ރައްޔިތުން މަޖިލީހުގެ މަސައްކަތް މި އަހަރުގެ މާޗްމަހު ހުއްޓިފައި އޮތް ދުވަސްތަކަށް 20،000ރ. ގެ ކޮމެޓީގެ އެލަވަންސް ނަގަން މާލިއްޔަތު ކޮމެޓީން ނިންމާފައިވާ ނިންމުމާ މެދު މެންބަރުންގެ މެދުގައި ހިޔާލުތަފާތުވެ އެ މައްސަލަ އަލުން މުރާޖައާ ކުރަން މާލިއްޔަތު ކޮމެޓީން މިއަދު ނިންމައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ފާޑު ކިޔުންތައް އަމާޒުވެފައިވާ މާޗުމަހުގެ ކޮމެޓީގެ އެލަވަންސްގެ މައްސަލައިގެ ބަހުސް މިއަދުގެ ކޮމެޓީގައި ފެއްޓުނީ އެ މައްސަލަ ނިންމި ދުވަހުގެ ކޮމެޓީގެ ޔައުމިއްޔާ ފޯރުކޮށްދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފޮނުވާފައިވާ ސިޓީއަކާމެދު ބަހުސް ކުރުމަށް ފުލޯ ހުޅުވާލުމާއެކު އެވެ.

މާޗް މަހުގެ ކޮމެޓީގެ އެލަވަންސްގެ މައްސަލަ މުރާޖައާ ކުރުމުގެ މައްސަލަ މިއަދުގެ ކޮމެޓީއަށް ފުރަތަމަ ނެންގެވީ މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން އެވެ. އޭނާ ވިދާޅުވީ ކޮމެޓީ އެލަވަންސް ބޭސްވެފައި އޮންނަނީ ހާޒިރީގެ މައްޗަށް ކަމަށްވާއިރު މަސައްކަތް ނުކުރާ ދުވަހަކަށް ކޮމެޓީ އެލަވަންސް ނެގުމަކީ ތާއީދު ކުރައްވާ ކަމެއް ނޫން ކަމަށާއި ފިކްސްޑް އެއްޗެއް ދޭނަމަ އެއީ އެލަވެންސެއް ކަމަށް ނުބެލެވޭނެ ކަމަށެވެ.

"ކޮމެޓީ އެލަވަންސަކީ މެންބަރުން ހާޒިރުވާ މިންވަރަށް ދޭ އެއްޗެއް، އެހެންވީމަ މަސައްކަތް ނުކުރާ ދުވަހަކަށް މެންބަރުންނަށް އެލަވެންސެއް ދެވުމަކީ ތާއީދު ކުރެވޭ ކަމެއް ނޫން، އެ ފިކްސްޑް އެއްޗެއް ކަމަށް ވަންޏާ އެ ވާނީ މުސާރައިގެ ގޮތުގައި ދެވޭ އެއްޗެއްގެ ގޮތުގައި، އެހެންވީމަ އަޅުގަނޑަށް ފެނޭ މި މައްސަލަ [މާޗް މަހުގެ އެލަވަންސް ނަގާ މައްސަލަ]ގައި އަޅުގަނޑުމެން ރީ ސިޓް ކުރަން،" ޔާމީން ވިދާޅުވި އެވެ.

ޔާމީންގެ ވާހަކަތަކަށް ތާއީދު ކުރައްވާ ވާހަކަ ދައްކަވަމުން މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވީ ގައުމުގެ އިގްތިސޯދީ ހާލަތު ދަށު ދަރަޖައެއްގައި އޮތް އިރު މެންބަރުން ބޮޑަތި އަދަދުތަކުން އެލަވަންސް ނަގަން އަމިއްލައަށް ފާސްކޮށް އެކަން ކުރުމަކީ ގަބޫލުކުރެވޭ ކަމެއް ނޫން ކަމަށާއި އެކަން ރަނގަޅު ކުރަން ޖެހޭ ކަމަށެވެ.

"އަޅުގަނޑުމެން މި އުޅެނީ މާބާރުގަދަ ބަޔަކަށް ވެގެން، އަޅުގަނޑުމެން އަމިއްލައަށް އެލަވަންސްތައް ކަނޑައަޅައި އަދި މަސައްކަތް ވެސް ނުކުރާ ދުވަހަށް ނަގަމުން މި ގެންދަނީ، އެހެންވީމަ އަޅުގަނޑުމެން އެބަޖެހޭ މިކަހަލަ ކަމެއް ގޯސްކޮށްގޮސްފައި ހުރިއްޔާ އެ ކަމެއް ރަނގަޅު ކޮށްލަން، އޭރުން އެކަން ނިމުނީ ނޫންތޯ؟" ޖާބިރު ވިދާޅުވި އެވެ.

މާޗްމަހު މަސައްކަތް ނުކުރި ނަމަވެސް ކޮމެޓީ އެލަވަންސް ނެގުމަށް ޖޫން 13 ވަނަ ދުވަހު ބޭއްވި މާލިއްޔަތު ކޮމެޓީގެ ޖަލްސާއިން ނިންމި ނަމަވެސް އެކަން މިހާތަނަށް އަދި ތަންފީޒުކޮށްފައެއްނުވެ އެވެ. ކޮމެޓީގެ ބައެއް މެންބަރުން މިއަދު ވިދާޅުވީ އެކަން ތަންފީޒު ނުވެ އޮތީ އިދާރީ ގޮތުން ނިންމަންޖެހޭ ނިންމުންތައް ނުނިމިގެން ކަމަށެވެ.

