30 Jul 2012, 15:11
ހއ. އިހަވަންދޫ ބަޔަކު މިދިޔަ ބުރާސްފަތި ދުވަހު ހޮވި ހުދަންބަރު މާވަހަރު ގަންނާނެ ބަޔަކު ހޯދަން ފަށައިފި އެވެ.
މާވަހަރު ހޮވި ކަންނެލި ދޯނިީގެ ވެރިފަރާތް ކަމަށްވާ އަބްދުލްﷲ ހަލީމް މިއަދު ބުނީ އެމީހުން ބެލިބެލުމުން އެ ދޯންޏަށް ފެނުނީ މާވަހަރެއްކަން ޔަގީން ވެފައިވާ ކަމަށާއި އަދި އެ މާވަހަރުގައި އެއް ކިލޯ، 100 ގުރާމް ހުރި ކަމަށެވެ.
"އަޅުގަނޑުމެން ކަމާބެހޭ ތަޖުރިބާހުރި ފަރާތްތަކާ ވާހަކަ ދައްކައިފިން އަދި އަޅުގަނޑުމެން އަމިއްލއަށް ޓެސްޓްތަށްވެސް ހަދައިފިން އެއީ މާވަހަރެއް ކަން ޔަގީން، އަޅުގަނޑުމެން މިބަލަނީ ގަންނާނެ ބަޔަކު ލިބޭތޯ!" ހަލީމް ބުންޏެވެ.
ހަލީމް ބުނީ އިހަވަންދޫ "ފަހިވާ" ދޯންޏަށް އެ މާވަހަރު ހޮވީ މިދިޔަ ބުރާސްފަތި ދުވަހު ފަސް މީހުންނާއެކީ ކަންނެލި މަސްވެރިކަން ކުރުމަށް ނުކުމެ އުޅުމުގެ ތެރެއިން ގައްލަންދޫ ކަނޑުން ކަމަށާއި އެ މާވަހަރު ގަތުމަށް މިހާރު ދިވެހި ކުންފުއްޏަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ. މާވަހަރު ގަންނަށް ދިވެހި އެ ކުންފުނިން ޝައުގުވެރިކަން ފާޅުކޮށްފައިވަނީ ގުރާމެއް 35 ޑޮލަރަށް ކަމަށް ވެސް ބުންޏެވެ ނަމަވެސް އެއީ ކޮންކުންފުއްޏެއް ކަމެއް ނުބުނެއެވެ.
އެ އަގަށް އެ މާވަހަރު ގަންނަނަމަ މާވަހަރުގެ އަގަކަށް ވާނީ 38500 ޑޮލަރެވެ. އެއީ ގާތްގަނޑަކަށް 593670ރ. އެވެ.
އިހަވަންދޫ އެ ދޯނިން އެމާވަހަރު ހޮވުމަށްފަހު ގަންނާނެ ބަޔަކު ހޯދަން މަސައްކަތް ކުރަމުން އަންނަ އިރު މިދޭތެރެއިން ރާއްޖެއިން މަވަހަރުކަމަށް ބުނާ ގިނަ އަދަދެއްގެ އެއްޗެތިތަކެއް ވަނީ ހޮވާފައެވެ. ނަމަވެސް ރާއްޖެ އިން މި ދުވަސްވަރު ފެންނަމުންދަނީ މާވަހަރުތަކެއް ނޫން ކަމަށާއި އެ އެއްޗެހިތަކަކީ ޖަނަވާރުގެ ސަރުބީ ކަމަށް ރާއްޖެ އިން މާވަހަރު އެކްސްޕޯޓް ކުރާ ކުންފުންޏަކުން ވަނީ ބުނެފައެވެ. އަދި އެހިސާބުން މާވަހަރު ފެނުން ވެސް ވަނީ މަދުވެފަ އެވެ.