މާލޭގެ މަގުމަތަކުގައި ބާރު ސްޕީޑުގައި ގަވާއިދާ ޚިލާފަށް ސައިކަލު ބުރު ޖަހަމުންދާ ގުރޫޕްތައް މިއަދު ފެށިގެން ހުއްޓުވައި އެ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ ފަހަކަށް އައިސް މާލޭގެ މަގުތަކުގައި އާންމުންނަށް ދަތިވާ ގޮތަށް ބަޔަކު މީހުން ޢާއްމު އުސޫލުތަކާއި ޓްރެފިކް ޤާނޫނާއި ޚިލާފަށް ބާރު ސްޕީޑުގައި ސައިކަލް ބުރުތައް ޖަހަމުންގެންދާ ކަމުގެ ޝަކުވާ ހުށަހަޅަމުންދާ ކަމަށެވެ. އަދި ސައިކަލު ބުރަށް ނުކުންނަ މީހުން ޓްރެފިކް ގަވާއިދާ ހިލާފުވެ ޓްރެފިކް ލައިޓަށް ވެސް ބެލުމެއްނެތި ބާރަށް ދުއްވުމުގެ ސަބަބުން ބޮޑެތި މައްސަލަތައް ކުރިމަތި ވަމުންދާ ކަމަށެވެ.

ފުލލުހުން ބުނީ މިއަދުން ފެށިގެން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ގެއްލި ޓްރެފިކް ޤާނޫނާއި ޤަވާޢިދާ ޚިލާފަށް މާލޭގެ މަގުތަކުގައި ދުވާލާއި ރޭގަނޑުގެ ވަގުތުތަކުގައި ސައިކަލު ދުއްވާ ގުރޫޕުތައް ހުއްޓުވާ އެއްގަމު ދަތުރުފަތުރުގެ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން އެ ފަރާތްތަކާމެދު ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށެވެ.

ފުލުހުން އެގޮތަށް އަމަލު ކުރާނެ ކަމަށް އެންގިއިރު، އަވަސް އިންތިޚާބަކަށް ގޮވާލާއި އެމްޑީޕީން ފަށާފައިވާ ސީދާ ކުއްލި ހަރަކާތުގައި ހިމެނޭ އެމްޑީޕީގެ ސައިކަލް ބުރު ކޮންމެ ދުވަހެއްގެ ވެސް ހަވީރު މާލޭގައި ބާއްވަ އެވެ.