30 Jul 2012, 11:36
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމާއެކު އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ރައީސް އަލީ ވަހީދު ނިޒާމީ މައްސަލަތަކެއް ނަންގަވައި، މަޖިލީހުގައި އަޑު ގަދަކުރެއްވުމުން އޭނާގެ ނަން އިއްވެވުމާއެކު އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުން މަޖިލީހުގެ ތަޅުމުގައި "މުޒާހަރާ"އެއް ކުރަމުން އެބެދޭ އެވެ.
މަޖިލީހުގެ ޖަލްސާ ކުރާ މާލަމުގައި ހުންނަވައިގެން އަލީ ވަހީދު ވިދާޅުވީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕް މެންބަރުން ތަޅުމުގައި "މިތިބީ މުޒާހަރާ"ގައި ކަމަށެވެ. އަދި އެމްޑީޕީން މަޖިލީހުގެ ތަޅުމުގައި "މުޒާހަރާ ޖެއްސީ" އާސަންދައިން ޕްރައިވެޓް ހޮސްޕިޓަލްތަކުން ހިދުމަތް ދެމުންދާއިރު އަގު ނަގާގޮތަށް ސަރުކާރުން ހަމަޖެއްސުމާއި އަދި މަޖިލީހުގެ ރައީސަށް ނަންގަވައި މަޖިލީހުގެ މެންބަރުން ހައްޔަރު ކުރެވޭނެ ކަމަށް ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒް ވިދާޅުވުމާ ގުޅިގެން ކަމަށެވެ.
"ނަން އިއްވީވެސް ގާނޫނު އަސާސީގެ ހަމަހަމަކަމާ ހިލާފަށް. އެންމެ މެންބަރުން ކޮޅަށް ތިއްބައި އަލީ ވަހީދުގެ ނަން މި އިއްވީ. މީގަ އެބަބުނޭތާ ޕޮލިސް ކޮމިޝަނަރު މަޖިލީހުގެ ރައީސްއަށް ވެސް ނާންގަވައި މެންބަރުން ވެސް ހައްޔަރު ކުރާނެއޭ. ދެން ކުރާނެ ކަމަށް އެކަމަކާ ބިރުންނެއް ނޫޅޭ، މިތިބީ މުޒާހަރާގައި. އެމްޑީޕީގެ [ޕާލަމެންޓްރީ ގްރޫޕްގެ] ހުރިހާ މެންބަރުން ވެސް،" އަލީ ވަހީދު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މިއަދު ހެނދުނު 10:30 އެހާކަންހާއިރު ފަށައި މަޖިލީހުގެ އެޖެންޑާ އިއުލާންކޮށް ނިމުނު ތަނާހެން އަލީ ވަހީދު ވަނީ ސަރުކާރުން ކުރަމުންގެންދާ ބައެއް ކަންތައްތަކަށް ފާޑުވިދާޅުވެ، އަޑުގަދަކުރައްވާފަ އެވެ. އަލީ ވަހީދު ނިޒާމީ މައްސަލަތަކެއް ނެންގެވުމުން އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު ވެސް ނިޒާމީ މައްސަލަތަކެއް ނެންގަވައި އަޑު ގަދަކުރެއްވި އެވެ.
ނިޒާމީ މައްސަލައެއްގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ޗެއާޕާސަން އަދި ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ނިންމާފައިވާ ނިންމުމެއް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒް އަމިއްލަފުޅަށް ނުނިންމޭނެ ކަމަށެވެ. އަދި އެ ގޮތަށް އަމިއްލައަށް ނިންމާނަމަ ކޮމިޝަނަރުއަކީ "ގަމާރެއް" ކަމަށް ރީކޯ މޫސާ ވިދާޅުވި އެވެ.
"ކިހާ ވަރަކަށް ގަމާރުވެފަ ހުރީމަތޯ ރައްޔިތުންގެ މަޖިލީހުން ނިންމާފައިވާ ނިންމުމެއް، އޭނަ އަމިއްލަ ގޮތަކަށް ނިންމާލަނީ. މިތަނަށް ސްޓާފޯސް ވައްދައިގެން އަޅުގަނޑުމެން ގައިގަ ތަޅަންތޯ އެ ތައްޔާރު ވަނީ؟ ކޮންކަހަލަ ގަމާރެއްތޯ އެއީ. [ކޮމިޝަނަރު ރިޔާޒު] މަގާމުން ވަކިކޮށްފަ ނޫނީ އަޅުގަނޑުމެން ބޭނުމެއް ނޫން މަތަނުގަ ތިބޭކަށެއް،" މޫސަ ވިދާޅުވި އެވެ.
އަލީ ވަހީދުގެ ނަން އިއްވުމުން އޭނާ މަޖިލީހުގެ ތަޅުމުން ނެރެން ދެން މަޖިލީހުގެ ޖަލްސާ ވަނީ މެދުކަނޑާލާފަ އެވެ.