ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ހުޅުމާލެއިން ދޫކުރާ ބިންތައް ހައުސިން މިނިސްޓްރީއަށް ދޫ ނުކުރެވޭނެ ކަމަށް ސިޓީ ކައުންސިލުން ބުނެފި އެވެ.

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒަށް ސިޓީ ކައުންސިލުން މިއަދު ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ މާލެސިޓީގެ ބައެއް ކަމުގައިވާ ހުޅުމާލެއިން ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ދިރިއުޅެން ބިންދޫކުރަން އެގްރިމެންޓް ކުރަމުންދާ ކަމަށާއި ވެށިފަހި މާލެ ޕްރޮގްރާމްގައި މާލެސިޓިއަށް ނިސްބަތްވާ ރަށަކުން އެގޮތަށް ބިން ދޫކުރެވެނީ ބިމާބެހޭ ގާނޫނުގެ ދަށުން ހައުސިން މިނިސްޓްރީގެ ކަނޑައަޅާ ގޮތެއްގެ މަތިން ސިޓީ ކައުންސިލުން ކަމަށެވެ.

"... މި ނޫން ގޮތަކަށް ހުޅުމާލެއިން ދިރިއުޅުމަށްޓަކައި ދޫކުރެވޭ ބިން ދޫކުރެވޭނީ ގާނޫނާއި ހިލާފަށްކަން މަނިކުފާނަށް ހަދުމަފުޅުކޮށް އަރުވާ ގާނޫނީ ގޮތުން މި ކައުންސިލުން ކުރަން ޖެހޭ މަސައްކަތްތައް ތިޔަ މިނިސްޓްރީން ކުރައްވަމުން ގެންދަވާތީ މިކަންތައްތައް ވަގުތުން ހުއްޓާލެއްވުމަށް ފަހު ގާނޫނުގައިވަ ގޮތުގެ މަތިން ތިޔަ މަސައްކަތްތައް ކުރައްވަމުން ގެންދެވުމަށް އިލްތިމާސް ކޮށް ނަސޭހަތް ތެރިވަމެވެ،" ސިޓީ ކައުންސިލުން ފޮނުވި ދެ ސަފްހާގެ ސިޓީގައި ވެއެވެ.

އެ ސިޓީގައި ވެށިފަހި މާލެ ޕްރޮގްރާމުގެ މަސައްކަތް ސިޓީ ކައުންސިލް ބެލުމުގެ ދަށުން ކުރިއަށް ގެންދިއުމަށް އެ ޕްރޮޖެކްޓްގެ މަސައްކަތާއި އެ މަސައްކަތް ކުރައްވާ މުއައްޒަފުން ވެސް ސިޓީކައުންސިލް ބެލުމުގެ ދަށަށް ގެނައުމުގެ މަޝްވަރާތައް ފެށޭނެ ތާރީހެއް ދިނުމަށް ވެސް އެދިފައި ވެއެވެ.

މިދިޔަ ހުކުރު ދުވަހު ހައުސިން މިނިސްޓަރު މުއިއްޒު ވިދާޅުވީ މާލޭގެ ބިންތަކުގެ ޕްލޭން ކުރުމާއި ލޭންޑް ޔޫސް ޕްލޭން ހެދުމަކީ ސިޓީކައުން ސިލުގެ އިހުތިސާސް ކަމަށް އެފަރާތުން ބުނި ކަމަށް ވީނަމަވެސް އެކަމަކީ ހަގީގަތައި ހިލާފު ވާހަކެއް ކަމަށެވެ.

"އެކަން ގާނޫނީ ގޮތުން ކަންކަން އެގޭ ކޮންމެ މީހަކަށް ވަރަށް ސާފުކޮށް އެނގޭން އޮތްކަމެއް ބިން ބޭނުން ކުރާ ގޮތުގެ ސިޔާސަތު ކަނޑައަޅާނީ ސަރުކާރުން ސަރުކާރުން ސިޔާސަތު ކަނޑައެޅީމަ އެކަން އިންޕްލިމެންޓްކުރަން ޖެހޭނީ ދެން އެގޮތް އަނެއް އަތަށް ޖަހާފަ މިއަންގަނީ ތިމަންނަމެންނޭ ބިން ބޭނުން ކުރާގޮތް ކަނޑައަޅާނީ މިއީ ދުނިޔޭގެ އެއްވެސް ގައުމެއްގެ ކަންކުރާ ގޮތެއް ނޫން،" މުއިއްޒު ވިދާޅުވި އެވެ.