ނ. ކެނދިކުޅުދޫގައި މީހުން ފަހާ ދުއްވައިގެން ކުލަޖެހުން މަނާކޮށް، އަޟްޙާ އީދުގެ ހަރަކާތްތަކުގެ ތެރެއިން ކުލަ ޖެހުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަން އާންމުކޮށް އިއުލާންކޮށްފިއެވެ.

ކެނދިކުޅުދޫން އިއްޔެ ގެޒެޓުކުރިއިއުލާނެއްގައިވަނީ، ވޭތުވެދިޔަ އަހަރުތަކުގައި އީދުގެ ހަރަކާތްތައް ހިނގާފައިވާ ގޮތުގެ ތަޖުރިބާއަށް ބަލައި، މާދަމާ ފާހަގަކުރާ އަޟްޙާ އީދުގައި ކުޅިވަރު ކުޅޭ ސަރަހައްދުތަކާއި މަގުތަކުގައި ފެންޖެހުމާއި ކުލަޖެހުމުގައި އާންމު އިޖުތިމާއީ މިންގަނޑެއް އެކުލަވާލުމަށް އެ ކައުންސިލުން ނިންމައިފައިވާ ކަމަށެވެ.

އެ ކައުންސިލުން ސަމާލުވުމަށް އެދިފައިވާ ކަންތައްތަކުގެ ތެރޭގައި:

  • އަޟްޙާ އީދު ހަރަކާތްތަކުގައި ޚާއްސަކޮށްފައިވާ ދުވަހާއި ވަގުތުގައި ފިޔަވައި އެހެނިހެން ދުވަސްތަކާ ވަގުތުތަކުގައި ފެންޖެހުމާއި ކުލަޖެހުމުގެ ހަރަކާތްތައް ކުރިއަށް ނުގެންދިއުން

  • އިމާރާތްތަކާއި، ގޭބިސީތަކާއި ރައްޔިތުންގެ މުދަލަށް ފެނާއި ކުލަ ނުޖެހުން
  • ފެނާއި ކުލަ ފިޔަވައި ތެޔޮ، ކަޅުތެޔޮ، ފިއްލެޔޮ، ދަވާދު، ފަދަ މިނޫންވެސް ފެންޖެހުމުގެ ހަރަކާތުގައި މީހަކަށް އަނިޔާއެއް ވެދާނެފަދަ ޒާތުގެ އެއްވެސް އެއްޗެއް ބޭނުންނުކުރުން
  • އެއްގަމު އުޅަނދުތަކުގައި ދުއްވާފައި އުޅޭ މީހުންނަށް އަމާޒުކޮށް ކުލަޔާއި ފެން ނުޖެހުން
  • އެކި ރަށްރަށުން މެހުމާނުންގެ ގޮތުގައި ވަޑައިގެން އުޅުއްވާ އެއްވެސް ފަރާތެއްގެ ރުހުމަކާއި ނުލާ އެބޭފުޅުންނަށް އަމާޒުކޮށް ފެނާއި ކުލަ ނުޖެހުން
  • ފެންޖެހުމާއި ކުލަޖެހުމުގެ ހަރަކާތުގެ ތެރެއިން ސައިކަލާއި ކާރުފަދަ އުޅަނދުތަކުގަައި އެކި ތަންތަނަށް ގޮސް ނުވަތަ އެކި މީސްމީހުންގެ ފަހަތުން ފަހާ ދުއްވައިގެން ފެންޖެހުމާއި ކުލަޖެހުން ފަދަ ކަންކަން ނުކުރުން
  • ކުޑަކުދިންނާއި އަންހެނުންގެ ގަޔަށް ފެންޖެހުމާއި ކުލަޖެހުމުގައި އެމީހުންގެ ރައްކާތެރިކަމަށް ސަމާލުކަން ދިނުން
  • ފެންޖެހުމާއި ކުލަޖެހުމުގެ ހަރަކާތުގެ ތެރެއިން އިޖުތިމާއީ މަސްލަހަތު ގެއްލޭފަދަ އެއްވެސް ކަމެއް ނުކުރުން

މީގެ އިތުރުންވެސް އަޟްހާ އީދުގެ ހަަރަކާތްތައް ވީހާ ވެސް އޮމާންކަމާއި، އެކުވެރިކަމާއެކު ކުރިއަށް ގެންދިއުމަށް ކެނދިކުޅުދޫ ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.

ފެންކުޅީގެ ތެރެއިން މީގެ ކުރިން ހިނގައިފައި އެބަހުއްޓެވެ. އެގޮތުން 2023 ވަނަ އަހަރުގެ ފިތުރު އީދުގައި، ފެން ކޮތަޅަކުން ރެކެން އުޅުނު 20 އަހަރުގެ އަންހެނަކު އެކްސިޑެންޓުވެ ހާލު ސީރިއަސްވިއެވެ.