23:18


މާލޭ މުނިސިޕަލްޓީގެ ރައީސް ސަނރަގު އާދަމް މަނިކު އިސްލާމިކް ފައުންޑޭޝަނުގެ ބަޔަކާ މުނިސިޕަލްޓީގެ ބޭރުގައި ބައްދަލުކުރައްވަމުން ދިޔަ މަންޒަރު ކެމެރާ ކުރި ދި ޓީވީގެ ކެމެރާމަނުގެ ގަޔަށް ޖިސްމާނީ ގޮތުން އަތްލައި ކެމެރާ އަތުލި މައްސަލަ އެމްޖޭއޭ އިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.


އެ ޖަމިއްޔާ އިން މިއަދު ނުރުނު ބަޔާނެއްގައި ބުނެފައި ވަނީ މާލޭ މުނިސިޕަލިޓީގެ ރައީސްގެ މި އަމަލަކީ ނާތަހުޒީބު މުޖުތަމަޢުތަކުގައި ސިޔާސީ ބޭފުޅުން ޢަމަލުކުރަމުން ގެންދާ ފަދަ "ހަޑިމުޑުދާރު" ޢަމަލެއް ކަމަށާއި އެ މައްސަލަ ފުލުހުން ތަހުގީގު ކުރުމަށް ގޮވާލާ ކަމަށެވެ. ދި ޓީވީ އާއި އެ ތަނުގައި ތިބި މީހުންނާ ހަވާލާދީ އެ ޖަމިއްޔާ އިން ބުނެފައި ވަނީ "މި ހަމަލާގައި އެ ކެމެރާމަނަށް ޖިސްމާނީ ގޮތުން އަނިޔާވެފައިވާ ކަމަށް ދި ޓީވީ އާއި މަންޒަރުދުށް ފަރާތްތަކުން މަޢުލޫމާތު ދެއްވާފައިވާ" ކަމަށެވެ.


އެމްޖޭއޭގެ ބަޔާނުގައި ބުނެފައި ވަނީ ދި ޓީވީގެ ކެމެރާމަން ވީޑިއޯ ކުރީ މަނާތަނެއްގައި ނޫން ކަމަށާއި ކެމެރާ ކުރަމުން ދިޔައީ މުނިސިޕަލްޓީގެ ބޭރުގައި ކަމަށެވެ.


އާދަމް މަނިކު ސަންއެފްއެމް އޮންލައިނަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ކެމެރާ ޖަހައިގަނެވުނީ ކޯފާގަދަވެން ކަމަށާއި އަދި އެ ކެމެރާމަނާއި ދިޓީވީގެ ފަރާތުން މައާފަށް އެދޭ ކަމަށެވެ. އޭނާ ވިދާޅުވީ ކުށްކުރެވެނީ އިންސާނުންނަށް ކަމަށާއި ރޯދަ މަހު "ކޮންޓްރޯލުން ނެއްޓީ" ކަމަށެވެ.