29 May 2025, 20:36
ދިވެހި ވަޠަނީ ޚިދުމަތް ނުވަތަ ގައުމީ ޚިދުމަތުގެ ޕްރޮގްރާމަކީ ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމަށް ޓަކައި ބެލެނިވެރިންނާއި ރައްޔިތުން އުންމީދުކުރާފަދަ ހަރުދަނާ ބައެއްގެ ގޮތުގައި ބައިވެރިން ތަމްރީން ކޮށްދެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ދިވެހި ވަޠަނީ ޚިދުމަތުގެ މުދައްރިބުންގެ ކިބައިން އެދިވަޑައިގެންފިއެވެ.
ސިފައިންގެ މައި މަރުކަޒު، ބަންޑާރަކޮށީގައި މި ޕްރޮގްރާމުގެ މުދައްރިބުންނާ ވާހަކަފުޅުދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ ދިވެހި ވަޠަނީ ޚިދުމަތުގައި ބައިވެރިވާ ޒުވާނުންނަކީ، އިސްލާމް ދީނަށް ލޯބިކުރާ، ދީނީ ކަންކަމަށް ފަރުވާތެރި، ޤައުމިއްޔަތުގެ ވިސްނުންހުރި، ޤައުމަށް ބޭނުންތެރި، ބަޔަކަށް ހެދުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
އެއްވެސް އިޝްތިހާރުކުރުމެއް ނެތި ވެސް، މި ޕްރޮގްރާމަށް މިހާތަނަށް ނުވަސަތޭކައާ ގާތްކުރާ ޢަދަދަކަށް، ޒުވާނުން ކުރިމަތިލާފައި ވާއިރު، މިއީ، މިފަދަ ޕްރޮގްރާމަކަށް ބެލެނިވެރިން ބޭނުންވެފައިވާ މިންވަރާއި ޒުވާނުންގެ މެދުގައި މި ޕްރޮގްރާމަށް އޮތް ތާއީދުގެ ގޮތުގައި ދެކެވަޑައިގަންނަވާކަމަށް ރައީސް ވިދާޅުވިއެވެ.
އަދި ޕްރޮގްރާމްގެ ބައިވެރިންނާއި ބެލެނިވެރިން، މި ޕްރޮގްރާމަށް ކުރާ އުންމީދު ޙާޞިލުވާނެހެން މި ޕްރޮގްރާމް ކުރިއަށް ގެންގޮސްދެއްވުމަށް މުދައްރިބުންގެ ކިބައިން ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަތެވެ.
ދިވެހި ވަޠަނީ ޚިދުމަތް ނުވަތަ މޯލްޑިވްސް ނެޝަނަލް ސާވިސްއަކީ، ދިވެހި ޤައުމިއްޔަތަށް ލޯބިކުރާ، އިސްލާމް ދީނަށް ފަރުވާތެރި، ޒިންމާދާރު، ޖިސްމާނީ، ރޫހާނީ އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ، ދިވެހި ރައްޔިތެއް ބިނާކޮށް، މަސައްކަތަށް އަހުލުވެރި، އަޚްލާޤު ރަނގަޅު، ހަރުދަނާ ޒުވާން ޖީލެއް ބިނާކުރެއްވުމަށް، ރައީސް މުޢިއްޒު އިސްނަންގަވައިގެން ރާއްޖޭގައި މުޅިން އަލަށް ފަށާ ކަމެކެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫނާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ހިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙުމަދު ޤިޔާސްއާއި ސިފައިންގެ ޖެނެރަލް އޮފިސަރުން ބައިވެރިވެވަޑައިގަތެވެ.
އަދި، ދިވެހި ވަޠަނީ ޚިދުމަތުގެ މުދައްރިބުންގެ އިތުރުން، ދިވެހި ވަޠަނީ ޚިދުމަތުގެ މަސައްކަތްކުރައްވާ ސިފައިންގެ އިސް އޮފިސަރުން ވެސް ބައިވެރިވެވަޑައިގަތެވެ.
މޯލްޑިވްސް ނޭޝަނަލް ސާވިސްއަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުމާއެކު، އިއްޔެގެ ނިޔަލަށް 891 ޒުވާނުން ކުރިމަތިލާފައިވެއެވެ. މޯލްޑިވްސް ނެޝަނަލް ސާވިސްގެ ތަމްރީންގެ ފުރަތަމަ ބުރަށް ކުރިމަތިލުމުގެ ސުންގަޑި ހަމަވާނީ މި ފެށޭ ޖޫން މަހުގެ އެއްވަނަ ދުވަހުގެ 12:00ގެ ނިޔަލަށެވެ.