30 Jul 2012, 11:08
ގ. ވޭރު، އަބްދުލް މުހިތު މަރާލި މައްސަލައިގައި ޖުވެނައިލް ކޯޓުގައި ދައުވާކުރާ ތިން ކުދިން ވެސް ދިފާއުގައި ހެކި ހުށަހަޅައިފި އެވެ.
ޖުވެނައިލް ކޯޓުގެ އޮފިޝަލަކު މިއަދު ވިދާޅުވީ އިއްޔެ ބޭއްވި އެ މައްސަލައިގެ ޝަރީއަތުގެ މަޖިލީހުގައި ދައުވާ ލިބޭ ތިން ކުދިން ވެސް ދިފާއުވުމަށްޓަކައި ހެކި ހުށަހަޅާފައިވާ ކަމަށާއި ދެން އޮންނަ ޝަރީއަތުގެ މަޖިލީހެއްގައި އޮންނާނީ ހެކީންގެ ހެކިބަސް ނެގުން ކަމަށެވެ.
އެ ތިން ކުދިންގެ މައްޗަށް ވެސް އުފުލާފައި ވަނީ ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އެވެ.
އެ ކުދިން ދިފާއުވުމަށްޓަކައި ހެކި ހުށަހަޅާފައިވާއިރު އެ ކުދިންގެ މައްޗަށް ދައުވާ ސާބިތުކުރުމަށްޓަކައި ދައުލަތުން ހުށަހަޅާފައިވާ ތިން މީހެއްގެ ހެކިބަސް މީގެ ކުރިން ވަނީ ނަގާފައެވެ. ޖުވެނައިލް ކޯޓުން ބުނީ މައްސަލައިގެ ބާވަތުން ހެކިބަސް ލިބިފައިވާ ގޮތް އަދި ހާމަކުރެވެން ނެތްކަމަށެވެ.
މުހީތުގެ މަރާ ގުޅިގެން ކްރިމިނަލް ކޯޓުގައި ވެސް ވަނީ ތިން މީހެއްގެ މައްޗަށް ދައުވާ އުފުލާފައެވެ. އެއީ ގދ. ގައްދޫ، އަބުލަޣީގޭ، މުހުޖަތު އަހުމަދު ނާސިހާއި ސ.މަރަދޫ، ސަލްޓަންވިލާ، އަލީ މުޝައްފައު އަދި ޅ. ނައިފަރު، ޒައިތޫނިގޭ، މުހައްމަދު މައިމޫނެވެ.
ދައުލަތުން އެ ތިން މީހުންގެ މައްޗަށް ކުރި ދައުވާގައި ބުނަނީ ފެބްރުއަރީ މަހު 18 ވަނަ ދުވަހުގެ ރޭ 1:50 އެހާކަންހާއިރު ފިނޭންސް މިނިސްޓްރީ ކުރިމަތީ އޮންނަ ކޮޅުބެދިފައިވާ ގޯޅިގަނޑުގެ ތެރޭ ސައިކަލެއްގެ މަތީގައި މުހީތު އިންދައި މުހުޖަތާއި މުޝައްފައު އެ މައްސަލައިގައި ހިމެނޭ އިސް ކުއްޖާއާ އިތުރު ބަޔަކާ އެކު ގޮސް މުހީތުގެ ބޮލަށާއި ގައިގެ އެތަން މިތަނަށް ތޫނުއެއްޗަކުން ދިން ހަމަލާއަށް ފަރުވާދެމުން ދަނިކޮށް ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހުގެ ހަވީރު މުހީތު ނިޔާވެފައިވާ ކަމަށެވެ.
އެހެންކަމުން މުހުޖަތާއި މުޝައްފައުގެ މައްޗަށް ކުރަނީ ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ ކަމަށް ވެސް ދައުލަތުގެ ދައުވާގައި ވެއެވެ. އަދި އެ މައްސަލައިގައި ހިމެނޭ އިސް ކުއްޖާ ސައިކަލަކަށް އަރުވައިގެން އެ ތިން މީހުންގެ ތެރެއިން މައިމޫން ގޮސްފައިވާތީ އޭނާގެ މައްޗަށް ކުރާ ދައުވާ އަކީ ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ ކަމަށް ވެސް ދައުލަތުގެ ދައުވާގައި ވެއެވެ.
ކާކުކަން ނޭނގޭ ގޮތަށް އަޑު ބަދަލުކޮށްގެން ކްރިމިނަލް ކޯޓުގައި ހެކިބަސް ދިން މީހަކު ބުނީ ފެބްރުއަރީ މަހު 18 ވަނަ ދުވަހުގެ ރޭ 1:50 އެހާކަން ހާއިރު ހަތަރު މީހުންނަށް ވުރެ ގިނަ މީހުން ހިމެނޭ ގުރޫޕަކުން ގޮސް މުހީތު ގަޔަށް އަރައިގަތީ ކަމަށެވެ. އަދި އެ ވަގުތު މުހުޖަތު ތޫނު އެއްޗަކުން މުހީތުގައިގައި ޖެހި މަންޒަރު އޭނާ ދުށްކަމަށާއި ނަމަވެސް މުޝައްފައު އާއި މައިމޫން އެތަނުން ނުދެކޭ ކަމަށް ހެކިބަސްދެމުން އެމީހާ ބުންޏެވެ.