29 May 2025, 10:49
މި ފަހަކަށް އައިސް ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލް ވެފައިވާ އޯޕަންއޭއައިގެ ގިބްލީ ޓްރެންޑް، ޕްރައިވެސީގެ ބޮޑު ނުރައްކަލަކަށް ވެދާނެކަމަށް ތަޖުރިބާކާރުން ބުނެފިއެވެ.
އޯޕަންއޭއައިގެ "ގިބްލީ ޓްރެންޑް" އަކީ، މީހުންގެ އަމިއްލަ ފޮޓޯތައް މަޝްހޫރު ޖަޕާނު އެނިމޭޝަން ޑިއޯ، ސްޓޫޑިއޯ ގިބްލީގެ ފޮޓޯއަށް ބަދަލުކުރާ ޓްރެންޑެކެވެ. މިގޮތުން އޯޕަންއޭއައިގެ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޗެޓްބޮޓް ބޭނުންކޮށްގެން މިލިއަނުން މީހުން ވަނީ އެމީހުންގެ އަމިއްލަ ފޮޓޯތަކާއި، އާއިލާ އަދި ރައްޓެހިންގެ ފޮޓޯތައް ގިބްލީއަށް ބަދަލުކޮށްފައެވެ.
މި ޓްރެންޑްގެ ސަބަބުން އޯޕަންއޭއައިގެ ޗެޓްބޮޓަށް ބޮޑު މަގުބޫލުކަމެއް ލިބިފައިވާއިރު، ތަޖުރިބާކާރުން ދަނީ މިކަމުގެ ސަބަބުން ޕްރައިވެސީއާއި ޑޭޓާގެ ސަލާމަތްތެރިކަމާ މެދު ކަންބޮޑުވުންތައް ފާޅުކުރަމުންނެވެ.
އެ މާހިރުން ފާހަގަކުރާ ގޮތުގައި، ޔޫޒަރުން އެމީހުންގެ ފޮޓޯތައް ސަބްމިޓްކުރުމުން، އޯޕަންއޭއައި އިން އެ ފޮޓޯތައް އެ ކުންފުނީގެ އޭއައި މޮޑެލްތައް ތަމްރީނުކުރުމަށް ބޭނުންކުރުމުގެ ފުރުސަތު އެބައޮތެވެ.
މީގެ އިތުރުން، އެއަށްވުރެ ނުރައްކާތެރި މައްސަލައަކީ، އެމީހުންގެ މޫނުގެ މައުލޫމާތު އަބަދަށް އިންޓަނެޓްގައި ހުރުމުގެ ސަބަބުން ޕްރައިވެސީ މުޅިން ގެއްލިގެން ދިއުމެވެ. އަދި ނުބައި ހެކަރުންގެ ގޮތުގައި ތިބި މީހުންގެ އަތްމައްޗަށް މި ޑޭޓާ އެރުމަކީ އައިޑެންޓިޓީ ތެފްޓް ފަދަ ސައިބާ ކުށްތަކަށް މަގުފަހިވެދާނެ ކަމެއް ކަމަށްވެސް ތަޖުރިބާކާރުން ބުނެއެވެ.
ގިބްލީ ޓްރެންޑްގެ ފެށުމާއި ކުރިއެރުން
އޯޕަންއޭއައި އިން ޖީޕީޓީ ހަތަރެއް އޯ އޭއައި މޮޑެލްގެ ތެރެއިން ފޮޓޯ ޖެނެރޭޓްކުރުމުގެ ފީޗާ ތަޢާރަފުކުރީ މާރިޗު މަހުގެ ފަހުކޮޅުއެވެ. ފުރަތަމަ އެ ޕްލެޓްފޯމްގެ އަގުދައްކާ ޔޫޒަރުންނަށް މި ފީޗާ ދޫކޮށްފައިވާއިރު، އޭގެ ހަފުތާއެއް ފަހުން ހިލޭ ބޭނުންކުރާ ޔޫޒަރުންނަށް ވެސް މި ފުރުސަތު ވަނީ ފަހިކޮށްދީފައެވެ.
ޖީޕީޓީ ހަތަރެއްއޯ މޮޑެލްގެ ސަބަބުން، ފޮޓޯއެއް އިންޕުޓެއްގެ ގޮތުގައި ބޭނުންކުރުމާއި، ލިޔުން ރަނގަޅަށް ފެންނަގޮތް ހެދުމާއި، އަދި ޕްރޮމްޕްޓްއަށް އިތުރަށް ތަބާވުން ފަދަ ގާބިލްކަންތައް ވަނީ އިތުރުވެފައެވެ.
މި ޓްރެންޑް ފެށުނީ ސޮފްޓްވެއާ އިންޖިނިއަރެއް އަދި އޭއައިއަށް ޝައުގުވެރިކަން ހުންނަ ގްރާންޓް ސްލެޓަންގެ ޕޯސްޓަކުން ކަމަށް ބެލެވެއެވެ. އޭނާ އާއި އޭނާގެ އަންހެނުން އަދި ގެންގުޅޭ ކުއްތާގެ ފޮޓޯއެއް ގިބްލީއަށް ބަދަލުކޮށް ޝެއާކުރި ޕޯސްޓަށް 52 މިލިއަނަށްވުރެ ގިނަ ވިއުސް، 16،000 ބުކްމާކް އަދި 5،900 ރީޕޯސްޓް ލިބިފައިވެއެވެ.
