ނެޓްފްލިކްސްއިން މި އަހަރު ތެރޭ ގެނެސްދިން މަގުބޫލު ތިން ސީރީޒްއެއްގެ ދެވަނަ ބައެއް ގެނެސްދޭނެކަން އެ ޕްލެޓްފޯމްއިން އިއުލާނުކޮށްފިއެވެ.

އެއީ ބޮޑު ކާސްޓަކާ އެކު ގެނެސްދިން "ދަ ރޯޔަލްސް"، "މާމްލާ ލީގަލް ހޭ"، "ބްލެކް ކަރެންޓް" އަދި މިހާތަނަށް ތިން ސީޒަން ގެނެސްދީފައިވާ "މިސްމެޗްޑް"އެވެ. އިންޑިއާގެ ލިޔުންތެރިޔާ ސަންދްޔާ މެނޮންގެ ވާހަކަ "ޑިމްޕަލް މެޓް ރިޝީ" އަސްލަކަށް ބަލައިގެން ގެނެސްދެމުން އަންނަ "މިސްމެޗްޑް" ސީރީޒަކީ 2020ވަނަ އަހަރުން ފެށިގެން ނެޓްފްލިކްސްއިން ގެނެސްދެމުން އަންނަ ސީރީޒްއެކެވެ.

ނެޓްފްލިކްސްއިން ގެނެސްދިން ވެބް ސީރީސް "ދަ ރޯޔަލް"ގެ މަންޒަރެއް--ފޮޓޯ/ބޮލީވުޑްހަންގާމާ

މި އަހަރުގެ ޖެނުއަރީ މަހު ނެޓްފްލިކްސްއިން ޕްރީމިއާކުރި "ބްލެކް ވޮރެންޓް"އަކީ ކްރައިމް ޑްރާމާތަކަށް ލޯބިކުރާ ފަރާތްތަކަށް ވަރަށް ކަމުދާނެ ވެބް ސީރީޒްއެކެވެ. އިންޑިއާގެ މަޝްހޫރު ކަޕޫރު ޚާންދާނަށް ނިސްބަތްވާ ކުރީގެ ލެޖެންޑު އެކްޓަރު ޝަޝީ ކަޕޫރުގެ ކާފަ ދަރިފުޅު ޒަހާން ކަޕޫރު ލީޑް ރޯލް ކުޅެފައިވާ މި ސީރީޒް ގެނެސްދީފައިވަނީ މުޅި އެކު ހަތް އެޕިސޯޑު ހިމެނޭ ގޮތަށެވެ.

މި ވެބް ސީރީޒްގެ ދެވަނަ ސީޒަނެއް އުފައްދާނެކަން ނެޓްފްލިކްސްއިން އިއުލާނުކުރުމަކީ ހަމަގައިމުވެސް މި ވެބް ސީރީޒް ކަމުދިޔަ ގިނަބަޔަކަށް ލިބޭނެ ވަރަށް ބޮޑު އުފާވެރި ޚަބަރަކަށްވާނެއެވެ.

މިދިޔަ އަހަރު ނެޓްފްލިކްސްއިން ޕްރީމިއާކުރި ލީގަލް ޑްރާމާ ކޮމެޑީ ސީރީޒް "މާމްމާ ލާ ލީގަލް ހޭ" ފުރަތަމަ ގެނެސްދިނީ މިދިޔަ އަހަރުގެ މާރިޗު މަހެވެ. ނަމަވެސް، އިތުރު އެޕިސޯޑުތަކާ އެކު މުޅިއެކު އަށް އެޕިސޯޑު ހިމެނޭހެން މި ވެބް ސީރީޒްގެ އާ ސީޒަނެއް މިދިޔަ އަހަރުގެ އޭޕްރިލް މަހު ވެސް ވަނީ ގެނެސްދީފައެވެ.

ވަރަށް ބޮޑު ކާސްޓެއް ހިމެނޭ މި ވެބް ސީރީޒްގެ ލީޑް ތަރިންގެ ތެރޭ ރަވީ ކިޝަން، އާނަންތު ވީ ޖޯޝީ، ޔަޝްޕަލް ޝަރުމާ، ނިދީ ބިޝްތު، ތަންވީ އާޒްމީ އަދި ވިޖޭ ރާޒް ހިމެނެއެވެ.

މި އަހަރު ނެޓްފްލިކްސްއިން ގެނެސްދިން ވެބް ސީރީޒްގެތެރޭ ބެލުންތެރިންގެ އެންމެ ބޮޑު ތަރުހީބެއް ލިބިފައިވަނީ މަޝްހޫރު ގިނަ ފިލްމީ ތަރިންތަކެއް ހިމެނޭ "ދަ ރޯޔަލްސް"އަށެވެ. ބަތަލާ ބޫމީ ޕެޑްނެކާރު، އިޝާން ހައްތަރު، ޒީނަތު އަމަން، ސާކްޝީ ތަންވާރު، ނޯރާ ފަތޭހީ، ވިހާން ސަމާތު، ޑީނޯ މޯރިއާ، މިލިންދު ސޮމަން އަދި ޗަންކޭ ޕާންޑޭ އަކީ މި ވެބް ސީރީޒްގެ ކާސްޓުގެ ބައެއް ތަރިންނެވެ.

ޒަމާނާ ގުޅޭގޮތަށް އިންޑިއާގެ ރަސްރަސްކަލުންގެ ޝާހީ ދިރިއުޅުން ދައްކުވައިދޭ މި ވެބް ސީރީޒްގައި ބޫމީއާއި އިޝާންގެ އުމުރުގެ ފަރަގާހުރެ ދެ ތަރިންގެ ކެމިސްޓްރީ ބައެއް މީހުންނަށް ކަމުނުދިޔަ ނަމަވެސް މި ވެބް ސީރީޒް އޮތީ ދެވަނަ ސީޒަނަކަށް ތައްޔާރުވެފައެވެ.