ފިރިމީހާ މަސްތުވާތަކެތި ގެންގުޅޭކަން އެނގިހުރެ އެކަން ކަމާބެހޭ ފަރާތަށް ނާންގާ ހުރިކަމަށް ބުނެ އަނބިމީހާގެ މައްޗަށް ދައުވާކޮށްފި އެވެ.

އެ މައްސަލައިގައި ދައުވާކޮށްފައި ވަނީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ބޮޑެއްކަމަށް ފުލުހުން ބުނާ މ. ލޮނުމިދިލިގޭ ޝަފާޒު އަބްދުއް ރައްޒާގުގެ ކޮއްކޮ ޝުޒުނާ އަބްދުއް ރައްޒާގުގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުގައި މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި ދައުވާ އިއްވަވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ ޝުޒުނާގެ ފިރިމީހާ މ. ކުދެހިގޭ، ހުސެއިން އަތީފް މަސްތުވާތަކެތި ގެންގުޅޭކަން އޭނާއަށް އެނގިހުރެ އެކަން ކަމާބެހޭ ފަރާތަށް އަންގާފައި ނުވާކަމަށެވެ.

އެހެންކަމުން މަސްތުވާތަކެއްޗާއި ބެހޭ ކުރީގެ ގާނޫނުގެ އަށް ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ މާއްދާގެ (ށ) ގެ ދަށުން އޭނާގެ މައްޗަށް ކުރާ ދައުވާއަކީ "މަސްތުވާތަކެއްޗާއި ބެހޭ ގާނޫނުގައި ކުށެއް ކަމަށް ބަޔާންކޮށްފައިވާ ކަމެއް މީހަކު ކުރިކަން އެނގިހުރެ އެކަން ކަމާ ބެހޭ ފަރާތަށް ނޭންގުމުގެ ކުށުގެ ދައުވާ" ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.

ދައުވާ އިއްވުމުން އޭނާ ވަނީ ދައުވާއަށް އިންކާރުކޮށްފައެވެ.

ދައުވާއަށް އޭނާ އިންކާރުކުރުމުން ދައުވާ ސާބިތުކުރުމަށްޓަކައި ދައުލަތުން މިއަދު ވަނީ ހެކި ހުށަހަޅާފައެވެ.

ދައުލަތުން މިއަދު ހުށަހެޅި ހެކިތަކުގެ ތެރޭގައި ޝުޒުނާއާ އޭނާގެ ފިރިމީހާ އަތީފާއި ދެމީހުންގެ ދެމެދު ކުރެވިފައިވާ ފޯންކޯލެއް ގެ ރެކޯޑިން އާއި އޭގެ ސްކްރިޕްޓާއި އަދި ވޮއިސް އެނަލިސިސް ރިޕޯޓު ހިމެނެއެވެ. އަދި އެ ރިކޯޑިންގައި އަތީފާއި ވާހަކަ ދައްކާފައި ވަނީ ޝުޒުނާ ކަން ސާބިތުކުރުމަށް ޓަކައި، އެ ރެކޯޑިންގެ ޑިޖިޓަލް އެނަލައިޒް ރިޕޯޓު ތައްޔާރުކުރި ޕޮލިސް އޮފިސަރު ވެސް ވަނީ ހެއްކެއްގެ ގޮތުގައި ހުށަހަޅައިފަ އެވެ.

މީގެ ކުރިން ދައުލަތުން ވަނީ ކުލަބް އީގަލްސްގެ އެސިސްޓެންޓް ކޯޗް ހދ. ހަނިމާދޫ، ހުޅަނގުގޭ، އަހުމަދު ޝާކިރުގެ މައްޗަށް ވެސް އެ ދައުވާ އުފުލާފަ އެވެ.

ޝާކިރުގެ މައްޗަށް ކުރި ދައުވާގައި ބުނަނީ އޭނާގެ ރައްޓެއްސެއް ކަމަށްވާ މ. ލޮނުމިދިލިގޭ ޝަފާޒު އަބްދުއްރައްޒާގަކީ މަސްތުވާތަކެތި ގެންގުޅޭ މީހެއްކަން އޭނާ އަށް އެނގި ހުރެ އެކަން ކަމާ ބެހޭ ފަރާތަށް އޭނާ އަންގާފައި ނުވާކަމަށެވެ.

ދައުވާ އަށް ޖަވާބުދާރީވަމުން ޝާކިރު ކުރިން ބުނެފައި ވަނީ ސަފާ އަކީ އޭނާގެ ރައްޓެއްސެއް ކަމަށާއި އަދި ސަފާއާ ފޯނުން އާންމުގޮތެއްގައި ވާހަކަ ދައްކައި ހަދާ ކަމަށެވެ. ނަމަވެސް އޭނާއަކީ މަސްތުވާތަކެތި ގެންގުޅޭ މީހެއްކަން އޭނާ އަށް އެނގިފައިނުވާ ކަމަށް ވެސް ޝާކިރު ބުނެފައި ވެއެވެ.

ޝާކިރު ދައުވާއަށް އިންކާރުކޮށްފައި ވާތީ އޭނާގެ މައްޗަށް ދައުވާ ސާބިތުކުރުމަށްޓަކައި ވެސް ދައުލަތުން ވަނީ ހެކި ހުށަހަޅާފަ އެވެ. ދައުލަތުން ހުށަހެޅި ހެކިތަކަކީ ހ. ފަށަން ގެއިން މަސްތުވާތަކެތި ފެނިގެން ސަފާ ހައްޔަރުކުރި ދުވަހު އޭނައާ ސަފާއާ ދެމެދު ކުރެވިފައިވާ ފޯން ކޯލެއްގެ ރެކޯޑިން އާއި އޭގެ ސްކްރިޕްޓެވެ. އަދި އެ ރިކޯޑިންގައި ސަފާއާއި ވާހަކަ ދައްކާފައި ވަނީ ޝާކިރުކަން ސާބިތުކުރުމަށް ޓަކައި، އެ ރެކޯޑިންގެ ޑިޖިޓަލް އެނަލައިޒް ރިޕޯޓު ތައްޔާރުކުރި ޕޮލިސް އޮފިސަރު ވެސް ވަނީ ހެއްކެއްގެ ގޮތުގައި ހުށަހަޅައިފަ އެވެ.

މިއަދުވެސް ކްރިމިނަލް ކޯޓުގައި އެ މައްސަލައިގެ އަޑުއެހުމަކަށް ތާވަލް ކުރިނަމަވެސް ޝާކިރަށް ވަކީލަކު ހަމަނުޖެއްސޭތީ ޝަރީއަތް ވަނީ ކެންސަލްކޮށްފަ އެވެ.

އެ ދެ މީހުން ވެސް ދައުވާއަށް އިންކާރުކޮށްފައިވާތީ ދެން އޮންނާނީ ދައުވާ ސާބިތުކުރުމަށްޓަކައި ދައުލަތުން ހުށަހަޅާފައިވާ ހެކީންގެ ހެކިބަސް ނެގުމެވެ.