ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގައި މަސައްކަތް ކުރާ މުވައްޒަފަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލާގައި ސީއެސްސީގެ ރައީސް މުހައްމަދު ފަހުމީ ހަސަން ކޮމިޝަންގެ މެންބަރުކަމުން އިސްތިއުފާ ދެއްވުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން އަންގާފައިވާ މުއްދަތުގައި ފަހުމީ އިސްތިއުފާ ދެއްވާފައި ނުވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ސީއެސްސީގެ މުވައްޒަފަކަށް ޖިންސީ ގޯނާ ކުރި މައްސަލަ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ބެލުމަށްފަހު ފަހުމީ އެ އަމަލު ހިންގި ކަމަށް ކޮމެޓީގެ އަގުލަބިއްޔަތުން ފާސްކޮށް، 14 ދުވަހުގެ ތެރޭގައި އިސްއުފާ ދެއްވުމަށް ވަނީ އަންގާފަ އެވެ. ނަމަވެސް ރައީސް އޮފީހުގެ ސްޕޯކްސް ޕާސަން އައްބާސް އާދިލް ރިޒާ ވިދާޅުވީ ކޮމެޓީން ދީފައިވާ މުހުލަތުގައި ފަހުމީ އިސްތިއުފާ ދެއްވާފައި ނުވާ ކަމަށެވެ.

ސީއެސްސީގެ މެންބަރު ކަމުން ފަހުމީ އިސްތިއުފާ ދެއްވުމަށް ފާސްކުރި ކޮމެޓީގެ ނައިބު މުގައްރިރު ދިއްދޫ ދާއިރާގެ މެންބަރު އަހުމަދު ސަމީރު ވިދާޅުވީ ފަހުމީ އިސްތިއުފާ ނުދެއްވުމުން ދެން އެ މައްސަލަ ދާނީ މަޖިލީހުގެ ތަޅުމަށް ކަމަށެވެ. މަޖިލީހުގެ ތަޅުމުގައި އެކަމަށް ބަހުސް ކުރުމަށްފަހު މަޖިލީހުން ނަގާ ވޯޓެއްގައި ފަހުމީގެ މެންބަރު ކަމާ މެދު ގޮތެއް ނިންމާނެ ކަމަށެވެ.

ސީއެސްސީގެ މުވައްޒަފަކަށް ފަހުމީ ޖިންސީ ގޯނާ ކުރި ކަމަށް ބުނަނީ އަންހެން މުވައްޒަފެއްގެ ބަނޑުގައި އަތް ކާއްތަމުން "ތި ކަހަލަ ރީތި ހުސްހަށިބައި އަންހެންކުދިން ފަލަވީމާ ކަމަކު ނުދާނެއޭ" ވިދާޅުވެ، އަތުގައި ހިފައި ބޭއަދަބީ ގޮތަކަށް އަމަލު ކޮށްފައިވާ ކަމަށް ކޮމެޓީގެ ބައެއް މެންބަރުން ބުނެ އެވެ.

ރައީސް ފަހުމީ އިސްތިއުފާ ދެއްވުމަށް ކޮމެޓީން އެންގީ ގާނޫނޫ އަސާސީގެ 187 ވަނަ މާއްދާއަށް ރިޔާއަތްކޮށެވެ. އެ މާއްދާގައި ބުނަނީ ސީސީއެސްސީގެ މެންބަރަކު މާގާމާ އެކަށީގެން ނުވާފަދަ ކަމެއް ކުރި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމެޓިއަކަށް ފެނިގެން، އެ މެންބަރަކު އެ ކޮމިޝަނުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓްގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްތަތުން ފާސްކުރުމުން އެ މެންބަރަކު މެންބަރުކަމުން ވަކިވީ އެވެ.