އިސްލާމިކު މިނިސްޓަރު މުހައްމަދު ޝަހީމު އަލީ ސައީދު ދަރިފުޅާއި މުހައްމަދު ޒާހިރު (އޯކޭ ޒާހިރު) ދިމާކުރާ މައްސަލައެއް ޕޮލިހަށާއި ހިއުމަންރައިޓްސް ކޮމިޝަނަށް މިއަދު ހުށައަޅައިފި އެވެ.

މިނިސްޓަރު ޝަހީމު، ސަން އޮލައިނަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ އެމްޑީޕީގެ އިސް މެންބަރު އޯކޭ ޒާހިރު ކުރިން ދިމާ ކުރަމުން ގެންދިޔައީ އެމަނިކުފާނާ ކަމަށާއި މިހާރު ދަރިންނާއި އާއިލާގެ މީހުންނާ ވެސް ދިމާކުރަމުންދާ ކަމަށެވެ. އަދި ވިދާޅުވީ އޭނަގެ ދަރިކަލުން އަބްދުﷲ މާހިލް މުހައްމަދު ޝަހީމް 9، ސްކޫލް ނިންމާފައި މިދިޔަ ބުރާސްފަތި ދުވަހު ކާރުން ގެ ކައިރިއަށް ފޭބި ވަގުތު ދަރިފުޅުގެ ކަރާމަތަށް އުނިކަން އަންނަފަދަ ބަސްތައް ބޭނުން ކޮށްގެން ޒާހިރު މުހާތަބުކުރި ކަމަށާއި އެ މައްސަލަ މިއަދު ފުލުހުންނަށައި ހިއުމަން ރައިޓްސް ކޮމިޝަނަށް ވެސް ހުށަޅުއްވާފައިވާނެ ކަމަށެވެ.

"ދަރިފުޅާއި އޭނާ ދިމާކުރަނީ 'ބާޣީ ޝަހީމު ކޮބައި' ކިޔަފައި އެ ކުއްޖާއަށް ފުރައްސާރަކޮށްފައިވަނީ ކުޑަކުދިންގެ ހައްގުތަކައި އިންސާނީ ހައްގުތަކާއި ހިލާފަށް ކަމަށްވާތީ އެ މައްސަލަ މިއަދު ޕޮލިހަށާއި ހިއުމަން ރައިޓްސް އަށް ހުށައެޅީ. އަދި އަޅުގަނޑާއި ވެސް ފެންނަ ކޮންމެ ތަނަކުން އޭނާ ދިމާކުރޭ!" ޝަހީމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ފެންނަ ކޮންމެ ތަނަކުން ޒާހިރު، ދިމާކުރާ ކަމަށާއި ނަމަވެސް މައްސަލަ ހުށައެޅީ އާއިލާ އާއި ކުދިންނާއި ދިމާކުރަން ފެށުމުން ކަމަށެވެ.

މި މައްސަލައާ ގުޅިގެން ޒާހިރުގެ ބަހެއް ސަން އޮންލައިނަށް ލިބޭ ގޮތެއް ނުވި އެވެ.

ފަހަކަށް އައިސް މިނިސްޓަރު ޝަހީމާއި ދިމާ ކުރުމާއީ ހަމަލާދޭން މަސައްކަތް ކުރުމާއި ހުތުރު ބަހުން މުހާތަބު ކުރުން ވަނީ އިތުރުވެފައެވެ. މިދިޔަ ހުކުރު ދުވަހުވެސް ބަޔަކު ފުޑް ބޭންކްގައި އޮތް ރޯދަ ވީއްލުމަކަށް ޝަހީމް ވަޑައިގެންނެވި ވަގުތު ވެސް ބަޔަކު ވަނީ ވަނީ ޝަހީމް ދިމާކޮށްލައި ހުތުރު ބަސްތައް ކުރިމަތި ކުރުވާފަ އެވެ. އަދި ރޯދަ މަސް ފެށުމުގެ ކުރިން އެމަނިކުފާނުގެ ކާރުކޮޅަށް ޖެހިޖެހިގެން ދެ ދުވަސް މަތިން ބަޔަކު ހަމަލާދިނެވެ. އެއިން ފަހަރު ކާރަށް ނުރައްކާތެރި ހަމަލާއެއް ދީފައި ވަނީ ކާރުގައި އޭނާގެ ތިން އަހަރުގެ ބޭފުޅަކު ކާރުގައި އިންނަވަނިކޮށެވެ.

ޝަހީމު ވިދާޅުވީ އޭނާ އާއިއާއިލާއަށް ބިރުދައްކައި ޖިސްމަށް ގެއްލުން ދިނުމަށް އެމްޑީޕީގެ މީހުން ކިތަށްމެ މަސައްކަތެއް ކުރިޔަސް އެންމެ އިންޗިއެއް ވެސް ފަހަތަށް ނުޖެހޭނެ ކަމަށާއި އިރާދަ ކުރެއްވިއްޔާމު އަޒުމަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ.