29 Jul 2012, 20:37
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހައްޔަރު ކުރުމުގައި މަޖިލީހުގެ ގަވާއިދަށް އަމަލު ނުކުރެވޭނެކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒު ވިދާޅުވެފައިވާތީ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ކޮމިޝަނާއަށް ސިޓީއެއް ފޮނުއްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނަނީ މަޖިލީހުގެ ގަވައިދަކީ ގާނޫނު އަސާސީގެ 88 ވަނަ މާއްދާގެ ދަށުން އެކުލަވާލައި މަޖިލީހުން ފާސްކޮށްފައިވާ ގަވައިދެއް ކަމަށެވެ. އެ ގަވާއިދަކީ ގާނޫނު އަސާސީގެ ދަށުން ހަދާފައިވާ ގަވާއިދަކަށް ވުމުން މަޖިލީހުގެ މެންބަރަކު ހައްޔަރު ކޮށްފިނަމަ އެކަން މަޖިލީހުގެ ގަވާއިދުގައިވާ ގޮތަށް މަޖިލީހުގެ ރައީސަށް އަންގަވަމުން ގެންދެވުމަށް ކޮމިޝަނާއަށް ޝާހިދު އިލްތިމާސް ކުރައްވާ ކަމަށެވެ.
މަޖިލީހުގެ މިފަދަ ބަޔާނެއް ނެެރުުނު އިރު މިދިޔަ ބުރާސްފަތި ދުވަހު ކޮމިޝަނާ ވިދާޅުވީ މަޖިލީހުގެ މެންބަރަކު ހައްޔަރު ކުރުމުގެ ކުރިން މަޖިލީހުގެ ރައީސަށް އެންގޭނީ ތަހުގީގު މަރުހަލާގައި މެންބަރަކު ހައްޔަރު ކުރަން ޖެހިގެން ކޯޓު އަމުރެއް ހޯދައިގެން މެންބަރަކު ހައްޔަރުކުރާ ޒާތުގެ މައްސަލަތަކުގައި އެކަނި ކަމަށެވެ.
ކޮމިޝަނާ ވިދާޅުވެފައި ވަނީ މުޒާހަރާގައި މެންބަރުން ހައްޔަރު ކުރަނީ ކުރިން އެނގިގެން ނޫން ކަމަށާއި މުޒާހަރާއެއްގައި މެންބަރުން ހައްޔަރު ކުރަނީ އެވަގުތު ގާނޫނާއި ޚިލާފު ވުމުން ކަމަށެވެ. އެހެންކަމުން މަޖިލީހުގެ ގަވާއިދުގައި އެގޮތަށް އޮތް ނަމަވެސް އެފަދަ ހާލަތްތަކުގައި މެންބަރުން ހައްޔަރު ކުރުމުގެ ކުރިން މަޖިލީހުގެ ރައީސަށް ނޭންގޭނެ ކަމަށެވެ.
ރިޔާޒު ވިދާޅުވީ މުޒާހަރާއެއްގައި މެންބަރަކު ހައްޔަރު ކުރަނީ ކުރިން އަންގައިގެން ނޫންކަމަށް ވުމުން މެންބަރަކު ހައްޔަރުކުރާ ވަގުތު އިންޗާޖަކަށް ތިބޭ ފުލުހުންނަށްވެސް އަދި ކޮމިޝަނާއަށް ވެސް އެކަން ނޭނގޭ ކަމަށެވެ. އަދި ވިދާޅުވެފައި ވަނީ މެންބަރަކު ހައްޔަރު ކުރިކަން ފުލުހުންގެ އިސް ބޭފުޅުންނަށް އެނގޭ ހިސާބުން ވަގުތުން އެކަން މަޖިލީހުގެ ރައީސަށް އަންގާ ކަމަށެވެ.