މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް ބަދުރުއް ނަސީރު އެ ކޮމިޝަނުން އިސްތިއުފާ ދެއްވުން ދޭހަކޮށްދެނީ އެމްޑީޕީން ރާއްޖޭގައި ގާއިމްކުރި ޑިމޮކްރަސީ، ދުވަހެއް ދުވަހަކަށް ފަނޑުވަމުންދިއު ކަމަށް އެމްޑީޕީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.

މޫސާ މަނިކު އިއްޔެ ވިދާޅުވީ ބަދުރުގެ އިސްތިއުފާގެ ބަޔާނަށް ބަލާއިރު، "ބަޣާވާތަ"ކުން ސަރުކާރާއި ހަވާލުވެގެން ތިބި ފަރާތްތަކުން ރާއްޖޭގެ ގާނޫނު އަސާސީގެ ބާރު ކަނޑުވަމުންދާކަން ފާހަގަކުރެވޭ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ސަރުކާރުން ރާއްޖޭގައި ޑިމޮކްރަސީގެ ހަމަތައް ގާއިމްކުރަން ބޭނުން ނޫން ކަން ވަރަށް ރަނގަޅަށް ދޭހަވާ ކަމަށެވެ. މިނިވަން މުއައްސަސާތަކުގެ ބާރު މަޑުމަޑުން ކެނޑެމުންދާ ކަމުގެ ކުލަވަރު ފެންނަމުންދާ ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.

"ބަދުރުގެ އިސްތިއުފާ އިން ދޭހަކޮށްދެނީ ރާއްޖޭގައި އެމްޑީޕީން ދިއްލި ޑިމޮކްރަސީގެ ހުޅުކޮޅު ކަނިވެ ނިވެމުންދާކަން. ޑިމޮކްރަސީގެ ހަމަތަކާއި އުސޫލުތައް ރާއްޖޭގައި އަލުން ގާއިމްކުރުމަށްޓަކައި، މިނިވަން މުއައްސަސާތަކުގައި ތިއްބެވި ފަރާތްތައް ސާބިތުކަމާއެކު ދެމިތިއްބެވުމަކީ ވަރަށް މުހިންމު ކަމެއް،" މޫސަ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިނިވަން މުއައްސަސާތަކުގައި ތިއްބަވާ ޒިންމާދާރު ފަރާތްތައް އެތަންތަނުން ފެއަށް ވަޑައިގަންނަވަނީ ސަރުކާރުގެ ޑިމޮކްރަސީ އާއި ބީރައްޓެހި ސިޔާސަތުގެ ސަބަބުން ކަމަށެވެ. އަދި ރާއްޖޭގައި އަލުން އަނބުރާ ޑިމޮކްރަސީ ގާއިމްކުރުމަށް އެމްޑީޕީން ކުރަމުންދާ މަސައްކަތަށް މަޑުޖެހުމެއްނެތި ކުރިޔަށް ގެންދާނޭ ކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވާ ކަމަށެވެ.

ކޮމިޝަނުން އިސްތިއުފާދެއްވިކަން ބަޔާން ކުރައްވައި ބަދުރު އިއްޔެ ނެރުއްވައި ބަޔާނެއްގައި ވިދާޅުވެފައިވަނީ ބްރޯޑްކާސްޓިން ކޮމިޝަނާ އޭނާ ގުޅިވަޑައިގަތީ މީޑިއާ މެދުވެރިކޮށް ގައުމަށް އިތުރު ހިދުމަތެއް ކުރުމުގެ ދޮރު މުޅިން ލެއްޕިފައި ވަނިކޮށް ރެގިޔުލޭޓަރެއްގެ ހައިސިއްޔަތުން އިތުރު ހިދުމަތްތަކެއް މިދާއިރާއަށް ކުރެވިދާނެ ކަމުގެ ފޮނި އުންމީދާ އެކީގައި ކަމަށެވެ. ނަމަވެސް ރާއްޖެ މިއަދު ތަހައްމަލް ކުރަމުންދާ ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި އެ އުންމީދުތަކަށް ފުރުސަތު ވަރަށް ކުޑަވެގެން ގޮސްފައިވާ ކަމަށާއި ހާއްސަގޮތެއްގައި ދައުލަތަށް ދިމާވެފައިވާ ފައިސާގެ ދަތިކަމުގެ އެންމެ ބޮޑު އަސަރެއް ކުރިމަތިވެފައިވާ އެއް މުއައްސަސާއަކީ އެކޮމިޝަން ކަމަށެވެ.