29 Jul 2012, 23:13
އދ. ގެ ހިއުމަން ރައިޓްސް ކައުންސިލުން ދިވެހި ރާއްޖެއާއި ގުޅޭ ގޮތުން ނެރެފައިވާ ރިޕޯޓަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އަޑީގައި ހުންނަވައިގެން ނެރުނު ރިޕޯޓެއް ކަމަށް ސަރުކާރުގެ ތަރުޖަމާނު އައްބާސް އާދިލް ރިޒާ ވިދާޅުވެއްޖެ އެވެ.
ދިޓިވީގެ ހަބަރުތެރެއިން ޕްރޮގްރާމުގައި މިރޭ ވާހަކަފުޅު ދައްކަވަމުން އައްބާސް ވިދާޅުވީ އދ ރިޕޯޓެއް ބިނާވެފައި އޮންނާނީ ދިވެހި ދައުލަތުގެ ފަރާތުން ދެއްވި މައުލޫމާތު ތަކުގެ މައްޗަށް ބިނާކޮށް ކަމަށާއި އެފަދަ ގޮތަކަށް ރިޕޯޓް ބިނާވެފައި އޮތީ ރައީސް ނަޝީދު ދިވެހި ރާއްޖޭގެ އިސްލާމީ ޝަހުސިއްޔަތު ގަސްދުގައި ހަލާކުކޮށްލެއްވުމަށް ކުރެއްވި މަސައްކަތުން ކަމަށެވެ.
"އދ ގެ އިންސާނީ ހައްގުތަކާއި ގުޅޭ ޖަމިއްޔާގެ ފަރާތުން ނެރެފައި މިއޮތް ރިޕޯޓަކީ މިއީ ރައީސް ނަޝީދު ގަސްތުގައި ކުރައްވާފައި އޮތް ކަމެއް، މިއީ ރައީސް ނަޝީދު ދިވެހިރާއްޖޭގެ އިސްލާމީ ޝަހުސިއްޔަތު ހަލާކޮށްލުމަށް ޓަކައި ދިވެހި ރައްޔިތުންނަށް ވެފައިވާ ވަރަށް ބޮޑު ހިޔާނާތެއް،" އައްބާސް ވިދާޅުވި އެވެ.
އައްބާސް ވިދާޅުވީ އެފަދަ ރިޕޯޓެއް ނެރެފައިވަނީ ބަޔަކު ވަރަށް ބޮޑަށް ރާވައިގެން ކަމަށާއި ރާއްޖޭގެ ގާނޫނު އަސާސީގައި ކަނޑައެޅިގެން ބަޔާން ކޮށްފައިވާ ކަންކަމާ ތައާރަޒުވާ ގޮތަށް އެކިކަންކަން ފާހަގަކޮށްފައިވުމުން ޑިމޮކްރަސީއޭ ބުނެ އެފަދަ ގޮތަކަށް ކަންކަންކުރުމަކީ ރަނގަޅު ގޮތެއް ކަމަށް ދެކިވަޑައިނުގެންނަވާ ކަމަށެވެ.
