29 Jul 2012, 16:43
އދ. ގެ ހިއުމަން ރައިޓްސް ކައުންސިލުން ނެެރެފައިވާ ރިޕޯޓްގައި ހިމެނޭ އިސްލާމް ދީނާހިލާފު އެއްވެސް ކަމެއް އެއްވެސް ވަރަކަށް ރާއްޖޭގައި ތަންފީޒު ކުރުމުގެ ފުރުސަތު ނުދޭނެ ކަމަށް ޕީޕީއެމުން ބުނެފި އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެޕާޓީގެ ކައުންސިލް މެންބަރު އަދި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް ވިދާޅުވީ އދ ގެ ހިއުމަން ރައިޓްސް ކައުންސިލުން ނެރެފައިވާ ރިޕޯޓަކީ އެއް އަތަކަށް ބުރަވެ ސިޔާސީ ގޮތުން ނެރެފައިވާ ރިޕޯޓެއް ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. އަދި އެ ރިޕޯޓްގައި ތަންފީޒުކުރަން ބުނެފައިވާ އެއްވެސް ކަމެއް ރާއްޖޭގައި ނުކުރެވޭނެ ކަމަށް ވެސް އެނާ ވިދާޅުވި އެވެ.
އދ ފަދަ ބޮޑު ޖަމާއަތެއްގެ ކައުންސިލަކުން ރާއްޖެއާ ގުޅެގޮތުން އެއް ފަރާތަކަށް ބުރަވެ ރިޕޯޓެއް ނެރެފައިވާތީ އެކަމާ ކަންބޮޑުވާ ކަމަށާއި އެފަދަ ރިޕޯޓެއް ނެރުމުގައި އެމްޑީޕީއާއި އެޕާޓީއާއި ގުޅިފަިއިވާ ބޭރުގެ ޖަމާއަތްތަކުގެ އަތެއްވާ ކަމަށް ވެސް މަހުލޫފު ތުހުމަތު ކުރެއްވި އެވެ.
"އަޅުގަނޑުމެން އަބަދުވެސް ދައްކަމުން އަންނަ ވާހަކެއް މިއީ، އެމްޑީޕީއާއި ބޭރުގެ ބައެއް ފަރާތްތަކާއި އެކިކަހަލަ ގޮތްގޮތައް ގުޅުން އޮވެގެން ރާއްޖެއަށް އެކިކަހަލަ ފިއްތުއްތަން އަންނަނީ. އެ ހެޔޮ ދީނީ ގޮތުންވިޔަސް މިނިވަން ކަމުގެ ގޮތުން ވިޔަސް އެކިކަހަލަ ޕްރެޝާތައް އައިސް އަޅުގަނޑުމެންގެ އަމިއްލަވަންތަކަމާއި ދީނާއި މިހުރިހާ އެއްޗެއް ނެތިގެން ދިއުމުގެ ބާރަކަށް ނުވަތަ ބާރުއެޅުމަށް އެމްޑީޕީން މަސައްކަތް ކުރަމުން ދާކަން،" މަހުލޫފު ވިދާޅުވި އެވެ.
މަހުލޫފު ވިދާޅުވީ ނެރެފައިވާ ރިޕޯޓްގައި ވަރަށް ސީރިޔަސް މައްސަލަތަކެއް ހުރި ކަމަށާއި އޭގެ ތެރޭގައި އެއް ޖިއްސުން ގުޅުން ހިންގުމަށް ފުރުސަތު ދިނުމާއި އެހެން ދީންތަކުގެ މީހުންނަށް ފުރުސަތު ލިބޭ ގޮތަށް ގާނޫނު އަސާސީ ބަދަލު ކުރުމަށް ގޮވާލުމާއި އެހެން ދީންތަކުގެ މީހުންނަށް އަޅުކަން ކުރެވޭނެ ފައްޅިތައް އެޅުމަށް ގޮވާލުމާއި މަރުގެ އަދަބު ތަންފީޒު ނުކުރެވޭނެ ކަމަށް ގޮވާލުން ހިމެނޭ ކަމަށާއި އެކަން ކަމަކީ ގަބޫލު ކުރެވޭނެ ކަންކަން ނޫން ކަމަށެވެ.
"އަޅުގަނޑުމެންގެ ރާއްޖޭގައި އެތައް ބައިވަރު ޒުވާނުން ތަކެއް މާރާމާރީ އާއި ގޭންގު މާރާމާރީތަކުގައި މިއަދު ކަތިލަމުން ކޮށަމުން މަރަމުންދާއިރު އެކަމާ ކަންބޮޑުވެގެން އަޅުގަނޑުމެން މިކަމަށް އޮތް ހައްލަކީ މަރަށް މަރުކަން ގަބޫލުކުރެވިގެން މި ވާހަކަ ދައްކާތީވެ މިކަމާ މަޝްވަރާކުރަމުން ގެންދާތީވެ އެ މައްސަލަވެސް މިތާ ތަންފީޒު ކުރެވިގެން ވާނެ ކަމެއް ނޫން ކަމަށް އެބައޮތް ހާމަކޮށްފައި،" މަހުލޫފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިގެ އެއްއަހަރު ފަހުން ރިޕޯޓް ހުށައަޅާއިރު ދީނީ ގޮތުން އޮތް އެއްވެސް ކަމަކަށް ބަދަލެއް ނުގެނެވޭނެ ކަމަށާއި އެފަދަ ރިޕޯޓެއްގައި ހިމެނޭ އެއްވެސ ކަމެއް މިރާއްޖޭގައި ކުރުމަށް ޕީޕިއެމުން ފުރުސަތު ނުދޭނަކަމަށެވެ.