ކުރިއަށް ނުގެންދެވިގެން ހުއްޓާލި އެފްއޭއެމްގެ އިންތިހާބު އަންނަ މަހުގެ 11 ވަނަ ދުވަހު ބާއްވަން ނިންމައިފި އެވެ.

މި ގޮތަށް ނިންމީ އިއްޔެ ބޭއްވި އެކްސްކޯ ބައްދަލުވުމުގަ އެވެ.

މި މަހުގެ 18 ވަނަ ދުވަހު ބާއްވަން އުޅުނު އިންތިހާބު ހުއްޓާލަން ޖެހުނީ ޔުނައިޓެޑް ވިކްޓަރީން ވޯޓުލާނެ ގޮސް އިން މީހާގެ މައްސަލާގަ އެވެ.

އެފްއެއެމުން ބުނަނީ ވޯޓުލާން ގޮސްއިނީ އެއިދާރާގައި އެކުލަބުން ރަޖިސްޓަރީކޮށްފައިވާ މީހާ ކަމަށެވެ. ނަމަވެސް އިދިކޮޅު ކެނޑިޑޭޓް އިލްހާމް އަހުމަދުގެ ޓީމުން ބުނަނީ އެއީ ގަވާއިދާ ހިލާފަށް ރަޖިސްޓްރީކޮށްފައިވާ މީހެއް ކަމަށާއި ސިވިލް ކޯޓުން އެންގި ގޮތަށް ވޯޓުލާން ޖެހޭނީ އެކުލަބުގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު މުހައްމަދު (އައްމަޓީ) ކަމަށެވެ. ނަމަވެސް މި މައްސަލާގައި ކޯޓަށް ނުދެވޭނެ ކަމަށް އެދުވަހުގެ ބައްދަލުވުން ނިމުމުން ވާހަކަދެެއްކެވި ފީފާގެ އޮފިޝަލް ވަނީ ބުނެފަ އެވެ.

އެފްއޭއެމް އިންތިހާބުގައި ރައީސް ކަމަށް ވާދަ ކުރައްވަނީ އިލްހާމާއި އަބުދުލްމުހުސިން ހަމީދު (ޖޭފޯ) އަދި މިހާރުގެ ރައީސް އަލީ އާޒިމެވެ. މީގެ ތެރެއިން ޖޭފޯ ތާއިދު ކުރައްވަނީ އިލްހާމަށެވެ.

މި އިންތިހާބުގައި ވޯޓުލެވޭނީ 13 ކުލަބަކަށެވެ. އެއީ ފުރަތަމަ ޑިވިޝަނުގެ އަށް ޓީމާއި ދެ ވަނަ ޑިވިޝަނުގެ ތިން ޓީމާއި ފުރަތަމަ ޑިވިޝަނުގެ ދެ ޓީމަށެވެ. އިންތިހާބުގެ ކުރިން ދެ ވަނަ ޑިވިޝަނާއި ތިން ވަނަ ޑިވިޝަނުން ވޯޓުލާނެ ކުލަބުތައް ހޮވުމަށް ޕްރައިމަރީ ބާއްވާނެ އެވެ.