28 May 2025, 11:43
އެފްއޭއެމް ލީގު ކަޕުގެ ފައިނަލުގައި އޮޑި ސްޕޯޓްސް ކްލަބުން މިރޭ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެކޮޅަށް ކުޅޭ މެޗު ކާމިޔާބުކުރެވުން ވާނީ އެ ޓީމު ލީގަށް ނިކުންނައިރު ކުޅުންތެރިންނަށް ލިބޭނެ ބޮޑު ހިތްވަރަކަށް ކަމަށް އޮޑީގެ ތަޖުރިބާކާރު ކުޅުންތެރިޔާ ހުސެއިން ނިހާން (ނިހާޓް) ބުނެފިއެވެ.
މުބާރާތުގެ ފައިނަލުގައި މިރޭ މާޒިޔާ އާއި އޮޑި ބައްދަލުކުރާ މެޗުގެ ކުރިން ވާހަކަދައްކަމުން ނިހާނު ބުނީ އޮޑިން އޮތީ މި މެޗަށް ވަރަށް ބޮޑަށް ތައްޔާރުވެފައި ކަމަށާއި އަމާޒަކީ މެޗު ކާމިޔާބުކުރުން ކަމަށެވެ.
ނިހާން ބުނީ މާޒިޔާގައި ތިބި ކުޅުންތެރިންނަށް ބެލިޔަސް އެއީ ރާއްޖޭގައި މިވަގުތު ތިބި އެންމެ ތަޖުރިބާކާރު ކުޅުންތެރިން ކަމަށެވެ. އެކަމަކު އޮޑި ސްޕޯޓްސްއިން މި މެޗަށް ތައްޔާރުވާނީ އެ ކުޅުންތެރިންގެ ކޮލެޓީ އެނގިގެން ކަމަށް އޭނާ ބުންޏެވެ.
މީގެއިތުރުން މި މުބާރާތް ކާމިޔާބުކުރެވިއްޖެ ނަމަ އެއީ އެ ޓީމަށް އިތުރު ކުޅުންތެރިން ހޯދައި ލީގަށް ރެޑީވުމަށް ލިބޭނެ ފަސޭހައެއްގެ ގޮތުގައިވެސް ވަނީ ފާހަގަކޮށްފައެވެ. މާޒިޔާއަށް ގިނަ އަހަރުތަކެއް ކުޅެދިން ނިހާން ބުނީ ރާއްޖޭގެ ސީނިއާ ފުޓުބޯޅަ ޓީމުގައި ހިމެނޭ އެންމެ ރަނގަޅު ކުޅުންތެރިން ތިބީ މާޒިޔާގައި ކަމަށާއި މި މެޗަށް ނުކުންނައިރު، މާޒިޔާ ޕްލޭޔަރުންގެ ކޮލެޓީއާ ހުރިހާ އެއްޗެއް އެނގި ތައްޔާރު ކަމަށެވެ.
މުބާރާތުގެ ފައިނަލަށް އޮޑި ދަތުރުކުރީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބާއި ވާދަކޮށް މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރުވަގުތުގެ ތެރޭގައި ކާމިޔާބުކުރި ލަނޑާއެކު 2-1ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ. ފަސް ޓީމާއެކު ކުޅުނު ލީގު ބުރުގައި އޮޑި އާއި މާޒިޔާ ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.
އެފްއޭއެމް ލީގު ކަޕުގައި އޮޑި ސްޕޯޓްސް ކުލަބާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބައްދަލުކުރާ މެޗު ފަށާނީ ރާއްޖެގަޑިން މިރޭ 21:00 ގައެވެ.