29 Jul 2012, 16:55
ދ. ކުޑަހުވަދޫގައި ސަމަންދަރުގޭ، އަލީ ހަސަން 76، (އައްޔުބެ) މަރާލި މައްސަލައިގައި ކްރިމިނަލް ކޯޓުގައި ދައުލަތުން ދައުވާ ކުރި ތިން މީހުންގެ ތެރެއިން ދެ މީހަކު ދައުވާއަށް އިންކާރުކޮށްފި އެވެ.
އައްޔުބެ މަރާ ގުޅިގެން "ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ" ދައުލަތުން މިއަދު އުފުލުމުން ކުޑަހުވަދޫ، ފަނަސް، ފައުޒާން މުހައްމަދާއި އެރަށު ރަނަކުރި، އިބްރާހިމްމާޖިދު ވަނީ ދައުވާއަށް އިން ކާރުކޮށްފަ އެވެ.
އެދެ މީހުން މިއަދު ދައުވާ އަށް އިންކާރު ކުރި ނަމަވެސް އައްޔުބޭ މަރާއި ގުޅިގެން "ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވި ކަމުގެ ކުށުގެ ދައުވާ" ދައުލަތުން އުފުލި އައްޔުބެއަށް ދޮންކާފަ ކިޔާ އެރަށު މާވެލި، އިބްރާހިމް ވަސީމް ވަނީ މީގެ ކުރިން ދައުވާއަށް އިއުތިރާފް ވެފަ އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި ދައުވާ އިއްވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ މިއަހަރުގެ ޖެނުއަރީ މަހުގެ އަށް ވަނަ ދުވަހުގެ ރޭ 7:00 އެހާކަންހާއިރު އެރަށު "ދަނޑު މިސްކިތް" މަގުން އައްޔުބެ ދަނިކޮށް ފައުޒާނާއި މާޖިދު އިތުރު ބަޔަކާއެކު ގޮސް އައްޔުބެއަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމަށެވެ. އަދި ވިދާޅުވީ އައްޔުބެ އަށް ތޫނު އެއްޗަކުން ހަމަލާ ދިނުމަށް ފަހު އެމީހުން އައްޔުބެ ފަޅުގޯއްޗަށް އެއްލާލައި މަރާލާފައިވާ ކަމަށެވެ.
ދައުވާ އިއްވުމުން އެ ދެ މީހުން ވެސް ބުނީ ދައުވާ ސާފުވެއްޖެ ކަމަށާއި ދައުވާއަށް އިންކާރު ކުރާކަމަށެވެ. އަދި ބުނީ މައްސަލަ ކުރިއަށް ގެންދަން ބޭނުން ވަނީ ވަކީލަކާއެކު ކަމަށެވެ. އަދި ވަކީލަކު ހަމަޖެއްސަން ހަފުތާއެއް ބޭނުންވާ ކަމަށް އޭގެ ތެރެއިން ފައުޒާން ބުނުމުން ގާޒީ ވަނީ އެނާއަށް މުއްދަތު ދީފައެވެ. ފައުޒާން ވަކީލަކު އައްޔަން ކުރަން ފުރުސަތަކަށް އެދުނު އިރު މާޖިދު ބުނީ އެ މައްސަލައިގައި އޭނާގެ ފަރާތުން ވަކާލާތު ކުރުމަށް ވަކީލަކު އައްޔަން ކުރުމަށް ފަހު ކޯޓަށް އަންގާފައި ވާނެކަމަށެވެ.
ނަމަވެސް ގާޒީ ވިދާޅުވީ ވަކީލަކު ހަމަޖެއްސިކަން ކޯޓަށް އަންގާފައިވާކަން އެނގެން ނެތް ކަމަށެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލައްވަމުން ގާޒީ ވިދާޅުވީ ދެން އެ މައްސަލައިގެ އިތުރު އަޑުއެހުމެއް ބާއްވާނީ އެ ދެ މީހުން ވެސް ވަކީލަކު ހަމަޖެއްސުމުން ވަކީލާއި އެކު ކަމަށެވެ.
އައްޔުބެ މަރާލި މައްސަލައިގައި ޖުވެނައިލް ކޯޓުގައި ވެސް ދައުލަތުން ވަނީ ތިން ކުއްޖެއްގެ މައްޗަށް ދައުވާ ކޮށްފައެވެ.
އެ ކޯޓުގައި ދައުވާ ކުރި ކުދިންގެ ތެރެއިން "ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ" ލިބޭ ކުއްޖާ ވަނީ ދައުވާއަށް އިންކާރުކޮށްފަ އެވެ. ނަމަވެސް "ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވި ކަމުގެ ދައުވާ" ލިބޭ ދެ ކުދިން ވަނީ ދައުވާއަށް އިއުތިރާފު ވެފައެވެ.