"ޔޫއެންގެ އިންސާނީ ހައްގުތަކާބެހޭ ޖަމިއްޔާއިން ހަގީގަތުގައި ވެސް އެ ބޭފުޅުންނަށް ރަނގަޅު މައުލޫމާތުތަކެއް ދެވިފައެއް ނެތް. ހަގީގަތުގައި މިފަދަ ކަންކަން އެބޭފުޅުން [އެމްޑިޕީން] ރެކޯޑްކޮށްގެން ދައްކައިދޭން ބޭނުންވަނީ މިތިބިއްޔޭ ދިވެހި ރައްޔިތުން ޔޫއެންއާއި ދެތޭރޭގައި ކިޔާ އެއްޗަކީ މިހާރު ޔޫއެންއިން ވަކިވާށޭ މިކިޔަނީ މިކަހަލަ ވާހަކަތަކެއް ރައްޔިތުން ބަދުނާމުކޮށްގެން ދައްކައިގެން ދުނިޔޭގެ ތާއީދުލިބޭތޯ މަސައްކަތްކުރަނީ،" އައްބާސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެރިޕޯޓުގައި ހުރި ވާހކަތަކަކީ ސަރުކާރުން މާބޮޑަށް ކަންބޮޑުވެގެން އުޅޭ ވާހަކަތަކެއް ނޫން ކަމަށާއި އެ ޖަމިއްޔާއަށް ރާއްޖޭގައި ކަންކަން ހިނގާ ގޮތުގެ ސައްހަ މައުލޫމާތު ކުރީގެ ސަރުކާރުން ނުފޮނުވާ އެ ހުރިހާ މައުލޫމާތެއް އޮޅުވާލާފައިވާކަމަށާއި އެ ރިޕޯޓަކީ ރައީސް ނަޝީދު ނެރެން ބޭނުންވި ރިޕޯޓެއްކަމަށެވެ. އޭނާ ވިދާޅުވީ ހަތެއް ފެބުރުއަރީގެ ހާދިސާ ނުހިގައި އެ ރިޕޯޓް ނުކުތްނަމަ އެރިޕޯޓް ދެއްކުމަށް ފަހު ރާއްޖޭގެ ގާނޫނޫ އަސާސީ އިސްލާހުކުރަން ޖެހޭނީ ހުރިހާ ދީންތަކެއްގެ މީހުންނަށް އުޅެވޭ ގޮތަށްކަމަށް ނަޝީދު ވިދާޅުވާނެ ކަމަށެވެ.
"ޔޫއެންއެން އިން ބުނެފިޔޭ މިރާއްޖޭގައި ހުރިހާ ދީނަކަށް މިނިވަންކަން އޮންނަން ޖެހޭނޭ އެހެން ނޫނީއްޔާ އިރާގަށް އެރިގޮތަށް އަރައި ބޮން އަޅަނިއްޔޭ ދަތިކުރުމުގެ ފިޔަވަޅު އަޅަނިއްޔޭ އދ އިން. އެހެންވީމަ މިރާއްޖޭގައި މަޖިލިހުން އެގޮތަށް ނިންމަން ވިއްޔޭ ހުރިހާ ދީންތަކެއްގެ މީހުންނަށް މިތާ އަޅުކަން ކޮށްގެން އުޅެވޭ ގޮތަށް، އެއް ޖިއްސުން މިރާއްޖޭގައި މީހުންނަށް އިނދެވޭނެ ކަމަށް. ފަނޑިޔާރުގޭގައި އެއްޖިއްސުން ކާވެނި ކޮށްދޭ ފަނޑިޔާރުން ބައިތިއްބަން އެއީ އެފަދަ ލާދީނީ ކަންތަކެއް ކުރުމަށް ގަސްތުގައި ރާވައިގެން ފޮނުވަފައިވާ މައުލޫމާތު ތަކެއްގެ މައްޗަށް އދ އަށް ވަރަށް ބޮޑެތި އޮޅުވާޅުންތަކެއް އޮޅުވާލާފައި އޮތީ،" އައްބާސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދިވެހި ރައްޔިތުން ބޭނުން ނުވާ ކަންކަން ހުރުމުން އެކަންތައް ތަންފީޒު ކުރުމަށް އދ ބާރު ނާޅާނެ ކަމަށާއި ރައީސް ނަޝީދު ބޭނުންވާ ގޮތަށް މިރާއްޖޭގެ ރައްޔިތުން އެއް ޖިއްސުން ކައިވެނިކޮށް އެހެން ދީންތަކަށް އަޅުކަން ކުރ މީހުންނަށް ޖާގަ ދޭން ރާއްޖޭގެ ރައްޔިތުން ތިބީ ތައްޔާރަށް ނޫންކަމަށެވެ.