30 Jul 2012, 12:09
މެންބަރުން ހައްޔަރުކޮށް 15 މިނިޓްތެރޭގައި މަޖިލިހަށް އަންގަ ގޮތަށް ގަވާއިދަށް އިސްލާހު ހުށައަޅައިފި
ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ހައްޔަރުކޮށްފިނަމަ ލަސްވެގެން 15 މިނިޓް ތެރޭގައި މަޖިލީހުގެ ރައީސަށް އަންގާ ގޮތަށް ގަވައިދަށް އިސްލާހެއް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފު މިއަދު މަޖިލީހުގެ ފޮނުވައިފި އެވެ.
މަޖިލިހުގެ ގަވާއިދަށް ފުރަތަމަ މަހުލޫފް ހުށަހަޅުއްވެވި އިސްލާހުގައި ބުނަނީ ފުލުހުން މަޖިލިހުގެ މެންބަރަކު ހައްޔަރު ކުރާނަމަ ލަސްވެގެން 12 ގަޑިއިރުތެރޭގައި އެ މެންބަރަކު ހައްޔަރުކުރިކަން މަޖިލިހުގެ ރައީސަށް ނުވަތަ މަޖިލީޙުގެ އަމީން އާންމަށް އަންގަން ޖެހޭނެ ކަމަށެވެ. ނަމަވެސް ފަހުން މަހުލޫފުވަނީ މަޖިލިހުގެ ބައެއް މެންބަރުންނާއި މަޝްވަރާކުރެއްވުމަށް ފަހު މެންބަރަކު ހައްޔަރުކުރާތާ 15 މިނިޓް ތެރޭގައި މަޖިލިހަށް އަންގަން ޖެހޭނެ ކަމަށް އިސްލާހު ހުށައަޅާފައެވެ.
މަޖިލިހުގެ ގަވައިދުގެ 202 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވަނީ މަޖިލީހުގެ މެންބަރަކު ހައްޔަރުކުރަންވާނީ މަޖިލީޙުގެ ރައީސަށް އެންގުމަށްފަހު ކަމަށެވެ.
މަހުލޫފު ވިދާޅުވީ މަޖިލީހުގެ މެންބަރަކު ހައްޔަރުކުރަންވާނީ މަޖިލީހުގެ ރައީސަށް އެންގުމަށްފަހު ކަމަށް ގަވައިދުގައި ބުނާއިރު މަޖިލީހުގެ ރައީސަށް އެންގުމަށްފަހު ކުށުގެ ވެށިން މެންބަރަކު ހައްޔަރުކުރަން ފުލުހުންނަށް ދަތިތަކެއް ދިމާވާނެ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. މަޖިލީހުގެ މެންބަރަކު ނަމަވެސް ކުށެއް ކުރާނަމަ ފުލުހުންނަށް އެމީހަކު ހައްޔަރުކުރެވެން ޖެހޭނެ ކަމަށެވެ.
"އަދި ގަނޫނޫ އަސާސީގެ 17 ވަނަ މާއްދާގައި (ހ) ގައި ވަރަށް ސާފުކޮށް އެބައޮތް އެއްވެސް ރައްޔިތަކު ތަފާތުކުރެވިގެން ނުވާނޭ. މަޖިލީހުގެ މެންބަރަކު ހައްޔަރުކުރާއިރުގައި ރައީސަށް އަންގާފައި ހައްޔަރުކުރާ ގޮތަށް އޮތުމަކީ ހަމައެއް އުސޫލެއް އޮތް ކަމެއް ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ،" މަހުލޫފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމުގައި ހުންނެވި ދުވަސްވަރު 15 ފަހަރަށް އޭނާ ހައްޔަރުކުރި ކަމަށާއި އޭރު މަޖިލީހުގައި އެކަން ބޮޑު މައްސަލައަކަށް ހަދައިގެން ނޫޅޭ ކަމަށެވެ. ނަމަވެސް މިހާރު އެމްޑީން އެކަން ބޮޑުކޮށްލައިގެން މަޖިލީހުގެ ޖަލްސާތަކަށް ހުރަސްއަޅަން ފެށުމުން ގަވާއިދަށް އިސްލާހު ހުށައެޅުއްވީ ކަމަށެވެ.
"ނަޝީދުގެ ވެރިކަމުގައި އަޅުގަނޑު ހައްޔަރުކުރި 15 ފަހަރު ރައްޔިތުންގެ މަޖިލީހަށް ކިތައް ފަހަރުތޯ އަންގާފައި އޮތީ؟ އަޅުގަނޑުމެންނަށް އެނެގޭ އަންގާފައި ނޯންނާނެ ކަން. ނަމަވެސް އަޅުގަނޑުމެން އޭރުވެސް މަޖިލީހުގެ ޖަލްސާ ހުއްޓާލަން ނޫޅެނީ. އޭގެ ބަދަލުގައި އެމްޑީޕީން މިކަންތަށް ބޮޑު ސިޔާސީ ކަންތައް ގަނޑަކަށް ހަދައިގެން މަޖިލިސް ކުރިއަށް ގެންދިޔަނުދީ ހުއްޓުވަނީ،" މަހުލޫފް ވިދާޅުވި އެވެ.
މި އިސްލާހު ހުށަހެޅިއިރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހައްޔަރު ކުރުމުގައި މަޖިލީހުގެ ގަވާއިދާ އެއްގޮތަށް އަމަލު ކުރަން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވަނީ ބަޔާނެއް މެދުވެރިކޮށް އިއްޔެ ފުލުހުންނަށް ގޮވާލައްވާފަ އެވެ.
މަޖިލީހުން ނެރުނު ބަޔާން ބުނަނީ މަޖިލީހުގެ ގަވައިދަކީ ގާނޫނު އަސާސީގެ 88 ވަނަ މާއްދާގެ ދަށުން އެކުލަވާލައި މަޖިލީހުން ފާސްކޮށްފައިވާ ގަވައިދެއް ކަމަށާއި އެ ގަވާއިދަކީ ގާނޫނު އަސާސީގެ ދަށުން ހަދާފައިވާ ގަވާއިދަކަށް ވުމުން މަޖިލީހުގެ މެންބަރަކު ހައްޔަރު ކޮށްފިނަމަ އެކަން މަޖިލީހުގެ ގަވާއިދުގައިވާ ގޮތަށް މަޖިލީހުގެ ރައީސަށް އަންގަވަމުން ގެންދިއުމަށެވެ.
މަޖިލީހުގެ މިފަދަ ބަޔާނެއް ނެެރުުނު އިރު މިދިޔަ ބުރާސްފަތި ދުވަހު ކޮމިޝަނާ ވިދާޅުވީ މަޖިލީހުގެ މެންބަރަކު ހައްޔަރު ކުރުމުގެ ކުރިން މަޖިލީހުގެ ރައީސަށް އެންގޭނީ ތަހުގީގު މަރުހަލާގައި މެންބަރަކު ހައްޔަރު ކުރަން ޖެހިގެން ކޯޓު އަމުރެއް ހޯދައިގެން މެންބަރަކު ހައްޔަރުކުރާ ޒާތުގެ މައްސަލަތަކުގައި އެކަނި ކަމަށެވެ.
އަދި ވިދާޅުވެފައި ވަނީ މުޒާހަރާގައި މެންބަރުން ހައްޔަރު ކުރަނީ ކުރިން އެނގިގެން ނޫން ކަމަށާއި މުޒާހަރާއެއްގައި މެންބަރުން ހައްޔަރު ކުރަނީ އެވަގުތު ގާނޫނާއި ޚިލާފު ވުމުން ކަމަށެވެ. އެހެންކަމުން މަޖިލީހުގެ ގަވާއިދުގައި އެގޮތަށް އޮތް ނަމަވެސް އެފަދަ ހާލަތްތަކުގައި މެންބަރުން ހައްޔަރު ކުރުމުގެ ކުރިން މަޖިލީހުގެ ރައީސަށް ނޭންގޭނެ ކަމަށެވެ.