02 Jun 2025, 09:07
ހިންދީ ސިނަމާގެ ލެޖެންޑު އެކްޓަރު ރާޖޭޝް ކަންނާ އަދި ބަތަލާ ޑިމްޕަލް ކަޕާޑިއާގެ ކާފަ ދަރިފުޅު ނައޮމިކާ ސަރަން ފިލްމު އިންޑަސްޓްރީއަށް ތައާރަފް ވަނީ މެޑްޑޮކް ފިލްމްސްއިން ގެނެސްދޭ ފިލްމަކުން ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
މިފަހަކަށް އައިސް މީޑިއާގެ ސަމާލުކަން ވަރަށް ބޮޑަށް ހޯދަމުން އަންނަ ނައޮމިކާ ދާދިފަހުން މެޑްޑޮކް ފިލްމްސް ހިންގާ އޮފީހަށް ވަދެ ނިކުމެ އުޅޭ މަންޒަރު ބައެއް މީޑިއާ ރިޕޯޓަރުންނަށް ވަނީ ފެނިފައެވެ.
ނައޮމިކާއާ އެކު އެކްޓަރު އަމީތާބް ބައްޗަންގެ ކާފަ ދަރިފުޅު އަގަސްތިޔާ ނަންދާ ވެސް މެޑްޑޮކް ފިލްމްސްއިން ނިކުންނަ މަންޒަރު ފެނުމާއެކު ދެ ތަރިން އެކީގައި ފިލްމަކަށް ގެނައުމުގެ މަޝްވަރާތައް ކުރެވެމުން އަންނަ ކަމަށް ވެސް ބައެއް މީޑިއާތަކުން ވަނީ ބުނެފައެވެ.

ނައޮމިކާ މާމަ ޑިމްޕަލް ކަޕާޑިއާއާ އެކު--ފޮޓޯ/އިންޑިއަންއެކްސްޕްރެސް
ބައެއް ރިޕޯޓުތައް ބުނާގޮތުން ނައޮމިކާ ބޮލީވުޑަށް ތައާރަފްކުރާ ފިލްމަކީ މެޑްޑޮކް ފިލްމްސްގެ ޕްރޮޑިއުސަރު ދިނޭޝް ވީޖަން އުފައްދާ ރޮމޭންޓިކް ކޮމެޑީ ޑްރާމާއެކެވެ.
ނައޮމިކާ ފެނުމުން ކުރީގެ އެކްޓަރު ރާޖޭޝް ކަންނާގެ ހަނދާންތައް ވަރަށް ބޮޑަށް އާ ކުރުވާ ކަމަށް ގިނަ ބަޔަކު ބުނެފައިވާއިރު މި ޒުވާނާ ވައްތަރީ ކުރީގެ ބަތަލާ އަދި ނައޮމިކާގެ ބޮޑު ދައިތަ ޓުވިންކަލް ކަންނާއާ ކަމަށް ވެސް ބައެއް މީހުން ވަނީ ބުނެފައެވެ.
އެހެންކަމުން ފިލްމީ ތަރިއެއްގެ ކިބައިގައި ހުންނާނެ ހުރިހާ ރީތި ސިފަތަކެއް ނައޮމިކާއަށް ލިބިފައިވާ ކަމަށް އާއްމުންގެ ގިނަ ބަޔަކު ވަނީ ބުނެފައެވެ.
ނައޮމިކާ އަކީ ރާޖޭޝް ކަންނާ އާއި ޑިމްޕަލް ކަޕާޑިއާގެ ދެ ކުދިންގެ ތެރެއިން ހަގަށް ހުންނަ ރިންކީ ކަންނާގެ ކުއްޖެކެވެ. ރިންކީ އަކީ ވެސް ކުރީގެ ބައެއް ފިލްމުތަކުން ފެނިފައިވާ ތަރިއެކެވެ.