ލާންސް ކޯޕްރަލް އާދަމް ހަލީމް ޑިއުޓީއަށް ދަނިކޮށް ވަޅިހަރައި މަރާލި ކަމަށް ތަހުގީގުގައި އިއުތުރާފުވެފައިވާ ކާށިދޫ، ސުވާސާގޭ، މުހައްމަދު ސަމާހު 22، ގެ ޝާރީއަތް މާދަމާ ފަށާނެ ކަމަށް ކްރިމިނަލް ކޯޓުން ބުނެފި އެވެ.

ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިސަރު އަހުމަދު މުހައްމަދު މަނިކު މިއަދު ވިދާޅުވީ އެ މައްސަލައިގެ ޝަރީއަތް ފެށުމަށް ހަމަޖެހިފައި ވަނީ މާދަމާ 2:00 ގައި ކަމަށެވެ.

ދައުލަތުން ސަމާހުގެ މައްޗަށް އުފުލާފައި ވަނީ ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އެވެ.

ސަމާހުގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ފޮނުވާފައި ވަނީ އިއްޔެ މެދުރުފަހުގެ ވަގުތެއްގަ އެވެ.

ގައިގެ އެތަން މިތަނަށް ވަޅިހަރައި ހަލީމް މަރާލާފައި ވަނީ މާރާމާރީގެ މައްސަލައެއްގައި ސަމާހު ހައްޔަރުކޮށްފައި ވަނިކޮށް ކޯޓުން އޭނާ ގޭބަންދަށް ބަދަލުކުރި ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ހަލީމް ޑިއުޓީއަށް ދަނިކޮށް މަގުމަތިން ހަމަލާދިނުމަށް ފަހު އެވެ. ހަލީމް މަރާލާފައި ވަނީ މި މަހުގެ 22 ވަނަ ދުވަހުގެ ރޭގަ އެވެ.

ކާށިދޫ ކައުންސިލުން ބުނީ ސަމާހަކީ މަރާމާރީ އާއި މަސްތުވާތަކެއްޗާއި ވައްކަމުގެ ކުށުގެ ރެކޯޑު އޮންނަ މީހެއް ކަމަށެވެ.