ރޯދަ މަހު ބާޒާރަށް ބޮޑެތި ބަދަލުތަކެއް އާދެ އެވެ. އެންމެ ކައިރީ ތަކެތީގެ އަގުތައް ބޮޑުވުމެވެ. މިއަހަރު ވެސް ރޯދަ ފެށިގެން އައިއިރު ތަކެތީގެ އަގުހުރީ ބޮޑުކޮށެވެ. ނަމަވެސް ފުރަތަމަ 10 ދުވަސް ނިމިގެން ދިޔައިރު ބާޒާރުގައި ގިނަ ބާވަތްތަކުގެ އަގުތަކަށް ވަނީ ބަދަލު އައިސްފަ އެވެ. ވަރަށް ގިނަ ބާވަތްތަަކުގެ އަގު ހެޔޮވެއްޖެއޭ ބުނާ ވަރަށް ބައެެއް ތަކެތީގެ އަގުތައް ވަނީ ވެއްޓިފަ އެވެ.

ގިނަ ބާވަތެއްގެ ތަކެތީގެ އަގު ހެޔޮވި ނަމަވެސް ކަރާގެ އަގުތަކަށް އަދިވެސް ބަދަލެއް ނާދެ އެވެ. މުލަ ރޯދަ ދުވަހު 15ރ. އަށް ކިލޯއެއްހުރި ކަރާގެ އަގު މިއަދުވެސް ހުރީ 13ރ. އާއި 15ރ ދޭތެރޭގަ އެވެ. އެދުވަހު ފަސް ރުފިޔާއަށް ހުރި ދޮންކެޔޮވަައް ބާޒާރުގައި އިއްޔެ ވަނީ ދެ ރުފިޔާއަށް ވެއްޓިފަ އެވެ. އެދުވަހު 30ރ. އަށް ފަޅޯ ކިލޯއެއް ވިއްކި އިރު މިހާރު ބާޒާރުގައި ފަޅޯ ކިލޯއެއް ގެ އަގުހުރީ 20ރ. އާއި 15ރ. އާ ދެމެދު އެވެ.

ކޮޕީފަތް 10ރ. ދެ ފަތް ވިއްކިއިރު ކޮޕީ ފަތުގެ އަގު މިހާރު ހުރީ ތިރިވެފައެވެ. ދެ ރުފިޔާއަށް ފަތެއް ލިބެ އެވެ. ކުރިން 50ރ. އަށްހުރި ލުނބޯ ކިލޯ މިހާރު 30ރ. ވެއްޓުނު އިރު ރޯ މިރުހުގެ 100 ގްރާމް 45ރ. އާއި 50 ރުފިޔާއާ ދޭތެރޭގައި ހުރެފައި އިއްޔެ ހަވީރު ވަނީ 20ރ، އާއި 25ރ. ދެމެދަށް ތިރިވެފައެވެ. އަދި 20ރ. އާއި 25ރ. ދޭތެރޭގެ އަގުތަކުގައި ހުރި ކުރުނބާ ވެސް ވަނީ 15ރ. އަށް ވެއްޓިފަ އެވެ.

ދަތުރުވެރިންގެ މާރުކޭޓުގެ ބައެއް ދަނޑުވެރިވެރި، ވިޔަފާރިވެރިން ބުނީ ކަރާގެ އަގު ދަށަށް ނުގޮސް ހުރފީ މާލެއަށް ބޭނުންވާ ވަރަށް ކަރާ ނުގެނެވޭތީ ކަމަށާއި ވަރަށް އަވަހަށް ކަރާގެ އަގު ހެޔޮވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

"އެހެން ބާވަތްތަކުގެ އަގުތައް ވެސް މިހާރަށްވުރެ ދަށްވާނެ އަދިވެސް،" ތޮއްޑޫގެ ދަނޑުވެރިޔަކު ބުންޏެވެ.

ފިޔާ، އަލުވި ބިހުގެ އަގުތަކަށް ބަލާ އިރު އަލުވި ބަސްތާއެއް ލިބެންހުރީ 250ރ. އަށެވެ. އަދި ކުރިން ބިސް ކޭހެއް 380ރ. ލިބުނު އިރު މިހާރު ބިސްކޭސް ހުރީ 355ރ. އަށެވެ.

ފިހާރަތަކުން ފިޔާ ކިލޯއެއް ލިބެންހުރީ 15ރ. އަށެވެ. އަލުވި ކިލޯއެއް ވެސް އެ އަގުގަ އެވެ. ކުރިން ކެބެޖު ކިލޯއެއް 30 އާއި 40ރ. އަށް ހުރިއިރު މިހާރު ކެބެޖު ކިލޯއެއްގެ އަގު ހުރީ 25ރ. އަށެވެ. އަދި ކުރިން 90 ރުފިޔާ އާއި 75ރ. ރޭޓުގައި ހުރި ކެރެޓް ކިލޯއެއްގެ އަގު މިހާރު ބާޒާރުގައި ހުރީ 55ރ. އާއި ހަމައިގަ އެވެ.

ބާޒާރުގެ ގިނަ ބާވަތްތަކެއް އަގު ހެޔޮވި ނަމަވެސް މަހުގެ އަގު އަދިވެސް ހުރީ ވަރަށް ބޮޑުކޮށެވެ.