ބޮލީވުޑް އެކްޓަރު ހަރްޝްވަރުދަން ރާނޭއާއި ސޯނަމް ބަވޭޖާ ލީޑް ރޯލުން ފެންނަ ފިލްމު "ދީވާނިއްޔަތު"ގެ ނަން ބަދަލުކޮށް ފިލްމުގެ އާ ނަމަކަށް "ދިވާނޭ ކީ ދިވާނިއްޔަތު" ހަމަޖައްސައިފިއެވެ.

ފިލްމުގެ އާ ނަމާ އެކު މިއީ މި ފިލްމުން ބެލުންތެރިންނަށް ގެނެސްދޭ ވާހަކައިގެ ފުންކަން އިތުރުވެ، ބެލުންތެރިން ޖަޒުބާތުގައި ޖެއްސުމުގެ ފެށުމެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ފިލްމުގެ އާ ނަމާ އެކު ކުރިން މި ފިލްމު ގެނެސްދޭން ނިންމި ކުންފުނި ވިކިރް ފިލްމްސްގެ ބަދަލުގައި ފިލްމު ގެނެސްދޭނީ އާ ޕްރޮޑަކްޝަން ކުންފުންޏެއް ކަމަށްވާ ޕްލޭ ޑީއެމްއެފްއިންނެވެ. މިލަޕް ޒަވޭރީ ޑައިރެކްޓްކޮށް ރާގަވް ޝަރުމާ ކޯ-ޕްރޮޑިއުސްކުރާ މި ފިލްމަކީ ވަރަށް ރީތި ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ.

ފިލްމު "ދީވާނިއްޔަތު"ގެ ޕޯސްޓަރުގައި--ފޮޓޯ/މިޑްޑޭ

މި ފިލްމުގެ ޓައިޓްލް މޯޝަން ޕޯސްޓަރު ވެސް ދައްކާލާފައިވާއިރު މިހާރު ފިލްމުގެ ޝޫޓިން ވަނީ ފެށިފައެވެ. މި ފިލްމު މި އަހަރު ތެރޭ ބެލުންތެރިންނަށް ގެނެސްދޭނެކަން ކުރިން ފިލްމު އިއުލާނުކުރި ވިކިރް ފިލްމްސްއިން ވަނީ އޭރު ބުނެފައެވެ. މިއީ އަހަރުތަކެއް ފަހުން ހަރްޝް އަނެއްކާ ވެސް އިތުރު ލޯބީގެ ފިލްމަކުން ބެލުންތެރިންނަށް ފެންނާނެ ފިލްމެކެވެ.

ހަރްޝް އެންމެ ފަހުން ކުޅުނު ލޯބީގެ ފިލްމަކީ 2016ވަނަ އަހަރު ރިލީޒްކުރި ފިލްމު "ސަނަމް ތޭރީ ކަސަމް"އެވެ. ޕާކިސްތާނު ބަތަލާ މާވްރާ ހޮސެއިނާ އެކު ހަރްޝް ފެނުނު މި ފިލްމުގެ ދެވަނަ ބައެއް އިއުލާނުކޮށްފައިވާއިރު އިންޑިއާއާއި ޕާކިސްތާނާ ދެމެދު ގުޅުން ގޯސްވެ، ދެ ޤައުމުގެ ފިލްމީ ތަރިންގެ މެދުގައި ކުރިއަށްދިޔަ ބަހުގެ ހަމަލާތަކާ ގުޅިގެން ހަރްޝް ވަނީ މާވްރާއާ އެކު ދެވަނަ ބައި ނުކުޅޭނެ ކަމަށް ބުނެފައެވެ.

ހަރްޝް އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައިވަނީ މިދިޔަ އަހަރު އޮކްޓޯބަރު މަހު ޖިއޯ ސިނަމާއިން ސްޓްރީމްކުރި ސްޕޯޓްސް ޑްރާމާ "ދަ މިރަންޑާ ބްރަދާސް"އިންނެވެ.