އޭއައި ޗެޓްބޮޓްތައް އުފައްދާ ކުންފުނި، އެންތްރޮޕިކް އިން، އެ ކުންފުނީގެ މަޝްހޫރު އޭއައި ޗެޓްބޮޓް ކަމަށްވާ ކްލޯޑްގެ ހިލޭ ބޭނުންކުރާ ފަރާތްތަކަށް ވެސް ވެބް ސާޗް ކުރުމުގެ ފީޗާ ތަޢާރަފްކޮށްފިއެވެ. މީގެ އިތުރުން، މޮބައިލް އެޕްތަކުގައި ވޮއިސް މޯޑްގެ ބީޓާ ޓެސްޓްތައް ވެސް އެ ކުންފުނިން ވަނީ ފަށާފައެވެ.

މި ފީޗާ މީގެކުރިން ލިބެމުން އައީ ހަމައެކަނި ފީ ދައްކައިގެން ކްލޯޑް ބޭނުންކުރާ ފަރާތްތަކަށެވެ. އެކަމަކު މިހާރު ކްލޯޑްގެ ހުރިހާ ގިންތިއެއްގެ ޔޫޒަރުންނަށް ވެސް މި ޚިދުމަތްތައް ހިލޭ ލިބޭނެއެވެ.

މިދިޔަ މާރިޗު މަހު މި ފިޗާތައް ތަޢާރަފްކޮށްފައިވާއިރު، އެންތްރޮޕިކް އިން ބުނާގޮތުގައި، ކްލޯޑް އިންޓަނެޓާ ގުޅާލުމުން، އޮންލައިންކޮށް ލިބެންހުރި އެންމެ ފަހުގެ މައުލޫމާތުގެ މައްޗަށް ބިނާކޮށް، އިތުރު ސައްހަ ޖަވާބުތަކެއް ފޯރުކޮށްދޭނެއެވެ. އަދި މި އަދުން ފެށިގެން މި ފީޗާ ކްލޯޑްގެ ހުރިހާ ޔޫޒަރުންނަށް ލިބެން ހުންނާނެ ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

މީގެ އިތުރުން، އެންތްރޮޕިކް އިން ވަނީ އެ ކުންފުނީގެ މޮބައިލް އެޕްތަކަށް ވޮއިސް މޯޑްގެ ބީޓާ ޓެސްޓްތައް ފަށާފައެވެ. މި ފީޗާގެ ސަބަބުން، ޔޫޒަރުންނަށް އާންމުކޮށް ވާހަކަދައްކާ އުސޫލުން ކްލޯޑްއާ މުއާމަލާތްކުރެވޭނެއެވެ. މިއީ ކުރިންވެސް ލިބެންހުރި ޑިކްޓޭޝަން ޓޫލްތަކުގެ ފުޅާ ދާއިރާއެއްގައި ތަޢާރަފްކުރި އިތުރު ފީޗަރެކެވެ.

ކްލޯޑްއަށް ހާއްސަކުރެވޭނެ ފަސް އަޑެއް ލިބެން ހުންނައިރު، ވާހަކަ ނިމުމުން އޭގެ ފުރިހަމަ ޓްރާންސްކްރިޕްޓާއި ހުލާސާ ވެސް މި އޭއައި އެސިސްޓެންޓުން ފޯރުކޮށްދޭނެއެވެ.

މިދިޔަ މޭ މަހަކީ އެންތްރޮޕިކްއަށް ވަރަށް ބުރަ މަހެކެވެ. އެގޮތުން، މިދިޔަ ހަފްތާގައި އެ ކުންފުނިން ވަނީ ދެ މޮޑެލްއެއް އަލަށް ނެރެފައެވެ. އެއީ، އެކި ޓޫލްތައް އެއްފަހަރާ ބޭނުންކުރެވޭ އަދި އެތައް ގަޑިއިރެއް ވަންދެން މަސައްކަތްކުރެވޭ، ކޯޑިންއަށް ހާއްސަ 'އޯޕަސް 4' އާއި، އަވަސް އަދި މާ އުނދަގޫ ސުވާލުތަކަށްވެސް ޖަވާބުދެވޭގޮތަށް ފަރުމާކޮށްފައިވާ ހައިބްރިޑް ރީޒަނިން މޮޑެލްއެއް ކަމަށްވާ 'ސޮނެޓް 4' އެވެ. މިހާރު ކުރިއަށްދާ ވޮއިސް މޯޑްގެ ބީޓާ ޓެސްޓިންގގައި ބޭނުންކުރާނީ ސޮނެޓް 4 އެވެ.

އެންތްރޮޕިކް އަކީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)ގެ ދާއިރާގައި ހަރަކާތްތެރިވާ، އަދި ޚާއްޞަކޮށް ރައްކާތެރި އަދި އިތުބާރު ހިފޭ އޭއައި ނިޒާމުތައް ތަރައްޤީކުރުމަށް އިސްކަންދޭ ކުންފުންޏެކެވެ. އެ ކުންފުނީގެ މައިގަނޑު އުފެއްދުމަކީ 'ކްލޯޑް' ނަމަކަށް ކިޔާ ޗެޓްބޮޓްތަކުގެ އާއިލާއެކެވެ. މިއީ އޯޕަންއޭއައިގެ ޗެޓްޖީޕީޓީ އާއި ގޫގުލްގެ ޖެމިނީ ފަދަ މަޝްހޫރު ޗެޓްބޮޓްތަކާ އެއްފަދަ ޚިދުމަތްތަކެއް ފޯރުކޮށްދޭ، ވާދަވެރި ޕްލެޓްފޯމެކެވެ.

ކްލޯޑްގެ ޚާއްޞަ ސިފަތަކުގެ ތެރޭގައި ދިގު ލިޔުންތައް ފަހުމްކޮށް ތަޙްލީލުކުރުމުގެ ޤާބިލުކަމާއި، އިންސާނީ ބަހުރުވައިގައި ފަސޭހައިން މުޢާމަލާތްކުރުމުގެ ކުޅަދާނަކަން ހިމެނެއެވެ. އާންމުކޮށް، މިފަދަ ކުންފުނިތަކުން އެންމެ ފަހުގެ ފީޗާތައް ފުރަތަމަ ތަޢާރަފްކުރަނީ ފީ ދައްކާ ބޭނުންކުރާ ފަރާތްތަކަށް ކަމަށްވާއިރު، ފަހުން އެ ފީޗާތައް ހިލޭ ބޭނުންކުރާ ފަރާތްތަކަށް ފޯރުކޮށްދިނުމަކީ ޔޫޒާ ބޭސް ފުޅާކޮށް، ޕްލެޓްފޯމްގެ މަޤުބޫލުކަން އިތުރުކުރުމަށް އަޅާ ފިޔަވަޅެކެވެ.

ވެބް ސާޗް އަދި ވޮއިސް މޯޑް ފަދަ ފީޗާތައް އިތުރުކުރުމަކީ، މި ޗެޓްބޮޓްތައް އިތުރަށް ބޭނުންތެރި އަދި ފަސޭހައިން ބޭނުންކުރެވޭ އެއްޗަކަށް ހެދުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެކެވެ.