25 Aug 2010, 18:20
23:34
ފުލުހުން މިދިޔަ ޖޫން މަހުގެ 29 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެންބަރު އަދި ޕީއޭގެ ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ހައްޔަރުކޮށްގެން ގެންގުޅުމުގެ ސަބަބުން ލިބުނު ގެއްލުންތަކުގެ ބަދަލު ހޯއްދަވަން މަދަނީ ކޯޓުގައި މިއަދު ދައުވާކޮށްފި އެވެ.
ޔާމީން އަބްދުލްގައްޔޫމުގެ ގާނޫނީ ވަކީލުންގެ ޓީމުގެ އިސް ވަކީލު، ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު ސިންގަޕޫރުގައި ހުންނަވައިގެން ސަންއެފްއެމް އޮންލައިނަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ހިމާޔަތް ދިނުމުގެ ނަމުގައި ޔާމީނުގެ ރުހުމާއި ނުލައި ސިފައިން ޔާމީން ހައްޔަރުކޮށްގެން އުޅުނު މައްސަލަ އަކީ ގާނޫނު އަސާސީއާ ހިލާފު މައްސަލައެއްގެ ގޮތުގައި މަދަނީ ކޯޓުން މިއަދު ނިންމި އިރު ސިފައިންނަށް ވުރެ ކުރިން ފުލުހުން ޔާމީން ހައްޔަރު ކޮށްގެން ގަވައިދާ ހިލާފަށް ގެންގުޅުނު މައްސަލައިގެ ބަދަލު ހޯއްދެވުމަށް މިއަދު މަދަނީ ކޯޓަށް ދައުވާއެއް ހުށަހަޅާފައިވާ ކަމަށެވެ.
"މިހާރު މައްސަލަ ބަލައިގެންފި، ވަރަށް އަވަހަށް އެ މައްސަލަ ކުރިޔަށް ހިނގައިގަންނާނެ،" އާޒިމާ ވިދާޅުވި އެވެ.
ކުރީގެ ރައީސް މައުމޫނުގެ ކޮއްކޯފުޅު، ޔާމީން ފުލުހުން ހައްޔަރު ކުރި މައްސަލާގައި ބަދަލުހޯދަން ޔާމީންގެ ފަރާތްޕުޅުން ކުރައްވާ ދައުވާގައި ހިމަނާފައިވާ ބައިތަކެއް އާޒިމާ ވިދާޅެއް ނުވެ އެވެ.
ޔާމީނާ އެކު ގާސިމް އިބްރާހީމް ވެސް ފުލުހުން ހައްޔަރު ކުރެއްވި އެވެ. އެ ދެބޭފުޅުން ހައްޔަރު ކުރެއްވީ ޖޫން 29 ވަނަ ދުވަހު ކެބިނެޓް އިސްތިއުފާ ދެއްވިތާ ގަޑިއެއްހާއިރުގެ ތެރޭގަ އެވެ. އެ ބޭފުޅުން ހައްޔަރު ކުރެއްވީ ސަރުކާރު ވައްޓާލަން އުޅުއްވާ ކަމުގެ ތުހުމަތުތަކެއްގަ އެވެ.