ޓޯކިޔޯ (ޖުލައި 30): ޖަޕާނުން ފަލަސްތީނަށް 10 މިލިޔަން އެމެރިކާ ޑޮލަރުގެ ހިލޭ އެހީއެއްދީފި އެވެ. މިކަން ހާމަކުރެއްވީ ބޮޑުވަޒީރު ސަލާމް ފައްޔާޒެވެ.

މި 10 މިލިޔަން ޑޮލަރު ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ޖަޕާނުން ފަލަސްތީނުގެ ޒާތީ އިދާރާއަށް ކަނޑައަޅާފައިވާ މަންދޫބު ނައުވޯމީ ހަޝިމޯޓޯ އާއި ފަލަސްތީނުގެ ބޮޑުވަޒީރު ސަލާމް ފައްޔާޒެވެ. ފައްޔާޒު ވިދާޅުވީ މި 10 މިލިޔަން ޑޮލަރުގެ ސަބަބުން ފަލަސްތީނުގެ ބަޖެޓް ދެކޮޅު ޖެއްސުމަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމުގައެވެ. އަދި ފަލަސްތީނުގެ ހިފާފައިވާ ބިމުގައި ދެމިތިބުމަށް ފަލަސްތީނުގެ ރައްޔިތުން ކުރަމުންދާ ޖިހާދަށް ޖަޕާނުން އެހީތެރިވަމުންދާތީ ޖަޕާން ސަރުކާރަށާއި ރައްޔިތުންނަށް އޭނާ ޝުކުރު އަދާކުރެއްވިއެވެ.

ޖަޕާނުންވަނީ 2007 ގައިވެސް ފަލަސްތީނުގެ ޒާތީ އިދާރާއަށް 95 މިލިޔަން ޑޮލަރުގެ ހިލޭ އެހީއެއް ދީފައެވެ. މިގެއިތުރުން ފަންނީ އެތައް ރޮނގެއްގައި ޚާއްސަކޮށް ތައުލީމީ ގޮތުންނާއި ތަމްރީންގެ ގޮތުން ޖަޕާނުން ފަލަސްތީނަށް އެހީތައްވަމުން ގެންދެއެވެ. ފަލަސްތީނު ބިންތައް އިޒްރޭލުން ހިފާފައި އޮތުމާއެކު ފަލަސްތީނުގެ ޒާތީ އިދާރާއަށް ޓެކްސްގެ ގޮތުގައާއި އެކްސްޕޯޓުން ލިބޭ އާމްދަނީގެ ޙަޤީޤީ ކޮންޓްރޯލް އޮންނަނީ އިސްރާއީލަށެވެ. އެހެންކަމުން ފަލަސްތީނަށް ލިބެންޖެހޭ އާމްދަނީގެ ތެރެއިންވެސް އިސްރާއީލުގެ ފިއްތުންތަކާއި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ޒާތީ އިދާރާއަށް ލިބެނީ ކުޑަމިންވަރެކެވެ.

ނަތީޖާއެއްގެ ގޮތުންއަބަދުވެސް ފަލަސްތީނުގެ ބަޖެޓް އޮންނަނީ މުވައްޒަފުންނަށް މުސާރަ ވެސް ނުދެވޭފަދަ ދެކޮޅު ނުޖެހުމެއްގެ ތެރޭގައެވެ. މި ދެކޮޅު ނުޖެހުންތައް ފޫބައްދަނީ އަރަބި އަދި އިސްލާމީ ޤައުމުތަކާއި ފަލަސްތީނަށް ހެޔޮއެދޭ އެހެން ޤައުމުތަކުންދޭ ހިލޭ އެހީއާއި ބައިނަލްއަޤްވާމި މާލީ އިދާރާތަކުންދޭ ލޯން އެހީތަކުންނެވެ. ފަލަސްތީނުގެ ބަޖެޓަށް މިހާރު ދިމާވެފައިވާ ނުކުޅެދުންތެރިކަން ޙައްލުކުރުމަށްޓަކައި މީގެ ދެހަފްތާ ކުރިން ސަޢޫދީ އަރަބިޔާއިންވަނީ 100 މިލިޔަން އެމެރިކާ ޑޮލަރުގެ ހިލޭ އެހީއެއް ދީފައެވެ.

ޢަރަބި ޤައުމުތަކުންވަނީ އަހަރަކު އެއް ބިލިޔަން ޑޮލަރުގެ ހިލޭ އެހީ ފަލަސްތީނަށް ދިނުމަށް ވަޢްދު ވެފައެވެ. ނަމަވެސް މީގެތެރެއިން ޢާންމު ގޮތެއްގައި ފަލަސްތީނަށް ލިބެނީ މިޢަދަދުގެ ދެބައިކުޅައެއްބައެއްހާ މިންވަރު ކަމަށް ފަލަސްތީނުން ބުނެއެވެ. -- އަލްޖަޒީރާ