މި ޓްރެންޑްގައި ބައިވެރިވި ޔޫޒަރުންގެ އަދަދު ސީދާގޮތެއްގައި އެނގެން ނެތް ނަމަވެސް، އެކްސް، ފޭސްބުކް، އިންސްޓަގްރާމް، އަދި ރެޑިޓް ފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި މިފަދަ ފޮޓޯތައް ގިނަ އަދަދަކަށް ޝެއާކުރަމުން ދިއުމުން، މިލިއަނުން މީހުން ބައިވެރިވެފައިވާކަމަށް ބެލެވެއެވެ.
އާންމުންގެ އިތުރުން، ބްރޭންޑްތަކާއި، އިންޑިއާގެ މައި ސަރުކާރުގެ އެކްސް އެކައުންޓް ފަދަ ސަރުކާރުގެ އިދާރާތަކުން ވެސް މި ޓްރެންޑްގައި ބައިވެރިވެފައިވެއެވެ. އަދި ސަޗިން ޓެންޑޫލްކާ އާއި، އަމީތާބް ބައްޗަން ފަދަ މަޝްހޫރު ފަރާތްތަކުން ވެސް މިފަދަ ފޮޓޯތައް ޝެއާކޮށްފައިވެއެވެ.
ގިބްލީ ޓްރެންޑްގެ ފަހަތުގައިވާ ޕްރައިވެސީ އާއި ޑޭޓާ ސަލާމަތީގެ ކަންބޮޑުވުންތައް
އޯޕަންއޭއައިގެ ސަޕޯޓް ޕޭޖްތަކުގައިވާ ގޮތުން، އެ ކުންފުނިން ޔޫޒަރުންގެ ލިޔުން، ފޮޓޯ، އަދި ފައިލްތައް އެއްކޮށް، އޭއައި މޮޑެލްތައް ތަމްރީނުކުރުމަށް ބޭނުންކުރެއެވެ. މިކަމުން ދުރުވުމަށް "އޮޕްޓް-އައުޓް" އޮޕްޝަނެއް ލިބެން ހުއްޓަސް، އެ ކުންފުނިން މިކަމާ ބެހޭ މައުލޫމާތު ޔޫޒަރުންނަށް ފުރަތަމަ ފަހަރަށް ރަޖިސްޓްރީވެ ޕްލެޓްފޯމް ބޭނުންކުރަން ފަށާއިރު ސާފުކޮށް އަންގައިދީފައެއް ނުވެއެވެ. (މިކަން ޗެޓްޖީޕީޓީގެ ބޭނުންކުރުމުގެ ހަމަތަކުގައި ހިމެނުނަސް، ގިނަ ޔޫޒަރުން އެއެއްޗެހި ނުކިޔައެވެ. "ސާފުކޮށް" މިބަހުން އިޝާރާތް ކުރަނީ ޑޭޓާ އެއްކުރާކަމާއި، އޮޕްޓް-އައުޓް ކުރެވޭނެ ގޮތް ހާމަކުރާ ޕޮޕް-އަޕް ޕޭޖަކަށެވެ).
މީގެ މާނައަކީ، ގިނަ އާންމު ޔޫޒަރުންނަށް ޕްރައިވެސީ ކޮންޓްރޯލްތަކާ ބެހޭ މައުލޫމާތު ނޭނގޭކަމެވެ. އަދި ނަތީޖާއެއްގެ ގޮތުން، އެމީހުންގެ ޑޭޓާ އަމިއްލައަށް އޭއައި ކުންފުންޏާ ޝެއާކުރެވެނީއެވެ.
މި ޑޭޓާއަށް ވަނީ ކިހިނެއް؟
އޯޕަންއޭއައިގެ ސަޕޯޓް ޕޭޖުގައިވާ ގޮތުން، ޔޫޒަރަކު އަމިއްލައަށް ޗެޓެއް ޑިލީޓް ނުކުރާހާ ހިނދަކު، އެ ޑޭޓާ އެ ކުންފުނީގެ ސާވާގައި އަބަދަށް ރައްކާކުރެވެއެވެ. ޑޭޓާ ޑިލީޓްކުރި ފަހުންވެސް، އެ ކުންފުނީގެ ސާވާތަކުން އެ ޑޭޓާ އެކީއެކަށް ފޮހެލުމަށް 30 ދުވަހުގެ މުއްދަތެއް ނަގައިފާނެއެވެ. ޔޫޒަރުންގެ ޑޭޓާ އޯޕަންއޭއައި އާ ހިއްސާކޮށްފައި ހުންނަ މުއްދަތުގައި، އެ ކުންފުނިން ކުންފުނީގެ އޭއައި މޮޑެލްތައް ތަމްރީނުކުރުމަށް އެ ޑޭޓާ ބޭނުންކޮށްފާނެއެވެ.
