29 May 2025, 09:25
ފިލްމު "ގުޑް ނިއުސް" އަދި "ޖުގް ޖުގް ޖިޔޯ"ގެ ޑައިރެކްޓަރު ރާޖް މެހެތާ އަލަށް އުފައްދާ ފިލްމަށް ބޮލީވުޑްގެ ދެތަރިން ކަމަށްވާ ޖާންވީ ކަޕޫރާއި ޓައިގާ ޝްރޮފް ގެންނަން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
"ލަގް ޖާ ގަލޭ"ގެ ނަމުން އުފައްދާ މި ފިލްމު ވެސް ގެނެސްދޭނީ ދަރުމާ ޕްރޮޑަކްޝަންގެ ބެނާގެ ދަށުން ކަމަށާއި ފިލްމުގެ ޕްރޮޑިއުސަރަކީ ކަރަން ޖޯހަރު ކަމަށް ފިލްމީ ޚަބަރުތައް ބުނެއެވެ.
ޖާންވީ އާއި ޓައިގާ ފުރަތަމަ ފަހަރަށް އެކީގައި މަސައްކަތްކުރާ އަދި ބެލުންތެރިންނަށް ފެންނާނެ މި ފިލްމަކީ ލޯތްބާ އެކު ބަދަލު ހިފުމުގެ ރޫހެއް ފެންނާނެ އެކްޝަން ފިލްމެއް ކަމަށް ޕިންކްވިލާގައި ވަނީ ބުނެފައެވެ.

ޓައިގާ ޝްރޮފް ފިލްމު "ބާޣީ 4"ގެ މަންޒަރެއްގައި--ފޮޓޯ/ޕިންކްވިލާ
މި ފިލްމުގެ ވާހަކައަށް ޑައިރެކްޓަރު ރާޖް މެހެތާ ތައްޔާރުވަމުން އަންނަތާ ވަރަށް ގިނަ ދުވަސްވެފައިވާއިރު ފިލްމު އިއުލާނުކުރުން ލަސްވެފައި ވަނީ ޖާންވީ އާއި ޓައިގާގެ ފަރާތުން ފިލްމަށް އެއްބަސްވި ކަމުގެ ސިގްނަލެއް ނުލިބޭތީއެވެ.
މި އަހަރުގެ ފަހުކޮޅު މި ފިލްމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނައިރު ޓައިގާ ޝްރޮފަށް ފިލްމަށް ވަގުތު ދެވެން އޮތީ އެކްޓަރު މަސައްކަތް ފަށާފައިވާ ފިލްމު "ބާޣީ 4"ގެ މަސައްކަތް ނިމުމުންނެވެ. ހަމައެއާއެކު ޖާންވީއަށް ވެސް މި ފިލްމަށް ވަގުތު ހުސްކުރެވޭނީ ބަތަލާ މަސައްކަތް ކުރަމުން އަންނަ "ސަނީ ސަންސްކާރީ ކީ ތުލްސީކުމާރީ"ގެ މަސައްކަތް ނިމުމުންނެވެ.
ދަރުމާއިން މި އަހަރު ރިލީޒްކުރާނެ ކަމަށް ބެލެވޭ ދެ ފިލްމުގެތެރޭ ޖާންވީ މިހާރު މަސައްކަތް ކުރަމުން އަންނަ "ސަނީ ސަންސްކާރީ ކީ ތުލްސީކުމާރީ"ގެ އިތުރުން "ދަޅަކް 2" ވެސް ހިމެނެއެވެ.