30 Jul 2012, 11:15
ފުލުހުންނަށް އަނިޔާކުރަން ރައީސް މުހަންމަދު ނަޝީދު ހިތްވަރު ދެއްވި މައްސަލައިގެ ތަހުގީގަށް ފުލުސް އޮފީހަށް ހާޒިރުވުމަށް ރައީސް ނަޝީދަށް އިއްޔެ ސިޓީ ފޮނުވައިފި އެވެ.
ފުލުހުންގެ ސަބް އިންސްޕެކްޓާ ހަސަން ހަނީފު މިއަދު ވިދާޅުވީ ރައީސް ނަޝީދަށް ސިޓީއެއް ފޮނުވީ އަންނަ ބުރާސްފަތި ދުވަހު 10:00 ޖަހާއިރަށް ފުލުސް އޮފީހަށް ހާޒިރުވެވަޑައިގަތުމަށް އެދި ކަމަށެވެ. އަދި ވިދާޅުވީ ރައީސް ނަޝީދު ފުލުސް އޮފީހަށް ހާޒިރުކުރައްވަނީ ފުލުހުންނަށް އަނިޔާ ކުރަން ނަޝީދު ގޮވާލައްވާފައިވާ ފޯނު ކޯލުގެ މައްސަލައިގައި ކަމަށެވެ.
އުސްފަސްގަނޑު ރޫޅައިލަން ފުލުހުން މަސައްކަތް ކުރި ދުވަހުގެ ފޯން ކޯލެއް ކަމަށް ބުނެ މިދިޔަ އަންގާރަ ދުވަހު ފުލުހުން އާންމު ކުރި ފޯން ކޯލްގައި ރައީސް ނަޝީދު ވާހަކަ ދައްކަވާފައި ވަނީ އެމްޑީޕީގެ ގައުމީ މަޖިލިސްގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރު މާރިޔާ އަހުމަދު ދީދީ އާ އެވެ.
ކްރިމިނަލް ކޯޓުގެ އަމުރަކާ އެކު ރެކޯޑް ކޮށްފައިވާ އެ ފޯން ކޯލްގައި މާރިޔާދީދީ ރައީސް ނަޝީދަށް ފޯނުން ގުޅުއްވާ ވިދާޅުވަނީ "ހަލޯ! ދަންނަވަންތޯ މިހާރު އެބަ ފަހަތަށް ޖައްސާ އެތަނުން! ފަހަތަށް އެބަޖައްސާ ހުރިހާ އެންމެންތައް، ޕެޕޭ ސްޕްރޭ ޖަހަމުން، ހުރިހާ އެއްޗެއް ޖަހަމުން ފަހަތަށް، އެހެންވީމާ ގައުމީ މަޖިލިސް ނުބޭއްވިގެން މިއުޅެނީ، އަނެއް އިތުރު ސިޓީއެއް ލިބިއްޖެ އޮފީހަށް މިރޭ ދިހައެއް ޖަހަންވާއިރަށް ހުސްކުރަން ޖެހޭނޭ! ދެން ކޯޓަށް އިސްތިއުނާފަކަށް ދާންވިޔަސް އެހެން ކަމަކަށް ދާންވިޔަސް އެއިން އެއްވެސް ކަމެއް ވާކަށް ނެތް، ގައުމީ މަޖިލިސް ބޭއްވޭކަށް ނެތް، ކޯރަމް އެއް ހަމައެއް ނުވޭ، ޝިހާބު އެބަހު ހުންނެވި މިތާ އެކަމަކު ޕެޕާ ސްޕްރޭ ޖަހަމުން ފަހަތަށް ޖައްސަމުން އެއަށް އަންނަނީ. އެތަނަށް ވަދެގެން ނޫންތޯ އެތަން ހުސް ކުރެވޭނީ ވެސް އެހެންވީމާ އެމީހުން ވެސް ވަރަށް ހެއްވާ ކަމެއް އެކުރަނީ. ދެން ކިހިނެއް އަޅުގަނޑު ހަދާނީ؟" ރައީސް ނަޝީދާ ސުވާލު ކުރައްވަ އެވެ. އެއާއެކު ނަޝީދު ވިދާޅުވެ އެވެ:
"ދެން އަނެއްހެން ގޮތެއް ނުހެދޭނެތާ ދެއްތޯ؟ ދެން އަޅުގަނޑަކަށް އަނެއްހެން ނޭނގޭ ހަމަ އަޅުގަނޑަކަށް ނޭނގޭ ވަކި... ކޮން ގޮތެއްތޯ ތީގަ އޮންނާނީ؟ ދެއްތޯ؟"
"ދެން ހަމަ ދަންނަވާލީ! ދިހައެއް ޖަހާއިރު ތަން ހުސް ކުރާށޭ ކިޔާފަ ސިޓީ ފޮނުވާފައި އެބައޮތް ޕާޓީ އޮފީހާ ހަވާލުކޮށްފައި އެބައޮތް،"
"އަޅުގަނޑަށް ފެންނަނީ ތަޅާނެ ބަޔަކު ހޯދަން! އަޅުގަނޑަށް ފެންނަނީ ތަޅާނެ ބަޔަކު ލިބިއްޖެއްޔާ ތަޅަން ނެރެން.
"ދެބައި މީހުން؟" މާރިޔާ ވިދާޅުވެއެވެ.
"އެއީ އަޅުގަނޑަށް ހަމަ ވަރަށް ފެންނަނީ ތަޅަން. ތަޅާނެ ބައެއް ލިބުނިއްޔާ ތަޅަން ނެރެން ހަމަ. މާލެ ތެރެއިން ތަޅާނެ ކުދިންތަކެއް ހޯދާފައި ފުލުހުންނާ ތަޅަން ހަމަ [މާރިޔާ ހިނިފުޅުވަޑުވާ އަޑު] އެއީ އަޅުގަނޑަށް ފެންނަ ގޮތަކީ ދެން އަޅުގަނޑަކަށް ނޭނގޭ ތަޅާނެ ބައެއް ލިބޭނެ ކަމެއް. އަޅުގަނޑު ބޭނުމޭ މިރޭ ތަޅަން އެމީހުންނާ،"
"ވަރަށް ދެއްތޯ ހެއްވާކޮށް މިއުޅެނީ ދެއްތޯ! ދެން ގައިމުވެސް އަޅުގަނޑު މިހުރީ އެ ސަރަހައްދުގައި ހުރެގެން މި ވާހަކަ ދައްކަނީ. ރިޕޯޓިން ފްރަމް ދަ ސަރަހައްދު އެހެންވީމަ އަޅުގަނޑު ހަމަ ދަންނަވާލީ ކަރަންޓް ސިޓްއޭޝަނާ އަޅުގަނޑަށް ލިބުނު ވާހަކަ... ތިބޭޅާ ޖެސެވީމެއްނު ވަޓް ދަ ސާލް ސޭ އޭ!"
"އާނ.. ހާނހާނ!"
" ސާލު ބުނީ ސޯ ފަނީއޭ ޖަހާފައި އޮތީ... ދެން އަޅުގަނޑަކަށް ނޭނގެ!"
"ހައްހަ.. ދެން އަޅުގަނޑަށް ޓެކްސްޓް ކުރައްވަމުން ގެންދަވާތި ވާނުވާއެއް،"
"ދެން އަޅުގަނޑަށް އެނގޭ ވަރަކަށް ކުރާނާން،"
"އަޅުގަނޑަށް ދިޝާނާ އެބަގުޅާ މިހާރު!
"އާދެ ބާއްވަނީ!"
އުސްފަސްގަނޑު ރޫޅާލި ދުވަހު މާލެތެރޭގައި ހިންގި އެކި ހަމަނުޖެހުންތަކާ ގުޅިގެން މީގެ ކުރިން ފުލުހުން ވަނީ މާރިޔާ ދީދީ ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލުކޮށްފަ އެވެ.
ނަޝީދުގެ ވެރިކަން 7 ފެބުރުއަރީގައިޮ ވެއްޓުމަށްފަހުން މީގެ ކުރިން ވެސް ފުލުހުން ވަނީ މައްސަލައެއްގައި އެމަނިކުފާނުގެ ބަޔާނެއް ހޯއްދަވަން މަސައްކަތްކޮށްފަ އެވެ. ނަމަވެސް ނަޝީދު ވަނީ އެކަމަށް އެއްބާރުލުން ނުދެއްވާފައެވެ.