30 Jul 2012, 11:09
ދެ ވަނާގައި އޮތް ވިކްޓަރީ 2-1 އިން ބަލިކޮށް ޗެމްޕިއަން ވީބީ ދިރާގު ދިވެހި ލީގުގެ ތާވަލުގެ ދެ ވަނަ އަށް ޖެހިލައިފި އެވެ.
ފޯރިގަދަވި މެޗުގައި ވީބީގެ ދެ ގޯލު ވެސް ޖެހީ ހޮލެންޑްގެ މިޑްފީލްޑަރު ސެންގިޒް ހުސައިނެވެ. ވިކްޓަރީ އަށް ފަހަރު ކުޑަކޮށްދިނީ މެޗުގެ އިތުރު ވަގުތުގައި އަކުރަމް އަބުދުލްގަނީ އެވެ.
މި މެޗުން މޮޅުވުމުން ވީބީ އަށް ވަނީ ވިކްޓަރީއާ އެއް އަދަދަކަށް ޕޮއިންޓް ލިބިފަ އެވެ. އެއީ 21 ޕޮއިންޓެވެ. ނަމަވެސް ފާއިތުވެދިޔަ ތިން އަހަރުގެ ޗެމްޕިއަން ވީބީ އަށް ދެ ވަނަ ލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ. ވިކްޓަރީ އަށް ނުވަ ގޯލު ފައިދާއޮތްއިރު ވީބީގެ ފައިދާ ގޯލުގެ ޖުމުލަ އަކީ 13 އެވެ.
ތިން މަސްދުވަހުގެ ސަސްޕެންޝަނަކަށް ފަހު މިރޭ ފުރަތަމަ ފަހަރަށް ވިކްޓަރީގެ ބެންޗަށް ދިޔަ ކޯޗު އަލީ ސުޒޭން މެޗަށް ފަހު ބުނީ ވިކްޓަރީގެ ކުޅުމާމެދު ހިތްހަމަޖެހޭ ކަމަށާއި މޮޅުނުވެވުނީ ލިބުނު ފުރުސަތުތައް ބޭނުންނުކުރެވިގެން ކަމަށެވެ.
"އުމޭރަކީ މި މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ. އެކަމަކު އޭނާ އަށް ވެސް މިރޭ ގޯލު ނުޖެހިގެން މިދިޔައީ. ހަމައެކަނި އުމޭރަށް ލިބުނު ފުރުސަތުތަކަށް ބަލާއިރު ވެސް ހަތަރެއް ފަހެއް ވަރު ހިނގައްޖެ. (ގޯލު ނުޖެހުމަކީ) ހަމައެކަނި އުމޭރުގެ މައްސަލައެއްނޫން. އެހެންވީމަ ވިކްޓަރީ އަށް ލިބުނު ފުރުސަތުތައް ބޭނުން ނުކުރެވިގެން މިދިޔައީ،" ސުޒޭން ބުންޏެވެ.
އޭނާ އަދި ބުނީ މި ބުރު ނިމޭއިރު އެއްވަނާގައިވާ ނިއުއާ ހަ ޕޮއިންޓަށް ކައިރިކުރެވޭނެ ކަމަށާއި ނިއު ބަލިކުރަން އެންމެ ރަނގަޅަށް އެނގޭ މީހަކީ އޭނާ ކަމަށްވުމުން އަދި ވިކްޓަރީގެ އުއްމީދު ނުގެއްލޭ ކަމަށެވެ.
ވީބީގެ ކޯޗު ޖޭން ވަންލީ ބުނީ އޭނާގެ ޓީމުގެ ކުޅުން ވަރަށް ރަނގަޅު ކަމަށެވެ. އަދި ލީގާ މެޗު ނުވިސްނައި ވިސްނަނީ މެޗަކަސް ފަހު މެޗެއް ކާމިޔާބު ކުރަން ކަމަށެވެ.
އަށް ޓީމު ވާދަ ކުރާ ލީގުގެ އެއްވަނާގައި އޮތީ 28 ޕޮއިންޓާއެކު ނިއު އެވެ. ލީގުގައި މިރޭ ކުޅޭނީ އީގަލްސް އާއި އޭވައިއެލް އެވެ.