އެ ކޮމެޓީ އެލަވަންސް ނެގުމުގެ މައްސަލައިގައި އެންމެ ބޮޑަށް ތާއިދު ކުރެއްވީ ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދެވެ. އޭނާ ވިދާޅުވީ އޭސީސީން ފޮނުވި ސިޓީއާ ގުޅިގެން އެ މައްސަލައިގައި އަލުން ރިސިޓް ކުރަން ޖެހޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި އެއީ އިދާރީ ނިންމުމެއް ކަމަށެވެ. އޭނާ ވަނީ އެކަން އެގޮތަށް ބޭއްވުމަށް ބާރު އަޅުއްވާ ވާހަކަ ދައްކަވައިފަ އެވެ.

"އަޅުގަނޑުމެން، މި މަޖިލީހުގެ މެންބަރުން އިތުރަށްވާނެ ފަލީހަތެއް ނޯންނާނެ، އެއީ އަޅުގަނޑުމެންގެ ފޮޓޯތަކާއި އެއްޗިހި ހުރީ އެކި ގޮތްގޮތައް ވެސް ޖަހާފައި، މި ކޮމެޓީން ނިންމާފައި އޮތް ނިންމުމެއް ކޮމިޝަންގެ ސިޓީއަކާ ގުޅިގެން އަލުން ރީ ސިޓް ކުރަން، އިށީންނާކަށް ތާއީދެއް ނޫން،" ރިޔާޒު ވިދާޅުވި އެވެ.

އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވެސް ވަނީ އެ އެލަވަންސް އެގޮތަށް ބޭއްވުމަށް ތާއީދު ކުރައްވާ މޭރުމަކުން ވާހަކަ ދައްކަވައިފަ އެވެ. އޭނާ ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް މެންބަރުންނަށް ލިބޭ އިމްތިޔާޒު ތަކާއި އުޖޫރަތަށް ބޮޑު ކަމަށާއި މަޖިލީހުގެ މެންބަރުންނަށް ދޭ މުސާރައަކީ ކޮންމެ ގައުމެއްގައި ވެސް ބޮޑު އެއްޗެއް ކަމަށެވެ. ނަމަވެސް އެ މައްސަލައިގައި ކޮންމެވެސް ގޮތެއް ނިންމަންޖެހޭ ކަމަށް ސަލީމް ފާހަގަ ކުރެއްވި އެވެ.

މާޗްމަހަށް ވެސް 20،000ރ. ގެ ކޮމެޓީ އެލަވަންސް ދިނުމުގެ މައްސަލައަކީ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) ކޮމެޓީއަށް ހުށަހެޅުއްވި މައްސަލަ އެކެވެ. އެ ހުށަހެޅުމަށް އެދުވަހު ކޮމެޓީގައި ތާއީދު ކުރީ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭސް ސަލީމް) އެވެ. އެ ހުށަހެޅުން ފާސްވީ އެމްޑީޕީގެ ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބާއި އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒް އާއި ކާނަލްގެ އިތުރުން ރެޑްވޭވް ސަލީމްވެސް ވޯޓް ދެއްވައިގެންނެވެ.

މާޗް މަހުގެ ކޮމެޓީ އެލަވަސް ނުނެގުމަށް ވޯޓް ދެއްވީ ވިލިފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދާއި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ އާއި ވައިކަރަދޫ ދާއިރާގެ މެންބަރު އަލީ އާރިފެވެ. އެ ދުވަހުގެ ރިޔާސަތު ބެލެހެއްޓެވީ ބިލަތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަމްޒާ އެވެ.

މިއަދުގެ ޖަލްސާގައި އޭނާ ވަނީ ކޮމެޓީ އެލަވަންސްގެ މައްސަލަ ފާސްކުރި ކޮމެޓީގެ ޔައުމިއްޔާ އެންޓި ކޮރަޕްޝަން ކޮމިޝަނުން ހޯދަން ޖެހެނީ ކީއްވެތޯ ސުވާލުކުރައްވައިފަ އެވެ. އޭނާ ވަނީ މަޖިލީހުގައި މެންބަރުން ނިންމާ ނިންމުމެއް ތަހުގީގު ނުކުރެވޭނެ ކަމަށް ވިދާޅުވެ އެ ގޮތަށް ވަކާލާތު ކުރައްވައިފަ އެވެ.

މިއަދުގެ ކޮމެޓީ މުގައްރިރު ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ނިންމަވާ ލެއްވީ ކައުންސިލް ޖެނެރަލްގެ ލަފާގެ މަތިން އޭސީސީން ބޭނުންވާ ޔައުމިއްޔާ އެ ކޮމިޝަނަށް ފޯރުކޮށްދިނުމަށެވެ. އަދި މާޗްމަހުގެ ކޮމެޓީގެ އެލަވަންސްގެ މައްސަލަ އެހެން ދުވަހަކަށް އެޖެންޑާ ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.