މިދިޔަ ހަފްތާ އައިޖީއެމްއެޗުގައި ވިހޭ ދެބެން ވިހޭ، ދެ ކުދިން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވި މައްސަލަ އެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

ފުލުހުން ބުނީ މިމަހުގެ 23 ވަނަ ދުވަހާއި 26 ވަނަ ދުވަހު ވިހޭ ދެ ކުއްޖަކު މަސްތުވާތަކެއްޗަށް ޕޮޒިޓިވްވި މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި ވިހެއި ތުއްތު ދެ ކުދިންނަށް އައިޖީއެމްއެޗްގެ ނާސަރީގައި ފަރުވާދެމުން އަންނައިރު އެކުދިންގެ މަންމަމެންވެސް ތިބީ އެޑްމިޓްކޮށްފަ އެވެ. އަދި މި ދެބެންވެސް އުޅެނީ މީހަކާއި އިދެގެން ކަންވެސް ވަނީ އެނގިފަ އެވެ.

ޖެންޑާ މިނިސްޓްރީން މިއަދު ބުނީ އެފަދަ ދެ ކުއްޖެއް މައްސަލަ ބަލަމުން އަންނަ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

މިފަހަކަށް މަސްތުވާތަކެތީގެ ސީރިއަސް މައްސަލަތަކެއް އަންނަނީ ފެންމަތިވަމުންނެވެ. އެގޮތުން ކުޅޭ ބުދެއްގެ ތެރެއަށް ލައިގެން ލ ގަމަށް މަސްތުވާތަކެތި ގެންދަން އުޅުނު 15 ކުއްޖަކު ފުލުހުން ވަނީ މިމަސް ތެރޭ ހައްޔަރުވެސް ކޮށްފަ އެވެ.