30 Jul 2012, 14:57
އިންޑިޔާ ސަރުކާރުން ދެއްވި ދަތުވަތެއްގައި އިންޑިއާގެ ބޮޑުވަޒީރު ޑރ. މަންމޯހަން ސިންގްއާ ބައްދަލު ކުރެއްވުމަށް ޑީއާރުޕީގެ ލީޑަރު އަހްމަދު ތަސްމީން އަލީ މާދަމާ އިންޑިޔާ ފުރާވަޑައިގަންނަވާނެ ކަމަށް އެ ޕާޓީން ބުނެފި އެވެ.
ޑީއާރުޕީން ބުނީ އެ ޕާޓީގެ ޕާލަންޓްރީ ގުރޫޕްގެ ލީޑަރު އަދި ކެންދޫ ދާއިރާގެ މެންބަރު ތަސްމީނަށް ދެއްވާފައިވާ އެ ދައުވަތަކީ ޕާޓީގެ ލީޑަރެއްގެ ހައިސިޔަތުން ދެއްވާފައިވާ ދައުވަތެއް ކަމަށެވެ. އަދި މިދައުވަތަކީ ރާއްޖޭގެ ސިޔާސީ ޕާޓީއެއްގެ ލީޑަރަކަށް މަޤާމުގެ ހައިސިއްޔަތުން އިންޑިޔާ ސަރުކާރުން ދެއްވި ފުރަތަމަ ދައުވަތު ކަމަށް އެ ޕާޓީން ބުނެ އެވެ.
އިންޑިޔާއަށް ކުރައްވާ އެ ދަތުރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރު މަންމޯހަން ސިންގްގެ އިތުރުން އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓާނަލް އެފެއާރޒް މިސްޓަރު އެސް. އެމް. ކުރިޝްނާ އާއި ފޮރިން ސެކެރެޓަރީ މިސްޓަރު ރަންޖަން މަތާއީއާ ބައްދަލު ކުރެއްވުމަށް ވެސް ހަމަޖެހިފާވާކަމަށް ޑީއާރުޕީން ބުނެ އެވެ.
މީގެ އިތުރުން ތަސްމީނުގެ އެ ދަތުރުފުޅުގައި އިންޑިއާގެ މަޝްހޫރު ރިސާޗް މަރުކަޒެއްކަމުގައިވާ އޮބްޒާވާސް ރިސާޗް ފައުންޑޭޝަން (އޯ.އާރު.އެފް) ގައި ތަގްރީރު ކުރެއްވުމަށްވެސް ހަމަޖެހިފާވާއިރު އިންޑިއާގެ ނޫސްތަކާއި، މީޑިއާގެ އެހެން ފަރާތްތަކާވެސް ބައްދަލުކުރާގޮތައް ހަމަޖެހިފައިވާ ކަމަށް އެ ޕާޓީން މައުލޫމާތުދެ އެެވެ.
އިންޑިޔާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ތަސްމީނު ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނެވެ. އަދި މި ދަތުރުފުޅަކީ އަންނަ ބުދަ ދުވަހުން ފެށިގެން ހަތަރު ދުވަހަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށް ޑީއާރުޕީން ބުނެ އެވެ.