރައްވަން ފެއްޓެވުމާއެކު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވަނީ އަލީ ވަހީދަށް ނަސޭހަތްތެރިވެވަޑައިގެންފަ އެވެ. ނަމަވެސް ރިޔާސަތުން އެންގެވި ގޮތަށް އަލީ ވަހީދު އަމަލު ނުކުރެއްވުމުން އެންމެ ފަހުން އޭނާގެ ނަން އިއްވައި، މަޖިލީހުގެ ތަޅުން ދޫކުރެއްވުމަށް ރިޔާސަތުން އެންގެވި އެވެ.
މިއަދުގެ މެންދުރުފަހު 1:00 ގައި ޖަލްސާ ފެށި އިރު ވެސް އަލީ ވަހީދު ތަޅުމުގައި އިންނެވި ކަމަށް މަޖިލީހުގެ އަމީން އާންމު އަހުމަދު މުހައްމަދު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އަލީ ވަހީދު މަޖިލިސް ދޫކުރައްވާ ވަޑައިނުގެންނެވުމުން "މަޖިލީހުގެ ނިޒާމު ގެއްލިފައިވާ ކަމަށް" ވިދާޅުވެއް މިއަދު ޖަލްސާ ނިންމާލާފައިވާ ކަމަށެވެ.
މިދިޔަ ހަފްތާގައި ވެސް ބޭއްވި މަޖިލީހުގެ ތިން ޖަލްސާ ހުއްޓާލީ ވެސް ނިޒާމީ މައްސަލަތަކާ ހެދި މަޖިލިސް ކުރިއަށް ނުގެންދެވިގެންނެވެ. އެ ތިން ޖަލްސާގެ އެޑެންޑާގައި ހުރި އެއްވެސް ކަމެއް އަދި ކުރެވިފަ އެއް ނުވެ އެވެ.
މެންބަރުން ނަންގަވާ ނިޒާމީ މައްސަލަތައް ފާހަގަކޮށްފައި ވަނީ މަޖިލީހުގެ ރައީސްއަށް އެންގެވުމަކާ ނުލައި މެންބަރުން ހައްޔަރު ކުރުވާ މައްސަލަ އެވެ. އަދި މިއަދުގެ ޖަލްސާގައި ފާހަގަކޮށްފައި ވަނީ އަމިއްލަ ހޮސްޕިޓަލްތަކުން އާސަންދަ ހިދުމަތް ލިބިގަތުގައި ފީއެއް ނަގާ ގޮތަށް ހަމަޖެއްސި މައްސަލައިގަ އެވެ.