އޭއައި މޮޑެލެއް ކޮންމެ މައުލޫމާތެއްގެ މައްޗަށް ޕްރީ-ޓްރެއިން ކުރާއިރު، އެއީ މޮޑެލްގެ ޕެރަމީޓަރުތަކުގެ ބައެއް ކަމުގައި ވެއެވެ. ކުންފުންޏަކުން ޔޫޒަރުންގެ ޑޭޓާ އެ ކުންފުނީގެ ސްޓޯރޭޖް ސިސްޓަމްތަކުން ނެގިކަމުގައިވީނަމަވެސް، ތަމްރީނުކުރުމުގެ ޕްރޮސެސް އަނބުރާލުމަކީ ވަރަށް އުނދަގޫ ކަމެކެވެ.
މީގެން ވާނެ ގެއްލުމަކީ ކޮބައިތޯ ބައެއް މީހުން ސުވާލުކޮށްފާނެއެވެ. އޯޕަންއޭއައި ނުވަތަ އެހެންވެސް އޭއައި ޕްލެޓްފޯމަކުން ޔޫޒަރުންގެ ސާފު ހުއްދައެއް ނެތި ޑޭޓާ އެއްކުރުމުގައިވާ ގެއްލުމަކީ، ޔޫޒަރުންނަށް އެ ޑޭޓާ ބޭނުންކުރާނެ ގޮތެއް ނޭނގުމާއި، އެކަމުގެ މައްޗަށް އެއްވެސް ކޮންޓްރޯލެއް ނެތުމެވެ.
"ފޮޓޯއެއް އަޕްލޯޑްކުރުމުން، ޕްލެޓްފޯމުން އެއަށް ހަދާ ގޮތެއް އެއްގޮތަކަށް ވެސް ސާފެއް ނުވެއެވެ. ބައެއް ފަހަރު އެ ފޮޓޯތައް ބަހައްޓަފާނެ، ނުވަތަ އަލުން ބޭނުންކޮށްފާނެ، ނުވަތަ ކުރިމަގުގެ އޭއައި މޮޑެލްތައް ތަމްރީނުކުރުމަށް ބޭނުންކޮށްފާނެއެވެ. ގިނަ ޔޫޒަރުންނަށް އެމީހުންގެ ޑޭޓާ ޑިލީޓްކުރުމުގެ ފުރުސަތު ނުލިބޭތީ، ކޮންޓްރޯލް އާއި ހުއްދައާ މެދު ސީރިއަސް ކަންބޮޑުވުންތަކެއް އުފެދެއެވެ،" މެކަފީގެ ސީނިއާ ޑިރެކްޓާ އޮފް އިންޖިނިއަރިން، ޕްރަތިމް މުކަރްޖީ ވިދާޅުވިއެވެ.
މުކަރްޖީ އިތުރަށް ވިދާޅުވީ، ޑޭޓާ ބްރީޗެއް ފަދަ ނާދިރު ހާދިސާއެއްގައި، ނުބައި ހެކަރުންގެ ގޮތުގައި ތިބި މީހުން ޔޫޒަރުންގެ ޑޭޓާ ވަގަށް ނަގައިފިނަމަ، އޭގެ ނަތީޖާ ވަރަށް ނުރައްކާތެރި ވެދާނެ ކަމަށެވެ. ޑީޕްފޭކްތައް ގިނަވުމާއެކު، ހެކަރުން އެ ޑޭޓާ ނަހަމަ ގޮތުގައި ބޭނުންކޮށް، މީހުންގެ އަބުރު ގެއްލޭފަދަ ނުވަތަ އައިޑެންޓިޓީ ފްރޯޑް ފަދަ ހާލަތްތައް އުފައްދާފާނެއެވެ.
މިފަދަ ކަންކަމުން ސަލާމަތްވުމަށްޓަކައި، ޔޫޒަރުން އެމީހުންގެ އަމިއްލަ ޒިންމާއެއްގެ ގޮތުގައި ޕްރައިވެސީ ސެޓިންގްތަކަށް ސަމާލުކަން ދިނުން މުހިންމެވެ. އަލަށް އަންނަ ކޮންމެ ޓްރެންޑެއްގައި، ޚާއްޞަކޮށް އަމިއްލަ ފޮޓޯ ނުވަތަ މައުލޫމާތު ހިއްސާކުރަންޖެހޭ ޓްރެންޑްތަކުގައި ބައިވެރިވުމުގެ ކުރިން ދެފަހަރަކު ވިސްނާލުން ރަނގަޅެވެ. އަދި، ކުންފުނިތަކުން ޑޭޓާ އެއްކުރާ ގޮތާއި ބޭނުންކުރާނެ ގޮތްތަކާ ބެހޭގޮތުން އަމިއްލައަށް ހޭލުންތެރިވެ، ލިބެންހުރި 'އޮޕްޓް-އައުޓް' ފަދަ ފުރުސަތުތަކުގެ ބޭނުން ހިފުމަކީ، މިފަދަ ނުރައްކާތަކުން އެއްކޮށް ނުވަތަ ބައެއް މިންވަރަކަށް ރައްކާތެރިވެވިދާނެ ކަމެކެވެ.