29 May 2025, 12:29
ޔުއޭފާ ޔޫރޮޕާ ކޮންފަރެންސް ލީގުގެ ޗެމްޕިއަންކަން ޗެލްސީއިން ހޯދައިފިއެވެ.
މިމުބާރާތުގެ ޗެމްޕިއަންކަން ޗެލްސީއިން ހޯދާފައިވަނީ ޕޯލަންޑްގައި ރޭ ކުޅުނު ފައިނަލްގައި ރެއާލް ބެޓިސްއާ ބައްދަލުކޮށް ފަހަތުން އަރާ ހަތަރު ލަނޑު އެއް ލަނޑުން ކުރި ހޯދައިގެންނެވެ. ޗެލްސީން މެޗުގެ ބޮޑު ބައި ކޮންޓްރޯލް ކޮށްގެން ކުޅުނު މިމެޗުގައި ގިނަ ހަމަލާ އުފައްދާފައި ވަނީ ބެޓިސް އިންނެވެ. އަދި މިމެޗުގެ ފެށުން ރަނގަޅުވީވެސް ބެޓިސްގެއެވެ.
މިގޮތުން މެޗުގެ ނުވަވަނަ މިނެޓުގައި ބެޓިސްވަނީ ލަނޑެއް ޖަހައި މެޗުގެ ލީޑު ނަގައިފައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ކެޕްޓަން އިސްކޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި އަބްޑޭ އެޒަލްޒޫލީއެވެ. މިމެޗުގެ ފުރަތަމަ ހާފުގައި ޗެލްސީގެ ފަރާތުން އެންމެ ރަނގަޅު ކުޅުން ފެނިފައިނުވާކަން ފާހަގަ ވިއެވެ.
މިހާފުގައި ބެޓިސްއިން ވަނީ ޗެލްސީ ވަރަށް ބޮޑަށް ހާސްކަމުގެ ތެރެއަށް ވައްޓާލައިފައެވެ. މިމެޗުގައި ފެނުނު ޗެލްސީގެ ފުރަތަމަ އެގާރައަކީ މިމުބާރާތުގައި މިހާތަނަށް ކޯޗު އެންޒޯ މަރެސްކާ ނެރުނު އެންމެ ވަރުގަދަ ފުރަތަމަ އެގާރައެވެ. މިއާއެކު ވެސް އެޓީމުގެ އަސްލު ކުޅުން ދެއްކޭގޮތްވީ މެޗުގެ ދެވަނަ ހާފުގައެވެ.
މިމެޗުގެ ދެވަނަ ހާފުގައި މެޗުގެ ނަތީޖާ އަނބުރާލުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރި ކުޅުންތެރިޔަކަށް ވީ ޗެލްސީގެ ކޯލް ޕާމާއެވެ. މިމެޗުގައި ޗެލްސީން ކާމިޔާބު ކުރި ފުރަތަމަ ދެ ލަނޑު އެޓީމުން ކާމިޔާބު ކޮށްފައިވަނީ ޕާމާ ތަނަވަސްކޮށްދިން ފުރުސަތުގައެވެ. މިގޮތުން މެޗުގައި ޗެލްސީން ކާމިޔާބު ކުރި ފުރަތަމަ ލަނޑު ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައިވަނީ 65ވަނަ މިނެޓްގައި އެންޒޯ ފެނާންޑޭޒް ކާމިޔާބު ކުރި ލަނޑުންނެވެ. އަދި މިމެޗުގެ ލީޑު ޗެލްސީއަށް މެޗުގެ 70 ވަނަ މިނެޓުގައި ނަގައިދިނީ ނިކޮލަސް ޖެކްސަންއެވެ.
މިލަނޑު ޖެހިތާ 13 މިނެޓް ފަހުން ޗެލްސީގެ ތިންވަނަ ލަނޑު ކާމިޔާބު ކޮށްދިނީ ބަދަލު ކުޅުންތެރިޔާ ޖޭޑަން ސަންޗޯއެވެ. އަދި ފަހު ލަނޑު މެޗުގެ އިތުރު ވަގުތުގެ އެއް ވަނަ މިނެޓްގައި ކާމިޔާބު ކޮށްދިނީ މޮއިސެސް ކައިސޭޑޯއެވެ. މިހާފުގައި ބެޓިސްއަށް ޗެލްސީގެ ހަމަލާތައް ހިފެހެއްޓުމުގައި މާބޮޑު ކުރިއެރުންތަކެއް ލިބޭގޮތެއް ނުވިއެވެ.
މިކާމިޔާބީ އާއެކު ޗެލްސީ މިވަނީ ޔުއޭފާއިން އިންތިޒާމް ކޮށްގެން ބާއްވާ ކްލަބް ފަސް މުބާރާތް ކާމިޔާބު ކުރި ފުރަތަމަ ޓީމަށް ވެފައެވެ. އަދި ޗެލްސީ ވަނީ ޗެމްޕިއަންސް ލިގު، ޔުރޮޕާ ލީގު، ކޮންފަރެންސް ލީގު، ސުޕާ ކަޕް އަދި ކުރިން ބާއްވަމުން ދިޔަ ކަޕް ވިނާސް ކަޕް ވެސް ކާމިޔާބު ކޮށްފައެވެ.