30 Jul 2012, 12:19
އޭޑީކޭ ހޮސްޕިޓަލުގެ ސާވާ ޑައުންވެ، އާސަންދައިގެ ހިދުމަތް އެއް ގަޑިއިރަށް މެދުކެނޑިއްޖެ އެވެ.
މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް މިއަދު ވިދާޅުވީ ރޭ ދަންވަރު 12:00 ފެށިގެން އެ ހޮސްޕިޓަލްގެ ސާވާ ޑައުންވުމާ ގުޅިގެން ހޮސްޕިޓަލްގައި އިލެކްޓްރޯނިކޮށް ދެމުންގެންދިޔަ ބައެއް ހިދުމަތްތައް ގަޑިއިރަކަށް މެދުކެނޑިގެން ދިޔަ ކަމަށެވެ. އޭގެ ތެރޭގައި ހޮސްޕިޓަލުންދޭ އާސަންދައިގެ ހިދުމަތް ވެސް މެދުކެނޑުނު ކަމަށް ވެސް އަފްއާލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހޮސްޕިޓަލްގެ ސާވާ ޑައުންވީ މެއިންޓެއިންސްގެ މަސައްކަތަކެއްގެ ތެރޭގައި ކަމަށާއި ކޮންމެ ހަ މަހަކުން އެއްފަހަރު ސާވާ އަފްގްރޭޑްކުރަމުންދާ ކަމަށެވެ. އެއީ ޝެޑިއުލް މެއިންޓެއިންސްއެއްގައި ސާވާ ޑައުންވެގެންދިޔަދިއުމެއް ކަމަށް ވެސް ވިދާޅުވި އެވެ.
"އެއީ މެއިންޓެއިންސް ޕާޕަސްއެއްގައި ވީކަމެއް. އަޅުގަނޑުމެންގެ ޑޭޓާއާއި ބެކަޕާއ ކަރަންޓާއި ހުރިހާ އެއްޗެއް ވެސް އަބަދުވެސް ހުންނަން ޖެހޭނީ އިންޓެކްޓްކޮށް. ދެން އަޅުގަނޑުމެން ހުންނާނެ ރެގިއުލާކޮށް ކޮންމެ ހަ މަހަކުން އެއްފަހަރު އެ ހުރިހާ އެއްޗެއްޗޭޖް އޯވާކޮށްފަ،" އަފްވާލް ވިދާޅުވި އެވެ.
ރޭ ދަންވަރު 12:00 އެހާކަންހާއިރު އޭޑީކޭއިން އާސަންދައިގެ ހިދުމަތް މެދުކެނޑުނު އިރު މާގިނަ ބަޔަކު ހިދުމަތް ލިބިގަތުމަކަށް ހޮސްޕިޓަލަށް ގޮހެއް ނެތެވެ. ނަމަވެސް އާސަންދައިގެ ހިދުމަތަށް މެދުކެނޑުމާއެކު ބައެއް މީހުން ވަނީ އޭޑީކޭއިން ޑޮކްޓަރަކަށް ދައްކައިގެން ނެގި ބޭސް ސިޓީ ހިފައިގެން އައިޖީއެމްއެޗަށް ގޮސްފަ އެވެ.