29 Jul 2012, 19:16
އަބޫދަބީ (ޖުލައި 29) : ސޫރިއާގެ އިދިކޮޅު ހަނގުރާމަވެރިން ހަތިޔާރު ފޯރުކޮށްދިނުމަށް އެޤައުމުގެ އިދިކޮޅު "ސީރިއަން ނެޝެނަލް ކައުންސިލް" ގެ ވެރިޔާ އަބްދުލް ބާސިތު ސައިދާ ބައިނަލްއަޤްވާމީ މުޖްތަމަޢަށް ގޮވާލައްވައިފި އެވެ.
ޔުނައިޓެޑް އަރަބް އިމަރޭޓްސްގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ އިދިކޮޅު ހަނގުރާމަވެރިން ކަމަށްވާ "ފްރީ ސީރިއަން އާމީ" ގެ ހަނގުރާމަވެރިންނަށް ބައްޝާރުގެ ލަޝްކަރުތަކުގެ މައްޗަށް ކާމިޔާބު ހޯދޭނީ އެމީހުންނަށް ޒަމާނީ ހަތިޔާރާއި ޓްރޭނިންއާ ކޮމިއުނިކޭޝަންގެ ވަސީލަތްތައް ފޯރުކޮށްދީގެން ކަމަށެވެ. ސޫރިޔާ ސިފައިން ހަނގުރާމަކުރަނީ ރަޝިޔާއިން ފޯރުކޮށްދީފައިވާ ޒަމާނީ ހަތިޔާރު ބޭނުންކޮށްގެން ކަމަށާއި ޢަރަބި ޤައުމުތަކުންނާއި ބައިނަލްއަޤްވާމީ ފަރާތްތަކުގެ އެހީއާއި މަދަދު ނުލިބި ސޫރިޔާގެ ނިޒާމީ ސިފައިންގެ ކުރިމަތީގައި ކާމިޔާބު ހޯދަން އިދިކޮޅު ހަނގުރާމަވެރިންނަށް ދަތިވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ސައިދާ މިމޭރުމުން ވާހަކަ ދައްކަވާފައިވަނީ ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންނަށް އަރަބި ބައެއް ޤައުމުތަކާއި އެމެރިކާއާއި ޔޫރަޕްގެ ބާރުތައް ގުޅިގެން ތުރުކީގެ މަގުން ހަތިޔާރު ފޯރުކޮށްދެމުން ގެންދާކަމުގެ ރިޕޯޓްތައް ފެންމަތިވެފައިވަނިކޮށެވެ. ސޫރިޔާ ސަރުކާރުން ވެސް ވަނީ އިދިކޮޅު ހަނގުރާމަވެރިންނަށް އަރަބި ބައެއް ޤައުމުތަކާއި އެމެރިކާއާއި ޔޫރަޕްގެ ބާރުތައް ގުޅިގެން ތުރުކީގެ މަގުން ހަތިޔާރު ފޯރުކޮށްދެމުން ގެންދާކަމަށް ތުހުމަތުކޮށްފަ އެވެ. އިދިކޮޅު ހަނގުރާމަވެރިންނަށް ޒަމާނީ ހަތިޔާރު ފޯރުކޮށްދިނުމަކީ ސޫރިޔާގައި މިހާރަށްވުރެ ބޮޑު ލޭއޮހޮރުވުންތަކެއް ހިނގާނެ ކަމެއްކަމަށް މަސްރަޙް ދިރާސާކުރާ ފަރާތްތަކާ ޙަވާލާދީ މީޑިޔާ ރިޕޯޓްތައް ބުނެއެވެ.
މީގެއިތުރުން ރެފިއުޖީންގެ ގޮތުގައި އަވަށްޓެރި ޤައުމުތަކަށް ހިޖްރަކުރާ ސޫރިޔާ ރައްޔިތުންނަށް އިންސާނީ އެހީތައް ފޯރުކޮށްދިނުމުގައި އަވަސްވުމަށް އޭނާ އަރަބި ޤައުމުތަކަށާއި އދ. އަށްވެސް ގޮވާލެއްވިއެވެ. ރެފިއުޖީންގެ ގޮތުގައި ސޫރިޔާގެ ރައްޔިތުން ހިޖްރަކުރާ ޤައުމުތަކުގެ ތެރޭގައި ލުބްނާން އުރުދުން އަދި ޢިރާޤާއި ތުރުކީ ހިމެނެއެވެ.
ސައިދާ، އަބޫދަބީ އަށް ވަޑައިގެން އުޅުއްވަނީ އެޤައުމުގެ އިދިކޮޅު ފަރާތްތަކާއެކު ބައްވާ ބައްދަލުވުންތަކެއްގައި ބައިވެރިވެވަޑައިގަތުމަށް ކަމަށް ޚަބަރު ލިބެއެވެ. މި ބައްދަލުވުމުގައި ބައްޝާރުގެ ވެރިކަން ނިމުމަކަށް ގެންނާނެ ގޮތަކާ މެދު މަޝްވަރާކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. ސޫރިޔާގެ އިދިކޮޅު ފަރާތްތަކުން ދަނީ އެޤައުމުގައި އިންތިގާލީ ސަރުކާރެއް އެކުލަވާލައި ސޫރިޔާގެ ރައްޔިތުން ތަމްސީލްކުރާ ޝަރްޢީ ސަރުކާރަކީ އިންތިޤާލީ ސަރުކާރުކަމަށް އިޢްލާން ކުރުމަށް މަސައްކަތް ކުރަމުންނެވެ. -- އަލްޖަޒީރާ