ގައުމީ ހެލްތު އިންޝްއަރެންސްގެ ނިޒާމު، އާސަންދައިގެ ދަށުން އަމިއްލަ ތަންތަނުން ފަރުވާ ހޯދާއިރު ހިދުމަތަށް އަރާ ޖުމްލަ އަގުގެ ވަކި ޕަސެންޓެއް ހިދުމަތްހޯދާ ފަރާތުގެ އަތުން ދައްކަން ޖެހޭ ގޮތަށް ހަމަޖައްސައިފި އެވެ.

އާސަންދަ ކުންފުނިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ އަމިއްލަ ހޮސްޕިޓަލްތަކާއި ކްލިނިކްތަކުން އާސަންދައިގެ ހިދުމަތް ފޯރުކޮށްދިނުމަށް ރައީސުލް ޖުމްހޫރިއްޔާ ނިންމެވުމާ ގުޅިގެން މިކަމާބެހޭ އުސޫލުތަކާއި މިންގަނޑުތައް އެކުލަވާލައި، އިދާރީ ނިޒާމުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސްފައިވާ ކަމަށެވެ.

އަންނަ އޯގަސްޓް މަހުން ފެށިގެން އަމަލު ކުރަން ފަށާ އެ އުސޫލުގެ ދަށުން ސިއްހީ ހިދުމަތްދޭ އަމިއްލަ ތަންތަނުން ހިދުމަތްތަކަށް ނަގާ އަސްލު އަގާއި ތަފާތު އަގު ލިސްޓެއް، އާސަންދަ ކުންފުނިން ކަނޑައަޅައި، ހިދުމަތް ހޯދާ މީހާގެ އަހަރަކަށް ކަނޑައަޅާފައިވާ ފައިސާއިން ދޭނީ އެ އަގެވެ. އަދި އާސަންދައިގެ އަގު ލިސްޓަށް ވުރެ ބޮޑުވާ ބައި ދައްކަން ޖެހޭނީ ހިދުމަތް ހޯދާ މީހާ އެވެ.

"... އޮގަސްޓް 2012 އިން ފެށިގެން އާސަންދައިގެ ހިދުމަތްދޭ އަމިއްލަ މަރުކަރުޒުތަކުން ހޯދާ ހިދުމަތްތަކަށް މި ކުންފުނިން ދިނުމަށް ކަނޑައަޅާފައިވާ އަގުގެ އިތުރުން އެ މަރުކަޒުތަކުން ކަނޑައަޅާ މިކުންފުންޏާ އެކު އެއްބަސްވެފައިވާ އަގުތައް ހިދުމަތް ހޯދާ ފަރާތްތަކުން ނެގުމުގެ ފުރުސަތު ދީފައި ވާނެއެވެ. މިގޮތުން ޑޮކްޓަރަށް ދެއްކުމާއި އެހެނިހެން ހިދުމަތްތަކުގެ އަގުގެ ބައެއް ހިދުމަތް ހޯދާ ފަރާތުން ދައްކަން ޖެހުމަކީ އެކަށީގެންވާ ކަމެކެވެ،" އާސަންދަ ކުންފުނީގެ ބަޔާނުގައި ވެއެވެ.

ސަރުކާރުން މީގެ ކުރިން ތައާރަފް ކުރި ހެލްތް އިންސުއަރެންސް ސްކީމް، މަދަނައިން ހިދުމަތް ދެމުން އައީ ހިދުމަތް ހޯދާ މީހުންގެ އަތުން ވަކި ޕަސެންޓެއް ނަގާ ގޮތަށެވެ. ނަމަވެސް އެ ސްކީމް ވަނީ މިހާރު އުވާލައިފަ އެވެ.

އާސަންދައިގެ ދަށުން ޕްރައިވެޓް ކްލިނިކްތަކުން ހިދުމަތް ހޯދޭ ގޮތަށް ބަދަލުއަޔަސް ސަރުކާރުގެ ހޮސްޕިޓަލްތަކުން ހިދުމަތްދޭ އުސޫލަށް ބަދަލެއް ނާންނާނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.