29 Jul 2012, 16:29
މާލޭގެ ކުނި ނައްތާލުމުގެ މަސައްކަތް ކުރަން މާލޭ ސިޓީ ކައުންސިލަށް 62 މިލިއަން ރުފިޔާގެ ސަޕްލިމަންޓްރީ ބަޖެޓެއް ދޫކުރަން ފިނޭންސް މިނިސްޓްރީން އެއްބަސްވެއްޖެ އެވެ.
ބަޖެޓު ނުލިބިގެން މާލޭގެ ކުނި ނައްތާލުމަށް ދަތިވެފައި ވަނިކޮށް އެ މަސައްކަތަށް ސިޓީ ކައުންސިލަށް ބަޖެޓް ދޫކުރުމަށް ސަރުކާރުން އެއްބަސްވީ ސިޓީ ކައުންސިލްގެ މެންބަރުންނާއެކު ފިނޭންސް މިނިސްޓާ އިއްޔެ ބޭއްވި މަޝްވަރާތަކަށް ފަހު އެވެ.
މާލޭ ސިޓީ ކައުންސިލްގެ މެންބަރު މުހަންމަދު އަބްދުލް ކަރީމް (ރުކުމާ) މިއަދު ވިދާޅުވީ މާލޭ ސިޓީ ކައުންސިލުގެ މެންބަރުންނާއެކު ފިނޭންސް މިނިސްޓާ އިސް ނަންގަވައިގެން އިއްޔެ ބޭއްވި ބައްދަލުވުމުގައި 62 މިލިއަން ރުފިޔާގެ ބަޖެޓެއް ކުނި ނައްތާލުމަށް ދޭން އެއްބަސްވެފައިވާ ކަމަށާއި އެ ފައިސާ ޓްރާންސްފާ ކުރުމަށް ލިޔެކިޔުމުން ފުރިހަމަ ކުރަންޖެހޭ ކަންތައްތައް ފުރިހަމަ ކުރަމުން އަންނަ ކަމަށެވެ.
"އަޅުގަނޑު ވަރަށް ޝުކުރު ދަންނަވަން މިނިސްޓަރަށް. މިނިސްޓާ އަޅުގަނޑުމެންނަށް އިއްޔެ ކޯލް ކުރެއްވީ ބަންދު ދުވަހެއް ކަމުގައި ވީނަމަވެސް، ކޯލް ކުރައްވާފައި އަޅުގަނޑުމެން ގެންދަވައި އިތުރަށް ބޭނުންވާ ފައިސާ އޮޅުންފިލުއްވާ ބަޖެޓް ދޫކުރައްވަން އެއްބަސްވެ ވަޑައިގަތީ، އަދި އަޅުގަނޑުމެންނަށް ލިބެންވެފައި ހުރި ފައިސާއާއި ތިލަފުށިން ލިބިފައި ހުރި ފައިސާގެ ތަފްސީލް ވެސް އޮޅުންފިލުވައިދެއްވި،" މިނިސްޓަރާއެކު ބޭއްވި ބައްދަލުވުމާއި ގުޅޭ ގޮތުން ރުކުމާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މާލޭގެ ކުނި ނައްތާލުމަށް އަހަރެއްގެ މައްޗަށް 80 މިލިއަން ރުފިޔާ ބޭނުންވާ ކަމަށާއި ނަމަވެސް މިހާތަނަށް ފިނޭންސް މިނިސްޓްރީން ދޫކޮށްފައި އޮތީ ތިން މަހަށް ބޭނުންވާ ފައިސާ ކަމަށެވެ. އަދި ވިދާޅުވީ މަސައްކަތާއި އެއްވަރަށް ފައިސާ ދޫކޮށްފައި ނެތުމުން ކުނި ނައްތާލުމުގެ މަސައްކަތާއި ގުޅުން ހުރި 20 މިލިއަން ރުފިޔާގެ ބިލް ނުދެއްކި ހުރި ކަމަށާއި ފިނޭންސް މިނިސްޓްރީން އެއްބަސްވި ފައިސާ ލިބުމުން ދަރަނި އަދާކުރެވޭނެ ކަމަށެވެ.
"ތެލަށް އެކަނިވެސް އެބަ އުޅޭ ހަ މިލިއަނެއްހާ ރުފިޔާ ނުދައްކާ، ޖުމްލަވެސް އެބަ އުޅޭ 20 މިލިއަން ފައިސާ ނެތިގެން އަޅުގަނޑުމެންނަށް ނުދެއްކި ހުރި ބިލްތައް، މިނިސްޓްރީން އެއްބަސްވި ބަޖެޓް ދޫކުރީމައި އެ ފައިސާ ދައްކާލައި އަޅުގަނޑުމެންނަށްވެސް ހަމަޖެހިލުމެއް ލިބޭނެ،" ރުކުމާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފިނޭންސުން އިތުރަށް ދޫކުރާ ބަޖެޓްގެ ތެރެއިން ކުނި ނައްތާލުމަށް ބޭނުންކުރާ މެޝިނަރީތައް މަރާމާތު ކުރުމާއި ކުނިނައްތާލުމަށް އިތުރަށް ކުރަންޖެހޭ ގިނަ މަސައްކަތްތައް ކުރެވޭނެ ކަމަށެވެ.
ފިނޭންސް މިނިސްޓްރީންވެސް ބުނީ ސިޓީ ކައުންސިލަށް އެ ފައިސާ ދޫކުރުމަށް ކުރަން ޖެހޭ ކަންކަން ކުރިއަށްދާ ކަމަށެވެ.
ސިޓީ ކައުންސިލްގެ ތަފާސްހިސާބުތައް ދައްކާގޮތުން އާންމު މަސްމަހު މާލެއިން ދުވާލެއްގެ މައްޗަށް 750 ޓަނުގެ ކުނި އުކާލަ އެވެ. ރޯދަމަހާ އެކު އެ އަދަދު ޑަބަލްވެ މާލެއިން އުކާލާ ކުނީގެ ނިސްބަތް ވަނީ 900 ޓަނާ ހަމައަށް އުފުލިފަ އެވެ.