އެމެރިކާއިން ބިދޭސީ ދަރިވަރުންނަށް ވިސާ ދިނުން ވަގުތީ ގޮތުން މެދުކަނޑާލަން ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ އަންގަވައިފިއެވެ.

ރޫބިއޯ ސޮއިކުރައްވައި އެ އޮފީހުން އެމްބަސީތަކަށާއި ކޮންސިއުލޭޓްތަކަށް ފޮނުވި ލިޔުމުގައި ބުނެފައި ވަނީ ސްޓޫޑެންޓް ނުވަތަ އެކްސްޗޭންޖް ވިސާއަށް އިތުރު އެޕޮއިންޓްމަންޓެއް ދިނުން، އެކަމާ މެދު ވަކި ގޮތަކަށް އަންގަންދެން މެދުކަނޑާލުމަށެވެ.

އެފަދަ ވިސާތައް ދިނުމުގެ ކުރިން، ވިސާއަށް އެދޭ މީހުންގެ ސޯޝަލް މީޑިއާ އެކައުންޓްތައް ބަލަންޖެހޭ ގޮތުގެ އާ އިރުޝާދެއް ދޭނެ ކަމަށް ވެސް އެ ލިޔުމުގައިވެއެވެ.

ރޫބީއޯގެ އެ ލިޔުމާ ގުޅޭ ގޮތުން އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނު ޓެމީ ބްރޫސް ވިދާޅުވީ ގައުމަށް އެތެރެވަނީ ކޮން ބައެއްތޯ ބެލުމުގެ މަރުހަލާ ވަރަށް ސީރިއަސްކޮށް ނަގާ ކަމަށެވެ.

އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މަތިގެ ކަމަށްވާ ސެނެޓުގައި މިދިޔަ ހަފުތާގައި ބޭއްވި އަޑުއެހުމެއްގައި ރޫބިއޯ ވިދާޅުވީ ޖެނުއަރީ 20 ވަނަ ދުވަހު ޓްރަމްޕް ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އެތައް ހާސް ވިސާއެއް ކެންސަލް ކޮށްފައިވާ ކަމަށެވެ. އޭގެތެރޭގައި އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ހިންގާ ލާއިންސާނީ އަމަލުތަކާ ދެކޮޅަށް އަޑު އުފުލާ ދަރިވަރުން ގިނައެވެ. އެމެރިކާއިން ބަލަނީ އެއީ ޔަހޫދީންނާ މެދު ނަފްރަތު އުފައްދާ މީހުން ކަމަށެވެ.

މި ފިޔަވަޅަކީ ޓްރަމްޕްގެ ވެރިކަމުގައި ޔުނިވާސިޓީތަކަށާއި ދަރިވަރުންނަށް ޕްރެޝަރު ބޮޑުކޮށް އެމެރިކާގައި ކިޔަވަން އުޅޭ ބިދޭސީ ދަރިވަރުންނަށް އަމާޒުކޮށް އެޅި އެންމެ ހަރުކަށި އެއް ފިޔަވަޅެވެ. އޭގެކުރިން އެމެރިކާއިން ވަނީ ހާވާޑް ޔުނިވާސިޓީން ބިދޭސީ ދަރިވަރުންނަށް ފުރުސަތު ދިނުންވެސް މަނާކޮށްފައެވެ.

އެ ޔުނިވަސިޓީގައި މިހާރު ވެސް 25 ޕަސެންޓަށް ވުރެ ބޮޑު އަދަދަކަށް ބިދޭސީ ދަރިވަރުން އެތަބިއްބެވެ. ދަރިވަރުންގެ އަތުން އަހަރަކު އެތައް ހާސް ޑޮލަރެއް ޓިއުޝަން ފީގެ ގޮތުގައި ނަގަމުން އަންނައިރު، މިއީ ޔުނިވަސިޓީއަށް ލިބޭނެ މާލީ ބޮޑު ގޮންޖެހުމަކަށް ވާނެއެވެ. ސަރުކާރުން މިހާރުވެސް އެ ޔުނިވަސިޓީގެ 2.2 ބިލިއަން ޑޮލަރުގެ ފަންޑު ވަނީ ހިފަހައްޓާފައެވެ.

ޔަހޫދީންނާ ދެކޮޅު ފިކުރުތައް ހުއްޓުވަން އަޅާ ފިޔަވަޅުތަކަށް އެ ޔުނިވާސިޓީން އެއްބާރުލުން ނުދޭ ކަމަށް ބުނެ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މީގެ ކުރިން ވެސް ވަނީ ޔުނިވާސިޓީއާ ދެކޮޅަށް ފިޔަވަޅުތަކެއް އަޅުއްވައިފައެވެ.