29 Jul 2012, 19:13
ގާނާގެ ރައީސް ޖޯން އަޓާ މިލްސް އަވަހާރަވުމާ ގުޅިގެން ގާނާގެ ވަގުތީ ރައީސް ޖޯން ޑްރަމާނީ މަހާމާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު ވަހީދު ތައުޒިޔާ ވިދާޅުވެއްޖެ އެވެ.
ގާނާގެ ވަގުތީ ރައީސަށް ރައީސް ފޮނުއްވި ތައުޒިޔާގެ މެސެޖްގައި އެ ގައުމުގެ ރައީސް އަވަހާރަވި ހަބަރު އެއްސެވީ ފުން ހިތާމައާ އެކުގައި ކަމަށް ވިދާޅުވެފައިވެ އެވެ. އަދި ރައީސް ޖޯން އަޓާ މިލްސްއަކީ ގާނާއަށް އަގުހުރި ހިދްމަތްތަކެއް ކޮށްދެއްވި އަދި ހާއްސަ ގޮތެއްގައި ގާނާގައި އިންސާނީ ހައްގުތަކުގެ އުސޫލުތައް އިތުރަށް ހަރުދަނާ ކުރެއްވުމަށް މަސައްކަތްޕުޅު ކުރެއްވި ބޭފުޅެއް ކަމަށްވެސް ރައީސް ވިދާޅުވެފައިވެ އެވެ.
ރައީސްގެ މެސެޖްގައި ގައުމީ ހިތާމައިގެ މި ދަނޑިވަޅުގައި ދިވެހި ސަރުކާރާއި ރައްޔިތުންނާއި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ގާނާގެ ވަގުތީ ރައީސަށާއި އެ ގައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިހުލާސްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާފައިވެ އެވެ. އަދި ރައީސް ޖޯން އަޓާ މިލްސްގެ އާއިލާގެ ބޭފުޅުންނަށް ރައީސްގެ އިހުލާސްތެރި ތައުޒިޔާ ރައްދުކޮށްދެއްވުމަށް ވެސް އެދިވަޑައިގެންފައިވެ އެވެ.