ރާއްޖޭގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާމެދު ކަންބޮޑުވާ ކަމަށާއި ރާއްޖެއަށް ސިޔާސީ ހަމަޖެހުން މުހިންމު ވެފައިވާ ކަމަށް ކެނެޑާ ސަރުކާރުން މިއަދު ބުނެފި އެވެ.

ރާއްޖެއާ ބެހޭ ގޮތުން ކެނެޑާގެ ފޮރިން އެފެއާޒް މިނިސްޓާ ޖޯން ބައާޑް މިއަދު ނެރުއްވި ބަޔާނުގައި ބުނެފައިވަނީ ރާއްޖޭގައި ހަމަނުޖެހުން ބޮޑުވެފައިވާ މި ދަނޑިވަޅުގައި ހުރިހާ ފަރާތްތަކުން ވެސް މަޑުމައިތިރިކަމާއި ސުލްހަވެރިކަމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

ކުރީގެ ރައީސް މުހަންމަދު ނަޝީދާއި އެމަނިކުފާނުގެ ސަރުކާރުގެ އިސް ބައެއް ވެރިން ހައްޔަރު ކުރަން މަސައްކަތް ކުރަމުންދާދިއުމެދު ކަންބޮޑުވުން ފާޅުކުރައްވަމުން ޖޯން ވިދާޅުވެފައިވަނީ އެ ފަދަ އަމަލުތައް ހުއްޓާލުމަށް ސަރުކާރަށް ގޮވާލައްވާ ކަމަށެވެ. އަދި އެއީ ކޮމަންވެލްތްގެ އުސޫލުތަކާ ހިލާފަށް ކުރެވޭ ކަމެއް ކަމަށެވެ.

"ކުރީގެ ރައީސް ނަޝީދުގެ ސަރުކާރުގެ އިސްވެރިން ހައްޔަރުކުރުމަކީ ސިޔާސީ މަގުސަދެއްގައި ކުރާ ކަމެއް ކަމަށް ގަބޫލުކުރެވެ އެވެ. މިކަންކަމަކީ ގަބޫލު ކުރެވޭނެ ކަންކަމެއް ނޫނެވެ. މި ފަދަ ކަންކަން ހުއްޓާލުމަށް ގޮވާލަމެވެ،" ބަޔާނުގައިވެ އެވެ. އެ ބަޔާނުގައި ރައީސް ނަޝީދު ހައްޔަރު ކުރަންދެވޭ އިންޒާރުތަކާ މެދުވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ބުނެފައި ވަނީ އެއީ ރިޔާސީ އިންތިހާބުގައި ނަޝީދު ވާދަކުރުމަށް ހުރަސް އެޅުން ކަމަށެވެ.

ޖޯން ވިދާޅުވެފައިވަނީ ރާއްޖޭގެ މައްސަލަތައް ހައްލުކުރެވޭނީ ރައްޔިތުންގެ އަޑު އަހައިގެން ކަމަށާއި އެކަމަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އަދި އެފަދަ އަމަލުތަކުގެ ސަބަބުން ދިވެހި ސަރުކާރާ މެދު ބޭރުގެ ފަރާތްތަކުން ދެކޭގޮތް ބަދަލުވެދާނެ ކަމަށެވެ.

"ރާއްޖޭގައި ޑިމޮކްރަޓިކް ހަމަތައް ހިފެހެއްޓިފައިވޭތޯ ކަށަވަރު ކުރުމަށް ކެނެޑާއިން ކޮމަންވެލްތާއެކު މަސައްކަތް ކުރާނެ އެވެ،" ބަޔާނުގައިވެ އެވެ.

ކެނެޑާއިން ކަންބޮޑުވުން ފާޅުކުރިއިރު އިނގިރޭސިވިލާތާއި ކޮމަންވެލްތު އަދި އދ ވެސް ވަނީ ރާއްޖޭގެ ހާލަތާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ.