އެފްއޭއެމުން ދިން ތިން މަހުގެ ސަސްޕެންޝަނަށް ފަހު މިރޭ ބެންޗަށް އާދެވުމުން "ކުޑަކޮށް އެކްސައިޓްވި،" ކަމަށް ވިކްޓަރީގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.

"ފުޓްބޯޅައިގައި މިވީ 26 އަހަރު ދުވަހުގެ ތެރޭގައި މިގޮތަށް މިވިނަގަނޑާ ދުރުގައި ހުންނަން ޖެހިފައެއްނެތް. އެހެންވީމަ ކުޑަކޮށް އެކްސައިޓްވި. އެހެން ނަމަވެސް ވިކްޓަރީއާއެކު މަސައްކަތްކުރަން އަނެއްކާ ވެސް ފުރުސަތު ލިބުމުން އެކަމަށް މިހާރު މިވިސްނަނީ،" ކުރިން ވިކްޓަރީ އާއި ވެލެންސިއާ އަދި ލެގޫންސަށް ކުޅުނު ސުޒޭން ބުންޏެވެ.

އެފްއޭއެމުން ސުޒޭން ސަސްޕެންޑްކުރީ ސަންއެފްއެމްގެ ކުޅިވަރު ޕްރޮގްރާމުގައި ގަރުނުގެ ފުޓްބޯޅަ ޝަހުސިއްޔަތު މޫސާ މަނިކު (ކުޑަމޫސަ) އާއި އެފްއޭއެމުގެ ރައީސް އަލީ އާޒިމަށް ކުޅިވަރުގެ ރޫހާ ހިލާފަށް ފާޑުކިޔާފައިވާ ކަމަށް ބުނެ އެވެ. ނަމަވެސް ސުޒޭން ބުނީ މިއީ މުޅިން އެހެން މަގްސަދެއްގައި ދިން ސަސްޕެންޝަނެއް ކަމަށާއި އޭނާގެ ކުށެއްނެތްކަން އެންމެނަށް ވެސް އެނގޭނެ ކަމަށެވެ.

"މިއަދު އެކަނި އަޅުގަނޑަށް އައި އެސްއެމްއެސްތަކުން ވެސް އެނގޭ މިކަމުގައި އަޅުގަނޑުގެ ކުށެއްނެތްކަން. މިކަން މުޅި ގައުމު ވެސް އެބަގަބޫލު ކުރޭ. ވިކްޓަރީ އަށް ގެއްލުމެއްދޭން މިކަން ކުރި ނަމަވެސް މީގެ ސަބަބުން މާބޮޑު ގެއްލުމެއް ނުލިބޭނެ،" ސުޒޭން ބުންޏެވެ.

ސުޒޭނަކީ މިފަހަކަށް އައިސް ވިކްޓަރީދުށް އެންމެ ކާމިޔާބު ކޯޗެވެ. އޭނާ ވަނީ ފާއިތުވެދިޔަ ހަތް އަހަރު ތެރޭގައި ވިކްޓަރީއަށް އެތައް ތައްޓެއް ހޯދައިދީ ރާއްޖޭގެ އެންމެ މޮޅު ކޯޗުކަން 2009 ވަނަ އަހަރު ހޯދައިފަ އެވެ. ސުޒޭން ނެތުމުން ވިކްޓަރީގެ ކޯޗުކަން ކުރީ އޭނާގެ ކޮއްކޮ އަދި އެސިސްޓެންޓް ކޯޗު މުހައްމަދު ނަޒީހެވެ. ޕްރެސް ކޮންފަރެންސްގައި ސުޒޭން ވަނީ ކޮއްކޮ އަށް ތައުރީފްކޮށްފަ އެވެ.

"ހަމަގައިމު ވެސް މިހާރު އެންމެ ހުނަރުވެރި އަރަމުން އަންނަ ކޯޗަކަށް ނަޒީހް ފާހަގަ ކުރަން އެބަޖެހޭ. އެއީ މި އަހަރުގެ ޔޫތު މުބާރާތް ވެސް ކާމިޔާބު ކުރުމާ ވެސް އެކު. ދެން މި ފެންވަރުގެ އެއްވެސް ތަޖުރިބާއެއްނެތި ވިކްޓަރީ މި ލެވެލްގައި އޮތީމަ (ޓޭބަލުގެ ދެވަނާގައި އޮތީމަ) އޭނާގެ މަސައްކަތް ފާހަގަ ކުރަންޖެހޭ. ދެން އަޅުގަނޑަށް އޮތް އަނެއް ހިތްހަމަޖެހުމަކީ އަޅުގަނޑު ނެތް ދުވަހަކުން ވެސް އަޅުގަނޑުމެން ގެއިން މިތަށިތައް ގެއްލިގެންނުދާނެކަން،" ސުޒޭން ބުންޏެވެ.