މާފަންނު ވެސްޓްޕާކް ކައިރިން ވަޅިން ހަމަލާދީ މ. ފެއަރީކޯނާ، އަލީ ޝިފާން މަރާލި މައްސަލައިގައި ތުހުމަތު ކުރެވޭ މީހަކު ޝަރުތުތަކަކާއެކު ބަންދުން ދޫކޮށްލައިފި އެވެ.

ކްރިމިނަލް ކޯޓުގެ މީޑިއާ ކޯޑިނޭޓަރު އަހުމަދު މުހައްމަދު މަނިކު މިއަދު ވިދާޅުވީ މަރުގެ އެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހުންގެ ތެރެއިން ޝަރުތުތަކާއެކު މިމަހުގެ 18 ވަނަ ދުވަހު ދޫކޮށްލާފައި ވަނީ ބ. ތުޅާދޫ، ކާނިމާގޭ، ރައްޒާން އަބްދުއްރަހުމާން 19، ކަމަށެވެ.

ކްރިމިނަލް ކޯޓުން ބުނީ ރައްޒާން ދޫކޮށްލީ ތިން ކަމަކަށް ޝަރުތު ކުރުމަށް ފަހު ކަމަށެވެ. އެއީ ރޭގަނޑު 8:00 އާއި ހެނދުނު 6:00 އާ ދެމެދު ގެއިން ބޭރަށް ނުދިއުމާއި މަގުމަތީގައި ގުރޫޕް ހަދައިގެން ނޫޅުމާއި އަދި މާލެއިންް ބޭރަށް ދާނަމަ ކޯޓުގެ ހުއްދަ ލިބިގެން ދިއުމަށެވެ.

ޝަރުތުތަކާއެކު އޭނާ ދޫކޮށްލުމުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ.

ޝިފާންގެ މަރާއި ގުޅިގެން ރައްޒާންގެ އިތުރުން ތުހުމަތު ކުރެވެނީ ޅ. ކުރެންދޫ، މާފަހި، މުހައްމަދު އާސިފް 19، އާއި މާލޭ ދަފްތަރު 2193 މުހައްމަދު ޝައިފަން 18، އާއި މ.ނަލަހިޔާމަންޒިލް، އަލީ ނަބީހް 22، އާއި މ. ދިންމަނަ، އަބްދުﷲ ތިލްމީޒު، 20، ގެ އިތުރުން މ. ސިލްވަނެޓް، މުހައްމަދު މިޝާން އަބްދުލް ހާދީ، 20، ގެ މައްޗަށެވެ. ފުލުހުން ބުނެފައި ވަނީ މިޝާން އަބްދުލް ހާދީ ހުރީ ދޫކޮށްލާފައި ކަމަށެވެ.

އެ މީހުންގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފުލުހުން ވަނީ ފޮނުވާފައެވެ. ނަމަވެސް އަދި އެ މައްސަލައިގައި އަދި ދައުވާކޮށްފައެއް ނުވެއެވެ. ޕީޖީ އޮފީހުން ބުނީ ދައުވާ ނުކޮށް ލަސްވަނީ އެ މައްސަލައިގައި އިތުރަށް ބަލަންޖެހޭ ކަންތައް ތަކެއް ހުރުމުން ކަމަށެވެ.