30 Jul 2012, 15:16
މިއަހަރުގެ މާޗް މަހުގެ ތެރޭގައި ދިރުވާލައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ދިވެއްސަކު އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކުރުމަށް ފަހު އުމުރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.
މަސްތުވާތަކެތި އެތެރެކުރުމުގެ ކުށުގައި 100،000ރ. އިން ޖޫރިމަނާ ކުރުމަށްފަހު އުމުރަށް ޖަލަށް ލުމަށް ހުކުމްކޮށްފައި ވަނީ އައްޑޫ ސިޓީގެ ހުޅުދޫ ވެސްޓް ބްރީޒް، އަލީ އުގައިލްގެ މައްޗަށެވެ.
ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިސަރު އަހުމަދު މުހައްމަދު މަނިކު މިއަދު ވިދާޅުވީ އޭނާގެ މައްޗަށް އެ ހުކުމް ކޮށްފައި ވަނީ މިދިޔަ ބުދަ ދުވަހު ކަމަށެވެ.
އޭނާގެ މައްޗަށް ކުރި ހުކުމްގައި ބުނަނީ މިއަހަރުގެ މާޗް 29 ވަނަ ދުވަހުގެ 11:50 އެހާކަންހާއިިރު އެއާ އިންޑިއާގެ ފުލައިޓަކުން އުގައިލް ރާއްޖެ އައި އިރު މަސްތުވާތަކެތީގެ 76 ބްލެޓް ދިރުވާލައިގެން ގެނައިކަމަށް އޭނާގެ އިއުތިރާފުން އެނގޭކަމަށެވެ. އަދި އެ ބްލެޓްތައް ތަހުލީލު ކުރި އިރު އޭގައި މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ޑައިމޯފިން ހުރިކަމަށް ތަހުލީލު ރިޕޯޓުން އެނގޭ ކަމަށް ވެސް އެ ހުކުމްގައި ވެއެވެ.
އެހެންކަމުން މަސްތުވާތަކެތި ރާއްޖެ އެތެރެކުރުމުގެ ކުށުން އޭނާ ކުއްވެރިވާތީ އެކުށުގެ އުގޫބާތެއްގެ ގޮތުން އޭނާ އުމުރަށް ޖަލަށް ލުމަށް ހުކުމްކޮށް، އަދި 100،000ރ. އިން އޭނާ ޖޫރިމަނާ ކޮށް އެފައިސާ އެއްމަސް ދުވަހުގެ ތެރޭގައި ކްރިމިނަލް ކޯޓަށް ދައްކާ ޚަލާސްކުރުމަށް އޭނާއަށް އަންގައި ހުކުމް ކުރީ ކަމަށެވެ.