29 May 2025, 09:38
ބޮލީވުޑްގެ ފިލްމީތަރި އިމްރާން ހާޝިމީ ޑެންގޫ ހުމަށް ޕޮޒިޓިވްވެފައިވާތީ މިހާރު މަސައްކަތް ފަށާފައިވާ ތެލުގޫ ފިލްމު "އޯޖީ"ގެ މަސައްކަތް ވަގުތީގޮތުން ހުއްޓާލާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ފިލްމީ ޚަބަރުތައް ބުނާގޮތުން މި ފިލްމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ މުމްބާއީގެ، އާރޭ ކޮލޮނީގެ ގޮރެގައޯންގައެވެ. ފިލްމުގެ ޝޫޓިން ތެރޭ އުޅެނިކޮށް ޑެންގޫ ހުމުގެ އަލާމާތްތައް ފެނުމާ އެކު އެކްޓަރު ވަނީ އެ ބައްޔަށް ޓެސްޓުކޮށްފައެވެ.
ޑެންޖޫ ހުން ޖެހިފައިވާކަން އެނގުމާ އެކު އެކްޓަރު ވަނީ ފިލްމު ޔުނިޓަށާއި ޕްރޮޑަކްޝަން ޓީމަށް އެކަން އަންގާ ފިލްމީ މަސައްކަތްތަކުން 'ބްރޭކެއް' ނަގަން ނިންމިކަން ރަސްމީކޮށް އަންގާފައެވެ. ބެލެވޭ ގޮތުގައި އެނބުރި ފިލްމީ މަސައްކަތްތަކަށް އިމްރާނަށް ނުކުމެވޭނީ އެންމެ އަވަހަށް ވެސް ހަފުތާއެއް ފަހުންނެވެ.

"ގްރައުންޑް ޒީރޯ"ގެ މަންޒަރެއްގައި އިމްރާން--ފޮޓޯ/ބޮލީވުޑްހަންގާމާ
އިމްރާންގެ ކެރިއަރުގެ ފުރަތަމަ ތެލުގޫ ފިލްމު "އޯޖީ"އަކީ ސައުތު އެކްޓަރު ޕްރަބާސްގެ ފިލްމު "ސާހޯ"ގެ ޑައިރެކްޓަރު ސުޖީތު ޑައިރެކްޓްކޮށް ގެނެސްދޭ ފިލްމެކެވެ. މި ފިލްމު އުފައްދަނީ 2022 ވަނަ އަހަރު ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި "އާރްއާރްއާރް" ފިލްމު އުފެއްދި ޑީވީވީ އެންޓަޓެއިންމަންޓްއިންނެވެ.
މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 25ގައި ސިނަމާތަކަށް ގެންނަން ނިންމާފައިވާ "އޯޖީ"އިން އިމްރާނާ އެކު ފެންނާނެ އިތުރު ތަރިންގެ ތެރޭ ޕަވަން ކަލްޔަން އަދި ޕްރިޔަންކާ މޯހަން ހިމެނެއެވެ.
ފިލްމު "މާޑާ"، "ޖަންނަތު" އަދި "އާވާރާޕަން" ފަދަ ފިލްމުތަކުން ބެލުންތެރިންގެ މަގުބޫލުކަން ހޯދި އެކްޓަރު އެންމެ ފަހުން ކުޅުނު ފިލްމަކީ މިދިޔަ އޭޕްރިލް މަހުގެ 25ގައި ރިލީޒްކުރި ފިލްމު "ގްރައުންޑް ޒީރޯ"އެވެ.