ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ދައުވާ ކުރަން ހުޅުމާލޭ ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓްގައި ބެލެން ނެތް ކަމަށް ނިންމި ނިންމުން މަތީ ކޯޓަކުން ބާތިލް ނުކުރާހާ ހިނދަކު އެ ނިންމުން ބަލައިބ މުރާޖާ ނުކުރެވޭނެ ކަމަށް ބުނެ ހުޅުމާލެ ކޯޓުން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ޖަވާބުދީފި އެވެ.

ހުޅުމާލެ ކޯޓުން ޕީޖީއަށް މި ގޮތަށް އަންގާފައި ވަނީ ނަޝީދުގެ މައްޗަށް ދައުވާ ކުރަން ހުޅުމާލޭ ކޯޓަށް ހުށަހެޅި މައްސަލައަކީ އެ ކޯޓްގައި ބެލުމުގެ އިހުތިސޯސް ލިބޭ މައްސަލެއް ކަމަށް ނުފެންނަ ކަމަށާއި އެ މައްސަލަ އެކޯޓްގައި ކުރިޔަށް ނުގެންދެވޭނެ ކަމަށް ނިންމި ނިންމުން އަލުން މުރާޖާ ކޮށްދިނުމަށް އެދި ޕީޖީ އޮފީހުން ހުޅުމާލޭ ކޯޓުގައި އެދުމުންނެވެ.

ޕީޖީ ވިދާޅުވެފައި ވަނީ އެ މައްސަލަ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓްގައި ބެލޭނެ ކަމަށް ފެންނާ ކަމަށައި ކޯޓްތަކުގެ ގާނޫނުގެ 66 ވަނަ މާއްދާ އާއި 69 ވަނަ މާއްދާއާ ހަވާލާދީ އެ މައްސަލައަކީ ހުޅުމާލޭ ކޯޓްފައި ކުރިޔަށް ގެންދެވޭނެ މައްސަލައެއް ނޫން ކަމަށް ހުޅުމާލޭ ކޯޓުން ނިންމާފައިވާ ނިންމުންމުން މުރާޖާ ކޮށްދިނުމަށެވެ.

ހުޅުމާލެ ކޯޓުގެ އޮފިޝަލަކު މިއަދު ވިދާޅުވީ ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލަ ހުޅުމާލެ ކޯޓަށް ނުބެލެނޭ ކަމަށް ނިންމާފައި ނިންމުން ބާތިލް ކަމަށް މަތީ ކޯޓަކުން ނުންމަނީސް އެ ނިންމުން އަލުން މުރާޖާ ނުކުރެވޭނެ ކަމަށެވެ. އަދި އެކަން ކޯޓާއި ހަވާލުވެ ހުންނެވި ދާއިމީ މެޖިސްޓްރޭޓް، ޕީޖީ އޮފީހަށް އިއްޔެ ހަވީރު އަންގާފައިވާ ކަމަށެވެ.

"މަތީ ކޯޓަކުން އެ ނިންމުން ބާތިލް ނުކުރަނީސް އެ ނިންމުން މި ކޯޓަށް މުރަޖާ ނުކުރެވޭނެ ކަމަށް އަޅުގަނޑުމެން ވާނީ ޕީޖީ އޮފީހަށް އަންގާފައި،" ހުޅުމާލޭ ކޯޓްގެ އޮފިޝަލް ވިދާޅުވި އެވެ.

ނަޝީދުގެ މައްޗަށް ދައުވާ ކުރުމަށް ހުޅުމާލެ ކޯޓަށް މައްސަލަ ފޮނުވިއިރު އެ ކޯޓުގެ ގާޒީ ޝިޔާމާ މުހައްމަދު ހުންނެވީ ޗުއްޓީއެއްގަ އެވެ. އެހެން ކަމުން ނަޝީދާއި ސިފައިންގެ ބައެއް އިސް އޮފިސަރުންގެ މައްޗަށް ކޮށްފައިވާ އެ ދައުވާއަކީ ހުޅުމާލެ ކޯޓަށް ބެލޭނެ މައްސަލައެއް ނޫންކަމަށް ނިންމަވާފައި ވަނީ އެވަގުތު ހުޅުމާލެ ކޯޓު ހިންގުމާއި ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ހުރާ މެޖިސްޓްރޭޓެވެ.

އިސް ގާޒީ، ރ. ހުޅުދުއްފާރު ބަހާރުގޭ، އަބްދުﷲ މުހައްމަދު، ސިފައިންގެ ތަމްރީނު މަރުކަޒު، ގިރިފުށީގައި ހައްޔަރުކޮށްފައި ވަނީ ޖެނުއަރީ 16، 2012 ގައެވެ. އެ މައްސަލައާ ގުޅިގެން ދައުވާ ކުރުމަށް ޕީޖީ ނިންމަވާފައިވަނީ ކުރީގެ ރައީސް އަދި ސިފައިންގެ އެންމެ އިސްވެރިޔާ، މުހައްމަދު ނަޝީދާއި އޭރުގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނާއި އޭރުގެ ޗީފް އޮފް ޑިފެންސްފޯސް މޫސާ އަލީ ޖަލީލާއި ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް މުހައްމަދު ދީދީ އާއި ކާނަލް މުހައްމަދު ޒިޔާދުގެ މައްޗަށެވެ.